20 Aug 2013, 10:16
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅުއްވާ މެންބަރު ކަމުގެ ގޮނޑިއަށް ހަތަރު މެންބަރެއްގެ ނަން ހުށަހަޅުއްވައިފި އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އާއި ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު (އަޒީ) އާއި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި މިނިވަން މެންބަރެއް ކަމުގައިވާ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިންނެވެ.
މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީ އަށް މެންބަރަކު ހޮވުން އަޮންނާނީ މިއަދު މެންދުރު ފަހު 1:30ގަ އެވެ. މަޖިލީހުން އަގުލަބިއްޔަތުން އެންމެ ގިނަ ވޯޓު ލިބޭ މެންބަރަކު ޖޭއެސްސީގެ މެންބަރު ކަމަށް ހޮވޭނެ އެވެ.
މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ ޖޭއެސްސީގެ މެންބަރު ކަމުގެ ގޮނޑި ހުސްވެފައި ވަނީ އެ ގޮނޑި ފުރައްވަމުން ގެންދަވި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރަންވަން ނަން ހުށަހެޅުއްވުމުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ (ޖޭއެސްސީ)ގެ ގާނޫނު 10 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ސިޔާސީ މަގާމަކަށް ޖޭއެސްސީގެ މެންބަރަކު ކުރިމަތިލައިފި ނަމަ ޖޭއެސްސީގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
ގާސިމް ޖޭއެސްސީގެ މެންބަރު ކަމަށް ވަޑައިގެންނެވީ އެ ގޮނޑި ކުރިން ފުރައްވަމުން ގެންދެވި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް އެމްޑީޕީން ނަގައި އޭނާ މަގާމުން ދުރުކުރުމުންނެވެ.