އެމްޑީޕީ ޓިކެޓުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީސްގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހާމަކޮށްފި އެވެ.


އެމްޑީޕީގެ ވެބްސައިޓުގައި ބުނަނީ، އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ ދާއިރާތަކުން ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީސް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު ހަވީރު 4.00 އިން ރޭގަނޑު 10.00 އަށް ކަމަށެވެ.


މިހާތަނަށް ޕްރައިމަރީސް ބާއްވަން ހަމަޖައްސާފައިވަނީ ހުޅުމީދޫ އާއި، މަރަދޫ އާއި، ހިތަދޫގެ އުތުރު، މެދު އަދި ހިތަދޫ ދެކުނު ދާއިރާ ގައި ކަމަށް އެމްޑީޕީން ބުނެ އެވެ.


ހިތަދޫ އުތުރު ދާއިރާއިން ވާދަކުރާ ކެންޑިޑޭޓުންނަކީ ސ. ހިތަދޫ ސަމަރު ބްލޫ، އާމިނަތު ނަޝީދާ އާއި ސ. ހިތަދޫ ފޮނިމާގެ ހުސައިން ފައިސަލް ފަހުމީ އާއި އައްޑު އަތޮޅުގެ މިހާރުގެ ކައުންސިލަރު ސ. ހިތަދޫ ކައުސަރު ޢަބްދުﷲ ސާދިގު )ސޯބެ( އެވެ.


ހިތަދޫ މެދު ދާއިރާއިން ކުރިމަތިލަނީ ސ. ހިތަދޫ ނާޒް ހުސައިން ހިލްމީ އާއި ސ. ހިތަދޫ ޞަބާހީމަންޒިލް ޢައިޝަތު ޝީރީން އާއި ހިތަދޫ ލިލީވިލާ އިބްރާހީމް ޝިނާޒާއި ހަމަ އެރަށު ޖަންބުމާގޭ މުޙައްމަދު ހުސައިންގެ އިތުރުން ހިތަދޫ މެރިންގޯލްޑް އަޙުމަދު ޝަރީފެވެ.


ހިތަދޫ ދެކުނު ދާއިރާގެ ކެންޑިޑޭޓުންނަކީ ހިތަދޫ މާބަގީޗާގެ ޙުސައިން ފަހުމީ އާއި ދުންނިކަގެ އިބްރާހީމް ހުސައިންއާއި ހިތަދޫ ކައްބާބުގެ ހުސައިން ޒަރީރާއި ހިތަދޫ ލިވަޕޫލް ޙަސަން ކާމިލް އާއި އެރަށު ޝާން އިބްރާހީމް ޒަރީރުގެ އިތުރުން ހިތަދޫ ނައިލޯނުގެ އަޙުމަދު ނިޒާމެވެ.


މަރަދޫ ދާއިރާއިން އެމްޑީޕީ ޓިކެޓުގައި ވާދަކުރަނީ ފަސް ކެންޑިޑޭޓުންނެވެ. އެއީ މަރަދޫ ބްލޫ ވިންގް ހަސަން ޝާފިއު އާއި މަރަދޫ ސްޓޯބަރީގެ ހަސަން ލަބީގު އާއި މަރަދޫ ހަޒާރުގެ ޢަބްދުﷲ ތައްޔިބުގެ އިތުރުން މަރަދޫފޭދޫ ބީޗްރެސްޓް އަހުމަދު އާސިފް އަދި މަރަދޫ ސައުތުބީޗް ޙަސަން މުޒައްމިލް އެވެ.


ހުޅުމީދޫ ދާއިރާއިން ވާދަކުރަނީ ހުޅުދޫ ކަޅޮމަތިގެ އިބްރާހީމް ދީދީ އަދި މީދޫ ކަށިމާވިލާ ޙަސަން ޝާހިދު އެވެ.


އެމްޑީޕީން ބުނެފައިވަނީ، މި އިންތިޚާބުގައި ވޯޓްލެވޭނީ 22 ނޮވެމްބަރުގެ ކުރިން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ވޯޓުލާ ދާއިރާއެއްގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ.