ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ، ފެލިވަރު ފިޝަރީޒް މޯލްޑިވްސް އަށް މިދިޔަ އަހަރު 17 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން 2011 ވަނަ އަހަރު އެ ކުންފުންޏަށް 2.1 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނީގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުންނިން 227.1 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި އުފެއްދުމަށް ކުރި ހަރަދު 239 މިލިއަން އަރާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ވިއްކުމަށާއި މާކެޓިން އަށް 6.7 މިލިއަން ރުފިޔާ އަދި ހިންގުމަށް ކުރި 3.5 މިލިއަން ރުފިޔާގެ ހަރަދާ އެކު ޖުމްލަ ގެއްލުން 17 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ފެލިވަރަށް ގެއްލުންވުމުގައި މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން އެކްސްޕޯޓް ކޮލިޓީގައި އުފެއްދި 20،718 ކޭސް މަސް، އުފައްދަން ހިނގި ހަރަދަށް ވުރެ ހެޔޮ އަގުގައި އާއްމުންނަށް ވިއްކުމެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ މަސް ދަޅު އުފެއްދުމަށް ހިނގާ ހަރަދު 2011 ވަނަ އަހަރާ އަޅާބަލާ އިރު މިދިޔަ އަހަރު 21 ޕަސެންޓް އިތުރުވި އިރު، އެ ކުންފުނިން އަގު ބޮޑުކޮށްފައި ވަނީ އެންމެ ހަތް ޕަސެންޓް ކަމަށެވެ. އަދި އުފެއްދުމަށް ކުރި ހަރަދުގެ ބޮޑުވި މައިގަނޑު ސަބަބަކީ 76.8 މިލިއަން ރުފިޔާގެ މަސްގަތުމާއި ދަޅުގައި މަސް ބަންދުކުރާ ސަމާނު ގަތުމަށް 24.5 މިލިއަން ރުފިޔާގެ ހަރަދު ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

އެ އޮޑިޓް ރިޕޯޓުގައި ދަޅުގައި މަސް ބަންދުކުރުމަށް ހިންގާ ހަރަދު އަލުން މުރާޖައާކޮށް ލޯކަލް މާކެޓަށް ވިއްކާ އަގަށް ވުރެ ބޮޑު އަގު ހޯދަން އެކްސްޕޯޓްކުރާ މަހުގެ އަދަދު އިތުރުކުރަން ވެސް ލަފާދީފައިވެ އެވެ. އަދި ކަސްޓަމަރުންނަށް ވިއްކުމުގެ ކުރިން މަހު ކޮލިޓީ ހިފެހެއްޓުމަށް ކޮލިޓީ ކޮންޓްރޯލް ޑިޕާޓްމަންޓަށް ވެސް ލަފާދީފައިވެ އެވެ. އޭގެ އިތުރުން މަސް ގަންނައިރު އުކާލެވޭ މަހު އަދަދު މަދުކުރުމަށް ތާޒާ މަސް ގަތުމަށް ވެސް އޮޑިޓާ ޖެނެރަލް ލަފާދީފައިވެ އެވެ.