ހުޅުމާލޭގައި ފަސް އެޕާޓްމަންޓް ކޮމްޕުލެކުސް އިމާރާތްކުރުމަށް ދިވެހި ފަސް ކުންފުއްޏަކާއި ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ފަސް ކޮމްޕުލެކެސް އިމާރާތްކުރުމަށް ހަވާލުކޮށްފައި ވަނީ އޮސްޓުރާވާ ޕުރައިވެޓް ލިމިޓެޑްއަށާއި ގުރީން މާކެޓް ޕުރައިވެޓް ލިމިޓެޑް އާއި އެންސިސް ފިޝެރީޒް ޕުރައިވެޓް ލިމިޓެޑްގެ އިތުރުން ލެޒޯން ޕުރައިވެޓް ލިމިޓެޑް އާއި ދަމާސް ކޮމްޕެނީ ޕުރައިވެޓް ލިމިޓެޑް އަށެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝާހިދު ވިދާޅުވީ 2455 ސުކެއާފީޓްގެ ފަސް ބިން އެކުންފުނިތަކާއި ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމާ ގޮތަށް ކަމަށެވެ. އަދި އެބިންތައް ދޫކުރި ފަސް ކުންފުއްޏަކީ އެންމެ ހެޔޮ އަގެއްގައި ކުއްޔަށް ދޭނެ ކަމަށް އެއްބަސްވެފައިވާ ފަރާތްތައްކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެކުންފުނިތަކުން އެއްބަސްވެފައިވަނީ އަކަފޫޓެއް 1800ރ. އާއި 2000ރ. ދޭތެރޭ އަގުތަކެއްގައި ވިއްކުމަށެވެ.

"މީގަ މައިގަނޑު ގޮތަކަށް ފަސް ބުރީގެ އިމާރާތެއް މިހެދެނީ، ދެން އެބޭފުޅުންނަށް ދީފައި ހުންނަ ގައިޑްލައިންތަކުގެ ތެރެއިން ކޮންމެ އިމާރާތެއްގައި ވެސް ގިނަވަގެން 30 ކޮޓަރި އިންނަގޮތަށް އެބަހެދޭ، ދެން އެބޭފުޅުންނަށް ދޫކޮށްލާފަ ހުންނާނީ އޭގެ ގައިޑް ލައިންތަކާއެއްޗެތި،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއެއްބަސްވުން ބުނާ ގޮތުން އެކުންފުނިތަކުން އެ އިމާރާތްތައް ހެދުމަށްފަހު އާންމުނަށް ހުޅުވާލައިގެން ވިއްކާނެ ކަމަށެވެ.

އެއެގުރިމެންޓްގައި ސޮއިކުރި ކުންފުނިތަކުން ބުނީ ވަރަށް އަވަހަށް މަސައްކަތް ފެށޭވަރުވާނެ ކަމަށާއި އަދި ދިގުމުއްދަތަކަށް ބަހާއިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް އެއްވެސް ކުންފުއްޏަކުން ދައްކަންޖެހޭ ކުލީގެ ތަފްސީލެއް އަދި ބުނެފައެއް ނުވެއެވެ.

ހުޅުމާލޭގައި ފަސް އެޕާޓްމަންޓް ކޮމްޕުލެކުސް އިމާރާތްކުރުމަށް މިއަދު ހަވާލުކޮށްފައިވާއިރު މީގެ ކުރިން ވެސް ވަނީ އެކަހަލަ ހަތަރު ޕްރޮޖެކްޓެއް ހިންގާފަ އެވެ.