20 Aug 2013, 12:59
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި އޭރުގެ އިދިކޮޅު ލީޑަރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި މައްސަލާގައި އެގައުމުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފާ ދެކޮޅަށް ތިން ދައުވާއެއްކޮށްފި އެވެ.
ދެހާސް ހަތް ވަނަ އަހަރު ބުއްޓޫ އަވަހާރަކޮށްލި މައްސަލާގައި މުޝައްރަފާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކަކީ މީހަކު މަރާލިކަމުގެ ދައުވާ އާއި މީހަކު މަރާލަން ރޭވުމުގެ ޖިނާއީ ދައުވާއަކާއި މީހަކު މަރާލުމުގައި އެހީތެރިވެދިން ކަމުގެ ދައުވާ ކަމަށް ޕާކިސްތާނުގެ ޕްރޮސެކިއުޓަރުން ބުނެ އެވެ.
އެ މައްސަލާގައި މުޝައްރަފާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާ އިރު، މުޝައްރަފު ވަނީ އަޑުއެހުމުގައި އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.
މުޝައްރަފާ ދެކޮޅަށް ޕާކިސްތާނުގެ ދައުލަތުން ކޮށްފައިވާ ދައުވާތައް އަޑުއެހުމަށް ފަހު، ކޯޓުން ވަނީ މިމައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް މިމަހުގެ 27 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފަ އެވެ.
ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލާފައި ވަނީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޕާކިސްތާނުގެ ރާވަލްޕިންޑީގައި ކުރިއަށް ދިޔަ ސިޔާސީ އެއްވުމެއްގަ އެވެ.
އަމިއްލަފުޅަށް އަރުވާލެވިގެން، ޕާކިސްތާނުން ބޭރުގައި ހުރުމަށް ފަހު މުޝައްރަފު އެނބުރި ގައުމަށް ވަޑައިގެންފައި ވަނީ މި އަހަރުގެ ކުރީކޮޅުގަ އެވެ. އަދި ޕާކިސްތާނަށް ވަޑައިގަތީން ސުރެ ގޭބަންދުގައި ހުންނެވި މުޝައްރަފު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި މިއަދު އޮތް ދައުވާކުރުމުގެ އަޑުއެހުމަށް ހާޒިރުވެވަޑައިގެންފަ އެވެ.
މިއަދު އޮތް ދައުވާކުރުމުގެ އަޑުއެހުމުގައި މުޝައްރަފުގެ އިތުރުން ހަ މީހަކާ ދެކޮޅަށް ވަނީ ދައުވާކޮށްފަ އެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ ހަނގުރާމަވެރިން ކަމަށް ތުހުމަތުކުރެވިފައިވާ ހަތަރު މީހަކާއި ޕާކިސްތާނުގެ ފުލުހުންގެ އިސް ދެ އޮފިޝަލެކެވެ.
މިމައްސަލާގައި ވާހަކަދައްކަމުން މުޝައްރަފުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ މިމައްސަލައަކީ މުޝައްރަފާ ދެކޮޅަށް ކުރެވިފައިވާ ހުރިހާ ދައުވާއެކޭ އެއްގޮތަށް ސިޔާސީ ދައުވާތަކެއް ކަމަށެވެ.
މުޝައްރަފު ޕާކިސްތާނުގެ ވެރިކަމާ ހަވާލުވެފައި ވަނީ 1999 ވަނަ އަހަރު ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ވެރިކަން ވައްޓާލުމަށްފަހުގަ އެވެ. ޕާކިސްތާނުގައި ނުވަ އަހަރު ވެރިކަން ކުރުމަށް ފަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވުމާ އެކު މުޝައްރަފު ވަނީ އަމިއްލަފުޅަށް ގައުމު ދޫކޮށް ބޭރަށް ވަޑައިގެންފަ އެވެ.
މިއަހަރުގެ ކުރީކޮޅު އަނެއްކާވެސް ސިޔާސީ ހަޔާތަށް އެނބުރި ވަޑައިގަތުމަށް ކަމަށް ވިދާޅުވެ ޕާކިސްތާނަށް ވަޑައިގަތުމާ އެކު މުޝައްރަފާ ދެކޮޅަށް ގިނަ ދައުވާތަކެއް ޕާކިސްތާނުން ވަނީ ކޮށްފަ އެވެ.
މީގެ ތެރޭގައި 2006 ވަނަ އަހަރު ޕާކިސްތާނުގެ ބަލޮޗް ސަރަހައްދުގެ ގާބީލާ ލީޑަރެއް ކަމަށްވާ ނަވާބު އަކުބަރު ބުގްތީ އަވަހާރަކޮށްލި މައްސަލައިގެ ދައުވާ އާއި 2007 ވަނަ އަހަރުގެ ޕާކިސްތާނުގެ ޖުޑީޝަރީގެ އިސް ހުރިހާ ބޭފުޅުން މަގާމުން ދުރުކުރަން ކުރި މަސައްކަތުގެ ދައުވާ ހިމެނެ އެވެ.
މިހާރުގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ސަރުކާރުން ބުނެފައި ވަނީ މުޝައްރަފާ ދެކޮޅަށް ދައުލަތަށް ހިޔާނާތްތެރިވުމުގެ ދައުވާ ވެސް ކުރާނެ ކަމަށެވެ.