20 Aug 2013, 14:28
އިންޑިއާގެ މަރުކަޒީރަށް މުމްބާއީގެ މަގުމަތީގައި ބިކަހާލުގައި ނިދައި ކައިބޮއި ހަދަމުން ދިޔަ ކުރީގެ މުއްސަނދި އެޑިޓަރެއްގެ ވާހަކަ އެންޑީޓީވީން އާދީއްތަ ދުވަހު ގެނެސްދިނެވެ.
ފަސް ބަހަކުން ދޫފަސޭހަކަމާ އެކު ވާހަކަ ދައްކާ އުމުރުން 65 އަހަރުގެ ސުނީތާގެ ވާހަކަތައް އާއްމުންނާ ހަމައަށް ގެނެސްދިނީ އެންޑީޓީވީގެ "ސަންޑޭ، މިޑްޑޭ" ޕްރޮގްރާމްގަ އެވެ. ކުރީގެ މިލިޔަނަރުގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވީ އެންޑީޓީވީގެ ރިޕޯޓްގެ ސަބަބުންނެވެ.
އެންޑީޓީވީގެ ވެބްސައިޓް ކިޔާމީހެއް ކަމަށްވާ ޖޯޖް މިސްކީތާ އާއި އަންހެނުން ކްރިސްޓިން މިހާރު ވަނީ ސުނީތާ އަށް އެހީތެރިވެދީފަ އެވެ. ސުނީތާއާއި ސާޝީ ނަމަކަށް ކިޔާ އޭނާގެ ކުއްތާއަށް މުމްބާއީގެ ވިލް ޕަރްލޭ ނަމަކަށް ކިޔާ އަވަށުގައިވާ ޖޯޖްގެ ގެއިން މިހާރު ވަނީ ހިޔާވަހިކަން ދީފަ އެވެ.
ޖޯޖާއި އޭނާގެ އަންހެނުން ސުނީތާއަށް އެހީތެރިވާން ނިންމީ އާދީއްތަ ދުވަހު އެންޑީޓީވީގެ ރިޕޯޓް ކިއުމަށް ފަހު ކަމަށް އޭނާ މިއަދު އެޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. އެދެމަފިރިން ވަނީ އެމީހުންގެ ނިންމުމަށް އަމަލީ ސިފަ ގެނެސް، ސުނީތާ ގެއަށް ގެންދިޔައީ އިއްޔެ ކަމަށް އޭނާ ބުނެފައިވެ އެވެ.
"ރިޕޯޓް ކިއުމުން އަހަރެން ގައިން ހީބިހި ނެގި، އަހަރެމެންގެ އާއިލާގެ މެމްބަރަކަށް ވުމަށް އޭނާގެ ކިބައިން އެދެން ނިންމީ އެވަގުތު،" އެންޑީޓީވީއާ ވާހަކަ ދައްކަމުން ޖޯޖް ބުނެފައި ވެއެވެ.
ސުނީތާއަށް ހިޔާވަހިކަންދޭން ކުރިން އެދުނު ބައެއް މީހުންނަށް އޭނާ އިޖާބަ ނުދިނީ އޭނާގެ ކުއްތާ ސާޝީ ދޫކޮށްލަން ޖެހޭތީއެވެ. ނަމަވެސް ޖޯޖްގެ އާއިލާއާ އޭނާ ގުޅުމުން ސާޝީއަށް ވެސް ވަނީ އާއިލީ 10 މެމްބަރުން ލިބިފައެވެ.
އިއްޔެއާ ހަމައަށް މަގުމަތިވެފައި އިން ސުނީތާއަކީ 1980 ގެ އަހަރުތަކުގައި ދެ އެޕާޓްމެންޓާއި ބަންގަލޯއަކާއި ދެކާރު އޭނާގެ މިލްކިއްޔާތުގައި ހުރި މުއްސަނދި އަންހެނެކެވެ. އޭނާއަކީ ޕޫނާ ޔުނިވަސިޓީން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހެކެވެ. އަދި އޭނާ ވަނީ މަރާތީ ބަހުން ނެރުނު މަޖައްލާއެއްގެ އެޑިޓަރްކަން ވެސް ކޮށްފައިވެ އެވެ.