ސީއެސްސީގެ ރައީސްގެ މަގާމަށް ޑރ. ލަތީފު ހޮވައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްގެ މަގާމު ހުސްވެފައި ވާތީ އެ މަގާމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު އެ ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ލަތީފު މިއަދު ރައްޔިތުންގެ މަޖިލީހުން ހޮވައިފި އެވެ.

ސީއެސްސީގެ ރައީސްގެ މަގާމަށް އޭނާ ހޮވަން ފާސްވީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޑީއާރްޕީގެ މެންބަރުން ވޯޓު ދެއްވައިގެންނެވެ. ކޮމިޝަންގެ ރައީސް ކަމަށް އޭނާ ހޮވުމަށް ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 60 މެންބަރުން އިއްތިފާހުން އޭނާގެ ނަން ފާސްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި ހަތަރު މެންބަރުން ތިއްބެވި އެވެ.

ސީއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަހުމީ ހަސަން ވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުން ވަކިކޮށްފަ އެވެ. އަދި އޭނާގެ ބަދަލުގައި ކޮމިޝަންގެ މެންބަރައެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ މ. އުނިމާގޭ ރީނީ އަބްދުއްސައްތާރު ކަނޑައަޅައިފަ އެވެ. ނަމަވެސް އޭނާ ހުވާ ކުރެއްވުން ސުޕްރީމް ކޯޓުގެ "އަޣުލަބިއްޔަތު"ން ވަނީ ހުއްޓުވައިފަ އެވެ.