ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލި އިރު ރ. ރަސްމާދޫ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓް އާންމު ކުރެވިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރަސްމާދޫ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލި އިރު އާންމުކުރެވިފައި ނުވަނީ އިދާރީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ އިދާރީގޮތުން ދިމާވި އެ މައްސަލައާ ގުޅިގެން މިއަދު ހަވީރު 4:00 އާއި ހަމައަށް ރަސްމާދޫ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ކަމަށެވެ.

"އެއީ އިދާރީގޮތުން ދިމާވި މައްސަލައެއް. އެހެންނަމަވެސް މި މަހުގެ 17 ވަނަ ދުވަހު އެ ލިސްޓް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓަށް އަޕްލޯޑުކޮށް އާންމުކުރެވުނު. އަދި ރަސްމާދޫ ރައްޔިތުންގެ ތެރެއިން މާލޭގައި ތިބެގެން ވޯޓު ލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހަވީރު 4:00 އާއި ހަމައަށް ވަނީ ހުޅުވާލާފައި،" ފުއާދު ވިދާޅުވި އެވެ.

މިއަދު ހަވީރު 4:00 ގެ ފަހުން ރަސްމާދޫ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންނަށް ޝަކުވާ ހުށަހެޅުމަށް އިތުރު މުހުލަތެއް ނުދެވޭނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 154 ޝަކުވާ ހުށަހެޅިފައިވާކަމަށެވެ. އެ ޝަކުވާތަށް ބެލުމަށް ފަހު ހައްލުކުރަންޖެހޭ ކަންތައް ހައްލުކޮށްފައިވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.