ޕްރިންސެސް ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ އެންގޭޖްމަންޓް އަގޮނޓިން ޕްރިންސް ވިލިއަމް އެންގޭޖް ކުރައްވައިފިކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ. ބީބީސީ ނިއުސްގައި ވާގޮތުން ޕްރިންސް ވިލިއަމް އާއި އޭނާގެ ޒަމާންވީ ލޯބިވެރިއާ ކޭޓް އާއި އެންގޭޖް ކުރައްވާފައި ވަނީ މިއަހަރު އޮކްޓޫބަރު މަހު ކެންޔާގައި އެވެ.


ޕްރިންސް ވިލިއަމް ވިދާޅުވެފައި ވަނީ މިވަގުތަކީ އެންގޭޖް ކުރެއްވުމަށް އެންމެ ކަމުދާ ވަގުތު ކަމަށެވެ. އުމުރުން 28 އަހަރުގެ ވިލިއަމް ވިދާޅުވާ ގޮތުގައި އޭނާގެ މަންމަ ޑަޔާނާގެ ޖަވާހިރު ޖަހާފައިވާ އެންގޭޖްމަންޓް އަނގޮއްޓި އޭނާއަށްވުރެ ހަ މަސް ދޮށި ކޭޓްއަށް ހަދިޔާ ކުރީ އޭނާގެ ލޯބިވެރިޔާގެ މުހިންމުކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި އޭނާ އެ އަނގޮށްޓިން އެންގޭޖް ކުރެއްވުމުގެ ފަހަތުގައިވާ މަގުސަދުތަކުގެތެރޭގައި އޭނާގެ މަންމަގެ ހަނދާންތައް އާ ކުރުން ހިމެނޭކަމުގައި ވެސް ވިދާޅުވި އެވެ. "މިއީ އެންމެ ރަނގަޅު ވަގުތު. އަހަރުމެން ދެމީހުން މިތިބީ ވަރަށް އުވާފަ. އަހަރެން ވަރަށް ފަހުރުވެރިވަން މިކަން ކުރެވުނީތީ" ނޫސްވެރިންނަށް މައުލޫމާރު ދެމުން ވިލިއަން ވިދާޅުވި އެވެ. މި އެންގޭޖްމަންޓާ ގުޅިގެން ރާނީ އެލިޒަބަތު ވިދާޅުވެފައިވަނީ ވިލިއަމް އާއި ކޭޓްގެ ގުޅުމާމެދު އެކަމަނާވެސް ވަރަށް ހިތްޕުޅާވާކަމަށެވެ. ކޭޓްގެ ބެލެނިވެރިން ވެސް ބުނެފައިވަނީ އެ މީހުން ވެސް އެ ދެމީހުންގެ ގުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމުގައި އެވެ. ކޭޓް އާއި ވިލިއަމް ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ލަންޑަނުގައި ކަމަށް ބީބީސީ ބުނެ އެވެ. އިންގިރޭސި ވިލާތުގެ ވިޔަފާރިވެރިއެއްގެ އެންމެ ދޮށީ ދަރިކަމުގައިވާ ކޭޓްއާއި ވިލިއަމް ދިމާވެފައިވަނީ ސެއިންޓް އެޑްވާޑް ޔުނިވާސިޓީގައި އެ ދެމީހުން ކިޔަވާވިދާޅުވަން އުޅުއްވި ދުވަސް ވަރުގައި އެވެ. އެ ދެ ބޭފުޅުން ބައްދަލުވީ އެ ކޮލެޖުގައި ހިސްޓްރީ އޮފް އާޓްސް ހަދަން އުޅުނު އިރު 2001 ވަނަ އަހަރުގައި އެވެ. ނަމަވެސް އެ ދެ ބޭފުޅުން ގުޅުން މީޑިއާއަށް ހާމަވެފައިވަނީ 2005 ވަނަ އަހަރު އަހަރު މީޑިއާއަށް ހާމަވި ފޮޓޯ ތަކަކާ ގުޅިގެނެވެ. ނަމަވެސް ދެބޭފުޅުންގެ ގުޅުން ރަސްމީކޮށް މީޑިއާއަށް ހާމަކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ.