ޏ. ފުވައްމުލަކު ބިޅިފޭށި ސަރަހައްދު ޓޫރިޒަމަށް ބޭނުން ކުރަން ގަސްދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު އިއްޔެ ވިދާޅުވީ ފުވައްމުލަކު އެއާޕޯޓްގެ ދެކުނުގައިވާ ބިޅިފޭށި ސަރަހައްދު ޓޫރިޒަމަށް ބޭނުން ކުރުމަށް ކަނޑައަޅުއްވަން ގަސްދުކުރައްވާ ކަމަށެވެ.

".. މިއެއާޕޯޓްގެ ކައިރީގައި މިވާ ބިން އެބަ ޖެހޭ ކަނޑައަޅަން، ޓުއަރިޒަމަށް، ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރާ ތަނަކަށް، އެހެންވީމާ އެއާޕޯޓްގެ ދެކުނުގައިވާ ބިޅިފޭށި ސަރަހައްދު ޓުއަރިޒަމްގެ ބޭނުމަށް ކަނޑައަޅަން އަޅުގަނޑު މިއަދު ގަސްދުކޮށްފިން،" ރައީސް ވަހީދު ވިދާޅުވި އެވެ.

އެ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް އެޅުމުގެ މަސައްކަތް ފުވައްމުލަކު އަތޮޅު ކައުންސިލުން ކުރެއްވުމަށް ރައީސް ވަހީދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ "ފުވައްމުލަކުގެ އަތޮޅުކައުންސިލްގެ ފަރާތުން މިތާގައި (ބިޅިފޭށި ސަރަހައްދުގައި) ތަނެއް އިމާރާތްކޮށް، ފަތުރުވެރިކަމުގެ މަސައްކަތައިގެން ކުރިއަށް ވަޑައިގަތުމަށް ދަންނަވާ" ކަމަށެވެ.

ފުވައްމުލަކުގެ ކައުންސިލްތަކުގެ އިދާރާތައް އަވަށްތަކަށް ބަދަލުކުރަން ސަރުކާރުން އެހީވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ. އެ މަސައްކަތަކީ ފުވައްމުލަކުގެ ތަރައްގީ އަށް ޓަކައި ކުރެވެން އޮތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"..ފުވައްމުލަކުގެ ތަރައްގީއަށް ޓަކައި ކުރަން ޖެހޭ ކަންތައްތަކެއް މިހާރު ވެސް އަޅުގަނޑުމެންނަށް ކުރެވެން އެބަހުރި، އޭގެ ތެރެއިން އެއް ކަމަކީ، ރަށު ކައުންސިލްތަކުގެ އިދާރާގެ ހިދުމަތްތައް މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނާ ގާތުން ދިނުމަށް ޓަކައި އެ ފުރުސަތު ހުޅުވާލުން. އެގޮތުން ފުނާޑު ކައުންސިލުން މިމަސައްކަތުގައި އިސްނަންގަވައިގެން މިމަސައްކަތް ކުރައްވަމުން ގެންދަވާކަން އަޅުގަނޑު ފާހަގަކުރަން، އަދި ސަރުކާރުގެ އެހީ މިކަމުގައި ރަށުކައުންސިލްތަކުގެ އިދާރާތަކަށް ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. އިރާދަކުރެއްވިއްޔާ އެކައުންސިލްތަކުގެ އިދާރާތައް އަވަށަށް ބަދަލުވެގެންދާނެ ކަމަށް އަޅުގަނޑު ހީކުރަން، ވީހާ ވެސް އަވަހަކަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.

ސަރަހައްދީ އެހެން އެއާޕޯޓްތަކާ އެއްގޮތަށް، ފުވައްމުލަކު އެއާޕޯޓް ވެސް ހިންގަމުން ދަނީ ގެއްލުމުގައި ކަމަށް ވެސް ރައީސް އިއްޔެ ވިދާޅުވި އެވެ. އަދި ވިދާޅުވީ މުސްތަގުބަލުގަިއ ފުވައްމުލަކު އެއާޕޯޓަކީ ފައިދާ ލިބޭ ގޮތަށް ހިންގާ ތަނަކަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެއާޕޯޓްގެ ރަންވޭ އަށް ވެހޭ ފެން ރަށުތެރެއަށް ގޮސް، ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާތީ އެކަން ހައްލުކުރުމަށް ފެންހިންދާ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއުގައި އަންނަ މަހު ކުވޭތު ފަންޑާ އެކު ސޮއިކުރައްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. ވިދާޅުވީ އެކަމަށް ކުރަން ޖެހޭ ސާވޭ ކުވޭތު ފަންޑުން މިހާރު ކޮށްފައިވާ ކަމަށެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ކެމްޕޭން ކުރެއްވުމަށް ރައީސް ވަހީދު އިއްޔެ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންނެވި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ހަތަރު ކެންޑިޑޭޓުން ވެސް އަންނަނީ ވަރުގަދައަށް ކެމްޕޭން ކުރައްވަމުންނެވެ.