މިދިޔަ އަހަރުގެ ފެބްރުއަރީ 7 ގައި ފުލުހުންގެ ތެރެއިން ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވީ ވެރިކަން ބަދަލު ކުރުމަށް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ގަލޮޅު ކޮޅުމަޑުލު އެމްޑީޕީ ޖަގަހަ" ރޭ ހުޅުވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވި ދުވަހު ޖުމްހޫރީ މައިދާނަށް ފުލުހުން އެއްވީ އެ މީހުންގެ އިސް އޮފިސަރުންގެ ކޮމާންޑަށް ތަބާވުމުގެ ގޮތުން ކަމަށެވެ. އަދި ފުލުހުންނަކީ ވަކި ގޮތަކަށް ތަމްރީން ކުރެވިފައިވާ ބައެއް ކަމަށާއި އެ މީހުން މަސައްކަތް ކުރާނީ ކޮމާންޑުތަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާކަށް އެދުވަހު އެއްވެ ގަނަ ފުލުހުން އެތަނަށް އެއްވީ އެ މީހުންގެ އިސްކޮށް ތިބ ކޮމާންޑަރުން އެމީހުންނަށް އެގޮތަށް ކޮމާންޑް ކުރީމަ. ގިނަ ފުލުހުން އެތަނަށް އެއްވީ އަޅުގަނޑަށް މައުލޫމާތި ލިބިފައިވާ ގޮތުގައި އެ ފުލުހުންނަށް ސަރުކާރު ވައްޓާލަން ފެނިގެނެއް ނޫން. އެހެން ނަމަވެސް ފުލުހުންނަކީ އަމުރަށް ކިޔަމަންތެރިވާ ބަޔަކަސްވެފައި އެމީހުންގެ ތަމްރީނާއި އެމީހުންގެ ހުވަޔާއި އެމީހުންގެ ގަވާއިދުތަކާއި ގާނޫނުތައް މަޖުބޫރު ކުރަނީ އަމުރަށް ކިޔަމަންތެރިވުމަށް. އެ އަމުރަކީ ގާނޫނީ އަމުރެއްތޯ ނުވަތަ ސައްހަ ސާފު ކުރަން އެ ހިނދުގައި ވަރަށް މަދު ފުލުހެއް ނޫނީ ނޫޅޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޯނީގެ ރިޕޯޓް ގަބޫލު ކުރެއްވީ އެ ރިޕޯޓުގައި ފުލުހުންގެ އިދާރާ އިސްލާހު ކުރުމުގެ ވާހަކަ އޮތުމުން ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށެެވެ.

ރައީސް މައުމޫންގެ އަބްދުލް ގައްޔޫމްގެ ވެރިކަން 2008 ވަނަ އަހަރު ބަދަލުވުމަށް ފަހު ފުލުހުންގެ ވަޒީފާއިން ވަކި ކުރެއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އާދަމް ޒާހިރު ކަމަށެވެ. އަދި ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުލުހުންގެ އިދާރާގައި އާދަމް ޒާހިރު ފިޔަވައި އެހެން ބޭފުޅަކު ވަކި ނުކުރައްވާ ކަމަށާއި ނަމަވެސް ބައެއް ބޭފުޅުން "ދިގު ޗުއްޓީ ނަންގަވައިގެން" ތަންތަނަށް ވަޑައިގެންނެވި ކަމަށެވެ.

"ދެ ހާސް އަށް ވަނަ އަހަރު ވެރިކަން ބަދަލުވެގެން ހަމައެކަނި އަޅުގަނޑުމެން ފުލުސް އޮފީހުން ވަކިކުރި ބޭފުޅަކީ ބްރިގޭޑިއާ އާދަމް ޒާހިރު [ކޮމިޝަނަރު އޮފް ޕޮލިސް]. އެހެން ހުރިހާ ބޭފުޅުން ފުލުސް އޮފީހުގައި ތިއްބެވި ގޮތަށް ތިއްބެވި. ބައެއް ބޭފުޅުން ދިގު ޗުއްޓީ ނަންގަވައިގެން ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވި. އެހެން ނަމަވެސް އޭރުގައި ވެރިންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި އެއްވެސް ބޭފުޅެއް އެތަނުން ވަކިކުރާކަށް އަޅުގަނޑެއް ނޫޅެން." ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ފުލުހުންގެ އިދާރާ އިން އޭރު އަމަލުކުރަމުން ދިޔަ ގޮތަކީ ގަދަބާރުން މީހުންގެ ބަޔާން ނަގައި އިއުތިރާފް ކުރުވައި އެ އިއުތިރާފްގެ މައްޗަށް ދައުވާ ކުރުން ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވީ އެއްވެސް މީހަކު ފުލުހުންގެ ވަޒީފާ އިން ވަކިނުކޮށް އެ އިދާރާ އިސްލާހުކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެ އަށް ހަމަޖެހުން ލިބެން އޮތީ ފުލުހުންގެ އިދާރާ އިސްލާހުކޮށް ތަރައްގީ ކޮށްގެން ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފުލުހުންގެ އިދާރާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އަދި ފުލުހުންގެ އިދާރާއަކީ އެމަނިކުފާނާ ވަރަށް ގާތް ގުޅުމެއް އޮންނަ ތަނެއް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފުލުހުންގެ އިދާރާ ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެގޮތުން މީގެ ކުރިން ދުވަހަކު ވެސް ފުލުހުންގެ އިދާރާ އިން ޕްރޮމޯޝަން ދީފައި ނުވާ ވަރަށް އެމަނިކުފާނުގެ ވެރިކަމުގައި ޕްރޮމޯޝަން ދީފައިވާނެ ކަމަށެވެ.

ފުލުހުންގެ އިދާރާގައި މަސައްކަތް ކުރެއްވި އެއްވެސް އިސް ވެރިއަކު މަގާމުން ވަކިކޮށްފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މަގާމުން ވަކޮކޮށްފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގަ އެވެ. އަދި އޭރު ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އެފްއޭ މުހައްމަދު ފަޔާޒު އެހެން އޮފީހަކަށް ބަދަލު ކުރެއްވީ ވެސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.

ސަންއާ ވާހަކަ ދެއްވަމުން މިއަދު ރިޔާޒް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެންގެވީ އޭރުގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު ސޮއި ކުރައްވައި ފޮނުއްވި ސިޓީއަކުން ކަމަށެވެ. އަދި އޭރު ރިޔާޒް ހުންނެވީ ރާއްޖެ އިން ބޭރުގައި ފުލުހުންގެ އިދާރާ އިން ލިބުނު ކޯހެއް ފުރިހަމަ ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އޭރު އޭނާ ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ވަޒީފާ އިން ވަކިކުރުމުގެ އިތުރުން އޭނާގެ ސްކޮލަޝިޕް ވެސް ރައީސް ނަޝީދުގެ ސަރުކާރުން ކެންސަލް ކުރެއްވި ކަމަށެވެ.