އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ހިންގާ ބ. ދަރަވަންދޫ އެއާޕޯޓުގައި ސީއައިޕީ ލައުންޖެއް މިއަދު ހުޅުވައިފި އެވެ.

އެ ރަށު އެއާޕޯޓުގެ ޓާމިނަލް ކައިރީގައި ވަކިން ހަދާފައިވާ "ކަށިމާ ލައުންޖް" ހުޅުވައިދެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވް ހުސެއިން ޖަލީލެވެ.

ސަރުކާރު 100 ހިއްސާވާ ވައިގެ ހިދުމަތްދޭ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެއްފަހަރާ 44 މީހުންނަށް ހިދުމަތްދެވޭ ގޮތަށް ހަދާފައިވާ ލައުންޖުން ހިދުމަތް ހޯދާ ދިވެހިންނަށް ބޮލަކަށް 100ރ. ޗާޖުކުރާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ހުރިހާ ރިސޯޓްތަކާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓުންނަށް މިއަދުން ފެށިގެން ހިދުމަތްދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނުން ކޮފީ އާއި ސައި އަދި ސޮފްޓް ޑްރިންކްގެ އިތުރުން ލުއިކާނާ ވެސް ލިބެން ހުންނާނެ. އަޅުގަނޑުމެން އުއްމީދުކުރަނީ ކަސްޓަމަރުން ހިތްހަމަޖެހޭ ފެންވަރުގެ ހިދުމަތެއް މިތަނުން ލިބެން ހުންނާނެ ކަމަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ކޯސްޓްލައިނުން ތަރައްގީކުރި އެއާޕޯޓް ހުޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އެވެ.