އިސްލާމް އާބާދު (އޮގަސްޓް 20): ޕާކިސްތާން ސަރުކާރާ އެކު ސުލްޙައިގެ ވާހަކަތައް ފެށުމަށް ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފު، އެގައުމުގެ ހަރުކަށި ޖަމާއަތްތަކަށް ގޮވާލައްވައިފި އެވެ.

ގައުމާ މުޚާތަބު ކުރައްވައި ދެއްވި ތަޤްރީރެއްގައި، ޕާކިސްތާނުގައި ބޮންގޮއްވުމާއި މީހުން މެރުމުގެ ޢަމަލުތައް ހިންގަމުންގެންދާ ޖަމާއަތްތަކަށް ނަވާޒް ޝަރީފު ގޮވާލެއްވީ، ހަތިޔާރާއި ބޮންތައް ބެހެއްޓުމަށް ފަހު ސުލްޙައިގެ މަގު ޚިޔާރުކުރުމަށާއި މިކަމަށްޓަކައި ސަރުކާރާ ސުލްޙައިގެ ވާހަކަތައް ފެށުމަށެވެ. ސުލްޙައިގެ މަގު ޚިޔާރުކޮށް ހަރުކަށި ޢަމަލުތައް ދޫކޮށްލުމުން ހަނގުރާމަވެރި ޖަމާއަތްތަކަށް ވެސް އެމީހުންގެ ހައްޤުތައް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށާ ސުލްޙައިގެ މަގު ޚިޔާރު ކުރުމުން އެޖަމާއަތްތަކުގެ މެންބަރުންގެ ފުރާނަތަކާއި ޕާކިސްތާނުގެ ކުށެއްނެތް އެތަށް ފުރާނަތައް ވެސް ސަލާމަތްކުރެވޭނެ ކަމަށް ނަވާޒް ޝަރީފު ވިދާޅުވި އެވެ.

ޕާކިސްތާނުގައި ހަރުކަށި ޢަމަލުތައް މައިގަނޑު ގޮތެއްގައި ހިންގަމުންގެން ދަނީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުންނެވެ. މީގެ އިތުރުން ގައުމީ އަދި މަޛްހަބީ ފިކުރުތަކުގައި ހައްދުފަހަނަޅާފައިވާ ބައެއް ޖަމާއަތްތަކަށް ނިސްބަތްވާ ފަރާތްތަކުން ވެސް އަމިއްލައަށް މަރުވެގެންނާއި ތަންތަނުގެ ގޮވާތަކެތި ހަރުކޮށްގެން ބޮންގޮއްވުމުގެ ޢަމަލުތައް ހިންގަމުން ގެންދެ އެވެ. މީގެއިތުރުން އެމެރިކާ ވެސް ޕާކިސްތާނުގައި ހަރުކަށި ޢަމަލުތައް ހިންގައި ޓެރަރިސްޓުންނަށް ޙަމަލާ ދިނުމުގެ ނަމުގައި ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަނެ ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ޕާކިސްތާނަށް ޙަމަލާތައްދީ ކުށެއް ނެތް އާންމުން ގިނަ އަދަދަކަށް މަރަމުން ގެންދެ އެވެ. އެމެރިކާގެ މިހަރުކަށި އަމަލުތައް ހުއްޓުވުމަށް ޓަކައި ނަވާޒް ޝަރީފުގެ ސަރުކާރުން އެމެރިކާ ސަރުކާރާ ވާހަކަ ދައްކަމުން ގެންދާ ކަމަށް ޚަބަރުލިބެ އެވެ.

އެމެރިކާ އިން ޕާކިސްތާނާ ދެކޮޅަށް ހިންގާ ހަރުކަށި ޢަމަލުތައް ނުހުއްޓާ ނަމަ ސަލާމަތީ ކަންކަމުގައާއި އަފްޣާނިސްތާނާ ގުޅޭކަންކަމުގައި ޕާކިސްތާނުން އެމެރިކާ އަށް ދޭ އެއްބާރުލުން ކުޑަކުރަން ޖެހިދާނެ ކަމުގެ އިންޒާރު، ނަވާޒް ޝަރީފުގެ ސަރުކާރުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އަށް ވަނީ ދީފަ އެވެ. މިއާ އެކު އެމެރިކާ ޚާރިޖީ ވަޒީރު ވަނީ ޕާކިސްތާނަށް އެމެރިކާ ދޭ ޑްރޯން ޙަމަލާތައް މަދުކުރަމުން ގެންގޮސް ކުރިޔަށް އޮތް ދުވަސްތަކުގައި މިކަން ނިމުމަކަށް ގެންނާނެކަމުގެ އިޝާރާތްތަކެއް ދެއްވާފަ އެވެ.

ގައުމާ މުޚާތަބު ކުރައްވައި ދެއްވި ތަޤްރީރުގައި ނަވާޒް ޝަރީފު ވިދާޅުވީ ސުލްޙައިގެ މޭޒުދޮށަށް އައުމަށް ހަރުކަށި ޖަމާއަތްތަކަށް އޭނާގެ ސަރުކާރުން ދައްވަތު ދެނީ ސަރުކާރު ބަލިކަށިވެގެން ނޫންކަމަށާ ޕާކިސްތާނުގައި ހަމަޖެހުމާއި ސުލްޙަ ޤާއިމް ކުރުމަށް ކަމުގަ އެވެ. މިދައްވަތައް ފުރަގަސްދީ ހަރުކަށިކަން ކުރިޔަށްނެރެ ބޮއްގޮއްވުމުގެ ޢަމަލުތަކާ ގެންކުރިޔަށްދާ ނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޕާކިސްތާން ސަރުކާރުން ކުރިޔަށްވުރެ ބޮޑަށް ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ވެސް ނަވާޒް ޝަރީފު ދެއްވި އެވެ.

މިދިޔަ ޖޫންމަހު ޕާކިސްތާނުގައި ބޭއްވި އިންތިޚާބުގެ ކޭންޕޭންގައި ނަވާޒް ޝަރީފުވަނީ އޭނާއަށް އިންތިޚާބު ކާމިޔާބުވެވަޑައިގެންފި ނަމަ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ އެކު ސުލްޙައިގެ ވާހަކަތައް ދައްކައިގެން އެޖަމާއަތްތައް ހެޔޮމަގަށް އެޅުވުމަށް މަސައްކަތް ކުރެއްވުމަށް ވަޢްދުވެވަޑައިގެންފަ އެވެ. އަދި ޕާކިސްތާނާ ދެކޮޅަށް އެމެރިކާ ހިންގާ ހަރުކަށި އަމަލުތައް ވެސް އެމެރިކާއާ ވާހަކަ ދައްކައިގެން ހުއްޓުވާނެ ކަމަށް ނަވާޒް ޝަރީފު ވަނީ ވަޢްދުވެވަޑައިގެންފަ އެވެ. (ނޫސްއެޖެންސީތައް)