20 Aug 2013, 09:53
ޤާހިރާ (އޮގަސްޓް 20): ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި ސުލްޙަވެރި މުޒާހަރާތައްކުރި އާންމުންގެ އެތައް ސަތޭކަ ބަޔަކު މެރިމައްސަލާގައި ކުށްސާބިތުވެގެން އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކް ކުރިޔަށްއޮތް ދެތިން ދުވަހުގެ ތެރޭގައި ޖަލުން މިނިވަންކުރެވޭނެ ކަމަށް މިސްރުގެ ޝަރުޢީ ދާއިރާ އިން ބުނެފި އެވެ.
މިސްރުގެ ޝަރުޢީ ދާއިރާގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް ޚަބަރުދޭ ގޮތުގައި މީގެ ދެ އަހަރެއްހާ ދުވަސްކުރިން ޖަލަށްލެވިފައިވާ މުބާރަކު މިނިވަންކުރުމަށް މިސްރުގެ ކޯޓަކުން އަމުރުކޮށްފައިވެ އެވެ. މުބާރަކްގެ ޤާނޫނީ ވަކީލުފަރީދުއްދީބް ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ މުބާރަކްގެ މައްޗަށް ސާބިތުވެފައިވާ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލައިން އޭނާ ބަރީއަކުރުމަށް މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވާފައިވާ ކަމުގަ އެވެ.
މުބާރަކް މިހާރު ޖަލުގައި ބެހެއްޓިފައިވަނީ ކޮރަޕްޝަނުގެ އެހެން މައްސަލައެއްގައި ކަމަށާ އެމައްސަލަ ދެ ދުވަހެއްގެ ތެރޭގައި ނިމި މުބާރަކް ދާއިމީ ގޮތަކަށް މިނިވަންކުރެވޭނެ ކަމުގައެވެ. ނަމަވެސް މިސްރުގެ ޝަރުޢީ ދާއިރާގެ ބައެއް މަސްއޫލުވެރިންވަނީ މިމައްސަލައާގުޅިގެން އިތުރު ދެ ހަފްތާ ވަންދެން މުބާރަކް ޖަލުގައި ހުންނަވަން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމުގަ އެވެ. 2011 ވަނަ އަހަރުގެ ޖަނަވަރީ މަހު މިސްރުގެ ރައްޔިތުން މުބާރަކްގެ ވެރިކަމާ ދެކޮޅަށް އުތުރިއެރުމާ ގުޅިގެން އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ އެ އަހަރުގެ ޖަނަވަރީ މަހުގެ 25 ގަ އެވެ.
މިސްރުގެ ރައްޔިތުން މުބާރަކްގެ ވެރިކަން ވައްޓާލުމަށް މަގުތަކަށްނުކުމެ ކުރި މުޒާހަރާތަކަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން 700 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު މިބައިމީހުންގެ މަރުގެ ޒިންމާ އުފުއްލަވަންޖެހެނީ މުބާރަކާއި އޭނާގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ދާޚިލީ ވަޒީރު ކަމުގައި ހުންނެވި ޙަބީބުލްޢާދިލީ ކަމަށް ސާބިތުވެ ޤާހިރާގެ ޖިނާއީ ކޯޓުން 2012 ވަނައަހަރު ވަނީ އެ ދެ ބޭފުޅުން އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފަ އެވެ. އަދި ދައުލަތުގެ ފައިސާގެ ތެރެއިން އެތަށް ބިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ކުށް މުބާރަކްގެ މައްޗަށް ސާބިތުވުމުން މިމައްސަލާގައި ވެސް އޭނާ އުމުރު ދުވަހަށް ޖަލަށްލުމަށް ޤާހިރާގެ ޖިނާއީ ކޯޓުން ޙުކުމްކޮށްފައިވެ އެވެ.
ނަމަވެސް މި ދެ މައްސަލަ އަލުން ބެލުމަށް ކޯޓަށް ވައްދައި މި ދެ މައްސަލައިން މުބާރަކް ބަރީއަކުރުމަށް މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް އަލުން ކޯޓުގައި އެދިވަޑައިގަތުމުން މިދެމައްސަލާގައި މުބާރަކް ޖަލުގައި ބަހައްޓަން ޖެހޭ ސަބަބެއްނެތް ކަމަށް މީގެ ދެތިން މަސްކުރިން ކޯޓުން ޙުކުމްކޮށްފައިވެ އެވެ. ނަމަވެސް މުބާރަކްގެ ދެދަރިން ކަމަށްވާ ޢަލާ މުބާރަކް އާއި ޖަމާލް މުބާރަކްގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެގެން އެ ދެ ބޭފުޅުން ވަނީ ދިގުމުއްދަތަކަށް ޖަލަށްލެވިފަ އެވެ. މިސްރުގެ ޝަރުޢީ ދާއިރާ ވަނީ މުބާރަކަށް ތާއީދުކުރާ ބާރުތަކުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށްރިޕޯޓްތައް ބުނެ އެވެ.
މުބާރަކުގެ ވެރިކަން ވެއްޓުމަށް ފަހު މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ދަށުން މިސްރުގެ ރައްޔިތުން އިންތިޚާބުކުރި މިސްރުގެ ޕާލަމެންޓްގެ ދެ ގެ ކަމަށްވާ އައްޝަޢަބު މަޖިލީހާއި ޝޫރާ މަޖިލީހުގެ އަޣްލަބިއްޔަތު ވެސް ހޯދާފައި ވަނީ މުބާރަކުގެ ވެރިކަމުގައި ސިޔާސީ މައިދާނުން އެއްފަރާތް ކުރެވިފައިވާ މިސްރުގެ އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުންނެވެ. އަދި އެއަށް ފަހު މިނިވަން އިންސާފުވެރި އިންތިޚާބެއްގެ މިސްރުގައި ފުރަތަމަ ފަހަރަށް ބޭއްވި މިނިވަން އިންސާފުވެރި އިންތިޚާބު ކާމިޔާބުކުރައްވައިގެން ގައުމުގެ ވެރިކަމަށް ވަޑައިގެންނެވީ ވެސް އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުރުސީއެވެ.
ނަމަވެސް މުރުސީގެ ވެރިކަމުގައި މިސްރުގެ ދަސްތޫރީ ކޯޓުންވަނީއިޚްވާން ޖަމާއަތަށް އަޣްލަބިއްޔަތު ލިބިފައިވާ މިސްރުގެ ޕާލަމެންޓްގެ ދެ ގެ ކަމަށްވާ އައްޝަޢަބު މަޖިލީހާއި ޝޫރާ މަޖިލިސް ވެސް އުވާލާފަ އެވެ. އަދި އިސްލާމީ ފިކުރާ އިދިކޮޅު ހުޅަނގަށް ތާއީދުކުރާ ލެބެރަލް ޕާޓީތަކާއި މިސްރުގެ ސިފައިން ގުޅިގެން ސިފައިން ގެނައި ޢަސްކަރީ އިންޤިލާބެއްގައި މުރުސީ ވެސް ވަނީ މަޤާމުން ދުރުކޮށް އޭނާ ހައްޔަރުކޮށްފަ އެވެ. އަދި މުރުސީއަށް ތާއީދުކުރާ ފަރާތްތަކާއި އިޚްވާން ޖަމާއަތުން މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި މުޒާހަރާތައް ކުރަންފެށުމުން މިސްރުގެ ސިފައިން ވަނީ ބާރުގެ ބޭނުންކޮށް މުރުސީ އަށް ތާއީދުކުރާ 800 އަށްވުރެ ގިނަމީހުން މަރާލައި އިޚްވާން ޖަމާއަތުގެ ހާހަކަށް ވުރެ ގިނަމީހުންނާއި އެޖަމާއަތުގެ ގިނަ ލީޑަރުން ހައްޔަރުކޮށްފަ އެވެ.
މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު މިސްރުގެ ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައިވާ ސަރުކާރުން ވަނީ ޙުސްނީ މުބާރަކުގެ ދުވަސްވަރުގައާ އަދި ޒަމާނުއްސުރެ މިސްރުގައި އޮތް ޕޮލިސް ސްޓޭޓްގެ ނިޒާމު އަލުން ޤާއިމްކޮށްފަ އެވެ. މީގެތެރޭގައި ޤާނޫނު އަސާސީ އަށް ޢަމަލުކުރުން ހުއްޓާލުމާއި ސުލްޙަވެރި އެއްވުންތައް ބަޑިޖަހައިގެން ރޫޅާލުމާއި ޝަރީޢަތާނުލައި މީހުން ހައްޔަރު ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމާއި ކުއްލި ޙާލަތު އިޢްލާން ކުރުމާއި މިނިވަން މީޑިޔާއަށް ފުރްސަތު ނުދިނުމާއި ދައުލަތުގެ މީޑިޔާ އިން ސަރުކާރުގެ ސިޔާސީ ޕްރޮޕަގެންޑާތައް ފެތުރުމާއި ސަރުކާރުގެ އިސްމަޤާމުތަކަށް ކުރީގެ ޢަސްކަރީ ޖެނެރަލުން ލެއްވުން ހިމެނެ އެވެ.
މިހުރިހާ ކަމަކާއެކު ވެސް އެމެރިކާއާއި ހުޅަނގެ ގައުމުތައްވަނީ މިސްރުގެ އިންޤިލާބީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަސްޖެހިފައެވެ. (ނޫސްއެޖެންސީތައް)