ވަތަނިއްޔާ އިން ރޯދަމަހަށް ހާއްސަކޮށްގެން ބޭއްވި "ކޯލް އެންޑް ވިން" ޕްރޮމޯޝަންގައި ބައިވެރިވެގެން އަލޯރާއިން ހުށަހަޅާފައިވާ 50،000ރ. ގެ ގިފްޓް ވައުޗާގެ ނަސީބުވެރިއަކަށް އާމިނަތު ސަނޫހާ ހޮވިއްޖެ އެވެ.

މިދިޔަ ރަމަޟާން މަހު ވަތަނިއްޔާގެ ނަންބަރު ތަކުން 50ރ.ގެ ލޯކަލް ކޯލްކުރެއްވި ހުރިހާ ފަރާތަކަށް ޕްރޮމޯޝަންގައި ބައިވެރިވެ 300،000ރ.ގެ އަގުހުރު އިނާމް ކަނޑައަޅައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމް ހަވާލުކުރުން އޮތީ މިއަދު ހެނދުނު ނަސަންދުރަ ޕެލަސް ހޮޓެލްގެ އަބާރަނަ މާލަމްގަ އެވެ.

ވަތަނިއްޔާ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލޯކަލް ކޯލް ތަކަށް ހަފްތާއަކު 50ރ. ހޭދަކޮށްގެން ބައިވެރިވެވޭ އެ ޕްރޮމޯޝަންގެ ދެވަނަ އަދި ތިންވަނަ އަށް ހޮވޭ ނަސީބު ވެރިންނަށް އެކްސް ޒޯނުން ހުށައަޅާފައިވާ ޔަމަހާ ޖުޕިޓާ ދެ ސައިކަލު ލިބުނީ، ހަސަން އަލިމަނިކު އަދި މުހަމަދު ރަފީގު އަށެވެ.

ކޯލް އެންޑް ވިން ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް ރީފްސައިޑުން ސޮނީ އެކްސްޕީރިއާ ޒެޑް ފޯނެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ، އަބްދުﷲ ރިޔާޒްއާއި ދަރްޝަނާ މުދިޔަ ސެލަގެ އެވެ. ދެވަނަ ހަފްތާގެ ނަސީބު ވެރިންނަށް އައިމިނަތު ވަހީދާ އާއި އަހްމަދު އަބްދުﷲ ހޮވިފައިވާއިރު ތިން ވަނަ ހަފްތާގެ ނަސީބުވެރިންނަށް ހޮވުނީ އަލީ އަހްމަދާއި ފާތިމަތު ސައީދާ އެވެ. އެ ޕްރޮމޯޝަންގެ ފަހު ހަފްތާގެ ނަސީބު ވެރި ދެފަރާތަކަށް ހޮވުނީ މަންގިލަ ރެންޝަން އަދި މަލާހާ އިބްރާހީމް އެވެ.

ރޯދަމަހަށް ހާއްސަކޮށްގެން ވަތަނިއްޔާ އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިންގި އެހެނިހެން ޕްރޮމޯޝަން ތަކުގެ ނަތީޖާ ވެސް މިއަދު ވަނީ އިއުލާނު ކޮށްފަ އެވެ.

މިއަހަރުގެ ރޯދަމަހު "ވަތަނިއްޔާ މަސް ރޭސް ކުއިޒް"ގައި ބައިވެރިވި ފަރާތަކުގެ ތެރެއިން އެންމެ މަތިން ސްކޯކުރި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ކާމިޔާބުކޮށްގެން ހަސަން މެރިން އިންޖީން ސޮލިއުޝަން އިން ހުށަހަޅާފައިވާ މޮޓޯގައިޑް ވެރިމެކްސް ޓްރޯލިން، 15،000ރ.ގެ މޮޓޯ އިންޖީނު ލިބުނު ނަސީބުވެރިއަކަށް ހޮވުނީ މަރިޔަމް ޝީޒާ އެވެ.

ވަތަނިއްޔާ ކޯލް އެންޑް ވިން ޕްރޮމޯޝަންގެ ގްރޭން ޕްރަޒް ކަމަށްވާ 50،000ރ. ގެ ގިފްޓް ވައުޗާ ލިބުނު އާމިނާތު ސަނޫހާ ބުނީ އެ އިނާމް ލިބުމުން ވަރަށް ބޮޑަށް "ސަޕްރައިޒް"ވި ކަމަށާއި އަދި އެ އިނާމް އާއިލާގެ މެންބަރުންންށް ބަހާލާނީ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ރައްޓެހިންނަށް ފޯނުކޮށް ހަދަން. އެކަމަކު އިނާމް ހޯދާކަށް ނޫން. ދެން ވަތަނިއްޔާއިން ގުޅާފަ އިނާމު ލިބުނު ވާހަކަ ބުނީމަ ވެސް އަޅުގަނޑަށް ގަބޫލެއް ނުކުރެވުނު. ވަރަށް ބޮޑަށް ސަޕްރައިޒްވި،" ޝަނޫހާ އޭނާގެ އިހްސާސްތައް ކިޔައިދިނެވެ. "އަޅުގަނޑު ގަސްދު ކުރަނީ މިއިނާމް، ފެމެލީ ހުރިހާ މީހުންނަށް އެ މީހަކު ބޭނުން އެއްޗެއް ދޭން."

ވަތަނިއްޔާ އިން ވަނީ މިދިޔަ ރަމަޟާން މަހު، #999* އަށް ގުޅައިގެން ކަސްޓަމަރުން ނަށް ހިލޭ ކްރެޑިޓް، ލިވް އަންލިމިޓެޑް ވައުޗާސް އަދި 22 އެޕަލް އައިފޯން5، "ރަމަޟާން ސަޕްރައިޒް"ގެ ނަމުގައި ބޭއްވި ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް ހަދިޔާ ކޮށްފަ އެވެ.