މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި އެއް ފަރާތަކަށް ދިނުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ކަނޑައަޅުއްވައިފި އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ. މިބޭފުޅުންނަށް އިނާމުތައް ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ދެވެ.

ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮވުމުގައި ގައުމީ އިނާމާ ބެހޭ ކޮމިޓީން ކުރެއްވީ މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބައްލަވާފައި ވަނީ މި އިނާމާބެހޭ ގޮތުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވިފައިވާ ކަންތައްތަކުގެ މައްޗަށެވެ.

އިނާމަށް ނަން ހުށަހެޅުނު ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށްދެއްވޭނެ ބޭފުޅުންގެ ގޮތުގައި ހުށަހަޅުއްވާފައިވާ ބޭފުޅުންނާއި، އިނާމަށް ނަން ހުށަހެޅުނު ދާއިރާތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އެކި ބޭފުޅުންނާ ކޮމިޓީން ވަކިވަކިން ބައްދަލުކުރައްވައި އެފަރާތްތަކުގެ މަޝްވަރާއާއި ލަފާ ވެސް ހޯއްދަވާފައިވެ އެވެ.

ކޮމިޓީން ބައްދަލުކުރައްވައި މައުލޫމާތު ހޯއްދަވާފައި ވަނީ، ފޯމު ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ކަނޑައެޅުއްވި މިންގަނޑުތަކެއްގެ ދަށުން ޕޮއިންޓް ދެއްވުމަށް ފަހު، އެ ދާއިރާއަކުން އެންމެ އެކަށީގެންވާ ކަމަށް ކޮމިޓީ އަށް ފެނިވަޑައިގެންނެވި ބޭފުޅުންނާއި، އެބޭފުޅުންގެ ރެފްރީންނާ އެވެ. މީގެއިތުރުން، އިނާމަށް ހުށަހެޅުނު ބައެއް ބޭފުޅުންގެ މަސައްކަތްވެސް ކޮމިޓީގެ މެންބަރުން ބައްލަވާފައިވެ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މި އަހަރު 24 ބޭފުޅަކަށާއި ތިން ފަރާތަކަށް ދެއްވުމަށް، ވަނީ ހަމަޖެހިފައި ކަަމަށް އެކޮމެޓީން ވަނީ ނިންމައިފަ އެވެ.

އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް މިއަހަރު ލިބިވަޑައިގަންނަ ވަނީ ހަތަރު ބޭފުޅަކަށެވެ. އަދި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ 15 ބޭފުޅުންނެވެ.

މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ހިލާފު ކާމިޔާބީއެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ އެއް ބޭފުޅަކާއި އެންމެ ފަރާތަކުންނެވެ. ސަރުކާރުން ކަނޑައަޅުއްވާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ރޮނގުން މިއަހަރު ހުޅުއްވާލައްވާފައިވާ ކާބަން ނިއުޓްރަލް ކުރުމުގެ ގޮތުން ތެޔޮ އަންދަން ޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތް ކުރާ ރިޒޯޓަކަށް ވެސް މި ޖަލްސާގައި އިނާމު ދެއްވާނެ އެވެ.