އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅަން ޖެހޭ މުއްދަތު ފަސްކޮށްދޭން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަންއާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އޮކްޓޯބަރު މަހުގެ ކުރިން ބަޖެޓް މަޖިލީހަށް ހުށަހަޅަން ގާނޫނުގައި ލާޒިމްކޮށްފައި އޮތުމުން އަލަށް ވެރިކަމާ ހަވާލުވާ ސަރުކާރަކަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

"ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ބަޖެޓް ހުށަހަޅަން ޖެހޭ މުއްދަތު ފަސްކޮށްދޭން އަޅުގަނޑުވާނީ މަޖިލީހުގައި އެދިފައި. ނަމަވެސް އެ ކަމަށް ވަކި ޖަވާބެއް އަދި ނުލިބޭ،" ޖިހާދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އަހަރު ނިމުމުގެ އެއް މަސް ކުރިން އެ މިނިސްޓްރީން ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަން ޖެހުނު ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާ އަށް ގެނައި އިސްލާހާ ގުޅިގެން، ބަޖެޓް އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ބަޖެޓް ތައްޔާރުކުރުމަށް ފަހު އަންނަ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓް ހުށަހަޅަންދިން މުއްދަތުގެ ތެރޭގައި ވަރަށް ގިނަ މުއައްސަސާތަކުން ބަޖެޓް ފޮނުވާފައިވާ ކަމަށެވެ. އަދި ބަޖެޓް ހުށަހަޅާފައިނުވާ އިދާރާތަކާ ވާހަކަދައްކައިގެން ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު ފޮނުވާފައިވާ ބަޖެޓްތަކާ ބެހޭ ގޮތުން މިނިސްޓްރީގެ ޓެކްނިކަލް ކޮމިޓީގައި ދަނީ ނެގޯޝިއޭޓް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް މިއަހަރަށް ވުރެ ބޮޑުނުވާނެ ގޮތަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައި ވަނީ 15.2 ބިލިއަން ރުފިޔާ އެވެ.