20 Aug 2013, 14:01
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅާ މެންބަރު ކަމަށް ހުށަހެޅުއްވި އެއްވެސް ނަމެއް މަޖިލީހުން ފާސްނުވުމުން، އަލުން ނަން ހުށަހެޅުމުގެ ފުރުސަތު ދެން ބާއްވާ ޖަލްސާއަކަށް އެޖެންޑާކޮށްފި އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ހުށަހެޅުއްވާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާގެ ނަމާއި ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު (އަޒީ)ގެ ނަމާއި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ނަމެވެ. މިނިވަން މެންބަރެއް ކަމުގައިވާ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިންގެ ނަން ހުށަހެޅުމުން އޭނާގެ ނަން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ހަމްޒާ ޖޭއެސްސީ އަށް އައްޔަން ކުރަން ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 39 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ އޭނާގެ ނަން ފާސް ނުކުރުމަށެވެ. އޭނާ ޖޭއެސްސީ އަށް އައްޔަން ކުރަން ފެންނަ ކަމަށް 34 މެންބަރުން ވޯޓު ދެއްވި އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ކާނަލް އައްޔަން ކުރަން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ އޭނާގެ ނަން ފާސް ނުކުރުމަށެވެ. އޭނާގެ ނަން ފާސް ކުރުމަށް 18 މެންބަރުން ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވައި އެންމެ މެންބަރަކު އިންނެވި އެވެ.
ޖޭއެސްސީ އަށް އަޒީ އައްޔަން ކުރަން ފެނޭތޯ އެހުމުން 42 ވުރެ ގިނަ މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ އޭނާގެ އައްޔަން ކުރަން ނުފެންނަ ކަމަށެވެ. ޖޭއެސްސީ އަށް އަޒީ އައްޔަން ކުރުމަށް ފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ.
މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީ އަށް މެންބަރަކު ކަނޑައަޅަން ފާސް ނުވުމުން، މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޖޭއެސްސީގެ މެންބަރަކު ކަމަށް ކުރިމަތިލުމަށް ދެން ބާއްވާ ޖަލްސާއެއްގައި އަނެއްކާވެސް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ޖޭއެސްސީގައި ތިއްބަވަނީ ދިހަ މެންބަރުންނެވެ. އެއީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި އާންމުގެ ތެރެއިން ޖޭއެސްސީއަށް ހޮއްވަވާފައިވާ ޝެއިހް ޝުވައިބް އަބްދުއް ރަހުމާނާއި ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެންބަރު ލަތީފާ ގާސިމާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަން އަދިވެސް ޖޭއެސްސީގެ ބައްދަލުވުންތަކަށް ހާޒިރުވެ އެވެ.