މާލޭގެ ގެއެއްގެ ތެރެއިން ގިނައަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ކުރީގެ ފިލްމީ ތަރި މ. މާހަލް އިބްރާހީމް ޣިޔާސް (ދާސް) އާއި އިތުރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލައިފި އެވެ.

ދާސްގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ފެހުންތެރިޔާ މާލޭ ދަފްތަރު 5652 މިރުފަތު ހަނީފު (ހަނީ) ގެ މައްޗަށެވެ.

އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވާފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގ. ކަމަދޫގޭގެ ތިން ވަނަ ބައިގައި ތިއްބައި މަސްތުވާތަކެއްޗާ އެކު އެ ދެ މީހުން ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އެ ދެ މީހުން ތިބި އެޕާޓްމަންޓަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައިހުރި 15 ރަބަރު ޕެކެޓާއި ބްލެޓް ސައިޒުގެ ހަ ރަބަރު ޕެކެޓުގެ އިތުރުން 71،000 އަށްވުރެ ގިނަ ރުފިޔާ އާއި 50 ޑޮލަރު ވަނީ ފެނިފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ދެ މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މި އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.

ހަތަރު ގުރާމަށްވުރެ ގިނަ ޑައިމޯފިން މީހެއްގެ އަތުގައި ހުރެއްޖެނަމަ އެއީ ޑައިމޯފިން ޓްރެފިކް ކުރުން ކަމުގައި ބެލެވޭނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ވަނީ ބުނެފަ އެވެ.