ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ބުނެ، އޭނާގެ ގޮނޑިއަށް މެންބަރަކު އައްޔަންކުރަން މަޖިލީހުން ފާސް ކުރުމުން ކޮމިޝަނަށް ފަސް މެންބަރުން ހަމަވެފައި ވާތީ އެ ކޮމިޝަންގެ ރައީސްގެ މަގާމަށް ދެ ބޭފުޅެއްގެ ނަން ހުށަހަޅައިފި އެވެ.

ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ދެ ނަން ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އާއި މައިނޯރިޓީ ޕާޓީ ޕީޕީއެމުންނެވެ. ޕީޕީއެމުން ހުށަހެޅީ ސީއެސްސީގެ މެންބަރު އަހުމަދު ހަސަން ދީދީ އެ ކޮމިޝަންގެ ރައީސްއަކަށް އައްޔަން ކުރުމަށެވެ. އޭނާގެ ނަން ހުށަހެޅުއްވީ ވަކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ.

އެމްޑީޕީން ހުށަހެޅީ ސީއެސްސީގެ ކުރީގެ ރައީސް އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި މިހާރު ސީއެސްސީގެ މެންބަރު ޑރ. މުހައްމަދު ލަތީފުގެ ނަމެވެ. ސީއެސްސީގެ ރައީސް ކަމަށް އޭނާގެ ނަން ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

ސީއެސްސީގެ ރައީސް ކަމަށް ބޭފުޅަކު ހޮވާނީ މިއަދު މެންދުރު ފަހު މަޖިލީހުގައި ނަގާ ވޯޓުގަ އެވެ.

ސީއެސްސީގެ ރައީސް ކަމަށް މިއަދު ބޭފުޅަކު ހޮއްވަވާ އިރު، ފަހުމީގެ ބަދަލުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވި ރީނީ އަބްދުއްސައްތާރު މެންބަރު ހުވާ ކުރެއްވުން ސުޕްރީމް ކޯޓުން ވަނީ ހުއްޓުވާފަ އެވެ.

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުނު އަމުރަކުން ރީނީ ހުވާ ކުރެއްވުން ހުއްޓުވާފައިވާ އިރު، އެ އަމުރު ނެރުނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންއަށް ނޭނގި އެވެ.

ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ސީއެސްސީގެ މެންބަރު ކަމުން ފަހުމީ ވަކިވެފައިވާ ކަމަށް މަޖިލީހުން ނިންމި ނިންމުކަކީ ބާތިލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެކަން ކަނޑައެޅި ހުކުމާ ހިލާފަށް އެހެން މެންބަރަކު ސީއެސްސީ އަށް އައްޔަން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.