20 Aug 2013, 11:45
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އަތުން 4-0 ލަނޑުން މެންޗެސްޓާ ސިޓީ މޮޅުވެ، ލީގުގެ ފެށުން ސިޓީން ރަނގަޅު ކޮށްފި އެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ފޯވާޑް ޑޭވިޑް ސިލްވާ އެވެ. ސިޓީގެ ދެ ވަނަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޓީމަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ އެވެ.
ރޭގެ މެޗުގައި ނިއުކާސަލް ކޮޅަށް ސިޓީން ޖެހި ތިން ވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ޓީމަށް ކާމިޔާބު ކޮށްދިނީ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޯރޭ އެވެ. މެޗުގެ ހަތަރު ވަނަ ލަނޑު 75 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބު ކޮށްދިނީ ފްރާންސްގެ މިޑްފީލްޑަރު ސާމިރު ނަސްރީ އެވެ.
ރޭގެ މެޗުގައި ނިއުކާސަލްގެ ސްޓީވަން ޓެއިލާ، ސިޓީގެ ފޯވާޑް އަގުއެރޯ އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ މެޗުގެ 45 ވަނަ މިނެޓުގައި ޓެއިލާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެލެގްރިނީ ބުނީ ފުރަތަމަ މެޗުން މޮޅުވުމުން އުފާފާ ކަމަށާއި ކުރިއަށް އޮތް މެޗްތަކުގައި ވެސް މޮޅުވާން ސިޓީން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. މެޗުގައި ޓީމުގެ ކެޕްޓަން ވިންސެންޓް ކޮމެޕްނީ އަށް ލިބުނު އަނިޔާ އަކީ މާސީރިއަސް އަނިޔާއެއް ނޫން ކަމަށާއި މިއަދުގެ ވަގުތެއްގައި އޭނާއަށް ލިބުނު އަނިޔާގެ ޓެސްޓުތައް ހަދާނެ ކަމަށެވެ. އަދި އޭނާއަށް ކުރިއަށް އޮތް މެޗުގައި ކުޅެވޭނެ ކަން ޔަގީން ވާނީ ޓެސްޓު ތައް ހަދާ ނިމުމުން ކަމަށް ވެސް ކޯޗް ބުންޏެވެ.
ނިއުކާސަލްގެ ކޯޗު އެލަން ޕާޑިއު ބުނީ މެޗުގެ ދެ ހާފުގައި ވެސް އޭނަ ގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ. އަދި މެޗުގެ ފަހު ހާފް 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުމުން ޓީމަށް އޭގެ އަސަރު ކުރި ކަމަށް ވެސް ކޯޗް ބުންޏެވެ.