އާތާ ބްރަދާސް މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އަހުމަދު ވިޝާލްގެ މައްޗަށް މަކަރާ ހީލަތުން މީހެއްގެ އަތުން ފައިސާ ނެގި މައްސަލައާ ގުޅިގެން، އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޮޑެތި ޖިނާއީ ޖަރީމާތައް ހިންގާފައިވާ އަރުމޭނިޔާގެ ދެ މީހަކަށް ނިސްބަތްވާ ކުންފުނި އާތާ ބުރަދާސްއާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ހ. އެވާޗާންސް، އަހުމަދު ވިޝާލް، 28، ހައްޔަރު ކުރީ މިއަހަރުގެ ޖޫން މަހު އެވެ.

އޭނާގެ މައްވަށް ދައުވާ ކުރަނީ ކެރޭން ޕިކަޕެއް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 70،000ރ. އަތުލި މައްސަލައާ ގުޅިގެން ނެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރަނީ 2011 ވަނަ އަހަރުތެރޭގައި އަލްކޯވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމުގައި ހުރެ މީހަކަށް ކެރޭން ޕިކަޕެއް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތު ފައިސާ އަތުލި މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައިގެ އިތުރުން ވެސް އަހުމަދު ވިޝާލްގެ މައްޗަށް ތުހުމަތުކުރެވޭ ތަފާތު ފަސް މައްސަލައެއް މިހާރު ވެސް ފުލުހުން ދަނީ ތަހުޤީޤް ކުރަމުންނެވެ. އެ ހުރިހާ މައްސަލައަކީ ވެސް މަރަކާއި ހީލަތުން ތަކެތި ހޯދައިދޭނެ ކަމަށް ބުނެ ގިނަ ޢަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލަތައް ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަތަކުގައި އެކި ގޮތްގޮތުން ނަގާފައިވާ ފައިސާގެ ޢަދަދު 350،000ރ. އަށް ވުރެ ގިނަ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގެ އިތުރުން ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ އަތުލި މީހަކު ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ.
މަކަރާ ހީލަތުގެ އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ސ. ހިތަދޫ ޅަރީތިގެ މުހައްމަދު ރަޝީދު، 33، އެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 51،000ރ. އަތުލާފައިވާ ކަމަށް ބުނެ މިމަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.

މުހައްމަދު ރަޝީދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން އެދެ އެވެ.