20 Aug 2013, 10:19
ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރަން އުޅުނު މީހަކު ފުލުހުންނަށް ފިލަން ދުވަނިކޮށް ވެއްޓި ބޯ ފަޅައިގެން ގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގއ. ވިލިނގިލީ ގެއެއްގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ 2:30 ހާއިރު 22 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރަން އުޅުމުން ފުލުހުންނަށް ފިލަން ދުވަނިކޮށް އެމީހާ ވެއްޓި އަނިޔާވެފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ވިލިނގިލީ ހިކިދުނބުރުމާގެ، އަހުމަދު އަމުރު އެވެ.
ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ ވިލިނގިލީ ގެއެއްގެ ދޮރެއް ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރަން އުޅުނު މީހާ ހައްޔަރު ކުރަން އުޅުމުން ފުލުހުންނަށް ފިލަން ދުވަނިކޮށް ވެއްޓި މަގުމަތީ އޮތް ތާނގީއެއްގައި ޖެހި ބޯފަޅައިގެން ގޮސް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ.
ވައްކަން ކުރަން އުޅުނު މީހާ ވަނީ އޭނާ ވަން ގޭގެ ކުޑަ ދޮރެއް ހަލާކުކޮށްލާފަ އެވެ. ނަމަވެސް އެގެއިން ވަގަށް އެއްވެސް އެއްޗެއް ގެންދިޔަކަން އެނގިފައިއެއް ނުވެ އެވެ.