އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ވަރަށް ގިނަ ވައުދުވެއްޖެ އެވެ. އަނގަބަހުން ވެސް ވައުދުވެއްޖެ އެވެ. ވައުދުގެ ލީފުލެޓާއި ފޮތްތައް ގޭގޭ އޮޅިތަކުން އެތެރެކޮށްފި އެވެ. އެދުމާއިގެން ރައްޔިތުންނަށް ވެދުން ދަންނަވަން ފަށައިފި އެވެ.

އިންތިހާބަށް 19 ދުވަހަށްވީ އިރު، ކަންބޮޑުވަނީ އިތުބާރު ހިފޭ ދިރާސާއެއްގެ އަލީގައި ދިވެހިރާއްޖޭގެ ތަރައްގީ އަށް ދިވެހިން ދެކޭ ތަސައްވުރު ނޭނގުމެވެ. އެފަދަ ދިރާސާއެއްކޮށްފައި ނުވުމެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި އިންތިހާބު އައުމުގެ މާ ކުރިން ގައުމުތަކުގެ ރިސާޗު ސެންޓަރުތަކުން އަވަސްވެގަނެ އެވެ. ޔުނިވާސިޓީތަކުން ނުވަތަ މީޑިއާ އިން ރައްޔިތުންގެ ހިޔާލަށް ހުށަހެޅިގަނެ އެވެ.

ނަމަވެސް އެކުވެރި ދައުލަތް (އދ) އިން އެފަދަ ދިރާސާއެއް ރާއްޖޭގައި ކުރިއަށް އެބަގެންދެ އެވެ.
"މައި ވޯލްޑް"ގެ ނަމުގައި މި އަހަރު އެ ޖަމާއަތުން ފެށި ކެމްޕެއިނަކީ 2015 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ ކެމްޕެއިނެ ކެވެ. މިކެމްޕެއިންގައި އދ. އިން ހުށަހަޅާފައި ވަނީ ތަރައްގީގެ 16 ލަނޑުދަނޑިއެކެވެ. ވޯޓުލާ ކޮންމެ ފަރާތަކަށް ވޯޓު ލެވެނީ މީގެ ތެރެއިން އެ ފަރާތަކުން އިސްކަންދޭ ހަ ލަނޑުދަނޑިއަށެވެ.

އެ ޖަމާއަތުން ބުނެފައި ވަނީ އެ ކެމްޕެއިނަކީ "އާއްމު ރައްޔިތުންގެ އަޑާއި، އެމީހުންގެ ހިޔާލާއި އިސްކަންދޭ ކަންކަން ހޯދުމަށް ފަހު އެކަންކަން ދުނިޔޭގެ ލީޑަރުންނާ ހަމައަށް ގެނެސްދިނުމަށް" ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

ރާއްޖޭގައި އެ ކެމްޕެއިން ލޯންޗުކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މައި ވޯލްޑްގެ ކެމްޕެއިންގައި އިއްޔެގެ ނިޔަލަށް 3،232 ދިވެހިން ވަނީ ވޯޓު ލާފަ އެވެ. މިއަދަދުގެ ތެރެއިން 2،941 މީހުންނަކީ އުމުރުން 34 އަހަރަށް ވުރެ ދަށް ނުވަތަ ޒުވާނުންގެ ކެޓަގަރީގައި ގުނޭނެ މީހުން ނެވެ.

މި ސާވޭއިން ދައްކާ ގޮތުގައި ދިވެހިން އެންމެ އިސްކަންދޭ ކަމަކީ ރަނގަޅު ތައުލީމެއް ހޯދުމުގެ ފުރުސަތު ލިބުމެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމު ރަނގަޅުކުރަން ޖެހޭ ވާހަކައަކީ ގާތްގަނޑަކަށް ހުރިހާ ރިޔާސީ ކެންޑިޑޭޓުން ވެސް ދައްކަމުން އަންނަ ވާހަކައެކެވެ. މީގެ ދެ އަހަރު ކުރިން އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މަތީ ތައުލީމް ހާސިލްކުރަން ފެށުމުގެ އުމުރު ކަމަށްވާ އުމުރުން 17 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން މަތީ ތައުލީމު ހާސިލުކުރަމުންދާ ޒުވާނުންގެ އަދަދު އުޅެނީ އާބާދީގެ ހަ ޕަސަންޓަށް ވުރެ ދަށުގަ އެވެ. އޯ ލެވަލް ނިންމުމަށް ފަހު އޭ ލެވަލްއާ ހަމައަށް ކިޔަވަނީ އޯ ލެވަލް ހަދާ ދަރިވަރުންގެ އާބާދީގެ އެންމެ 13 ޕަސެންޓެވެ.

މަތީ ތައުލީމަށް އިސްކަންދޭ ޒަމާނެއްގައި، މިއީ ކަންބޮޑުވާން ޖެހޭ އަދަދުތަކެކެވެ. މިކަން ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން އެބަ ޖެހެ އެވެ.

ދިރާސާގައި ދިވެހިން ބުނެފައި ވަނީ ދެވަނައަށް އެންމެ އިސްކަންދޭ ކަމަކީ "މިހާރަށް ވުރެ ރަނގަޅު ސިއްހީ ފަރުވާގެ ނިޒާމެއް" އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމަކީ ވެސް ހައްލު ނުކުރެވިފައިވާ ގިނަ މައްސަލަތަކެއް ހުރި ނިޒާމެކެވެ. ކުރީގެ ސަރުކާރުން ފެށި "އާސަންދަ" ނިޒާމާ އެކު ސިއްހީ ފަރުވާއަށް ވަކި ވަކި ފަރުދުން ކުރާ ހަރަދު ކުޑަވެގެން ގޮސްފައިވިޔަސް، އެ ދާއިރާގައި ހުރި ގޮންޖެހުން ބޮޑު މައްސަލަތަކަށް އަދި ހައްލެއް ހޯދިފައެއް ނުވެ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް "އާސަންދަ" ނިޒާމުގެ ދަށުން ސިއްހީ ހިދުމަތްތައް ފަސޭހަ ވެގެން ގޮސްފައިވިޔަސް، އެފަސޭހަކަން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެތުރިފައެއް ނުވެ އެވެ. ޑޮކްޓަރުން ނެތުމުގެ މައްސަލަ އާއި ހޮސްޕިޓަލުގައި ބޭނުންކުރާ އާލާތްތައް ހަލާކުވުން ފަދަ ސަބަބުތަކާ ހެދި އަތޮޅުތަކުން އަދިވެސް ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދަތުރުކުރަން ޖެހެ އެވެ.

މިކަންކަން ހައްލުކުރުމަށް މުހިއްމު އެއް ސިޔާސަތަކީ މަތީ ތައުލީމުގެ ފުރުސަތުތައް ބޮޑަށް ހުޅުވިގެން ދިއުމެވެ. ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތަމްރީންވެގެން ދިވެހިންގެ ހޮސްޕިޓަލުތަކުގައި ދިވެހީންނަށް ފަރުވާ ދޭން ފެށުމާ އެކު ސިއްހީ ނިޒާމަށް މިހާރު ދިމާވެފައިވާ ބައެއް ބޮޑެތި ގޮންޖެހުންތައް ހައްލުވެގެންދާނެ އެވެ.

ސާވޭގެ ނަތީޖާ ދައްކާ ގޮތުން ދިވެހިން ތިންވަނައަށް އެންމެ އިސްކަންދޭ ކަމަކީ "ރަނގަޅު ވަޒީފާގެ ފުރުސަތުތަކެއް ލިބުން" އެވެ. ވަޒީފާގެ ފުރުސަތުތައް ފަހިނުވުމުގެ ސަބަބުން މަޖުތަމައުގެ ތެރޭގައި އިޖުތިމާއީ އެތައް މައްސަލަތަކެއް އުފެދިގެން ދެ އެވެ. އެމެރިކާގެ ސީއައިއޭގެ ވޯލްޑް ފެކްޓްބުކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2012 ވަނަ އަހަރު ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު އުޅެނީ 28 ޕަސެންޓުގަ އެވެ. 2010 ވަނަ އަހަރު މިއަދަދު 14.5 ޕަސެންޓުގައި ހުރިއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ ދެ ގުނައަށް މައްޗަށް ގޮސްފަ އެވެ.

ޒުވާނުންނާ ގުޅޭ ގިނަ މައްސަލަތަކުގެ ހަގީގީ ސަބަބަކީ ވަޒީފާ ނެތުމުގެ މައްސަލަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިއީ ވަރަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ހައްލުކުރަން ޖެހޭ މައްސަލައެކެވެ.

ދިވެހިން ބުނާ ގޮތުން ހަތަރުވަނައަށް އެންމެ އިސްކަންދޭ ކަމަކީ ކުށާއި އެފަދަ ހަމަނުޖެހުންތަކުން ރައްކާތެރިކަން ލިބުމެވެ.

ކުށްކުރާ މިންވަރު އިތުރުވެގެން ދިއުމާއި އެކަމަށް އާއްމުން ހުށަހެޅިގެންދާ މިންވަރު އިތުރުވެގެން ގޮސްފައިވާ ކަން ތަފާސް ހިސާބުތަކުން ފެންނަން އެބަހުއްޓެވެ. މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހެޅިގެން 11،855 ކުށެއް ތަހުގީގުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މީގެ ތެރޭގައި ވައްކަމާއި ފޭރުމާއި މާރާމާރީ އަދި މަސްތުވާތަކެތީގެ ތަފާތު މައްސަލަތައް ހިމެނެ އެވެ. މީގެ އިތުރުން މިފަހަކަށް އައިސް ރާއްޖޭގައި މީހުން މަރާ ނިސްބަތްވެސް ވަނީ އެތައް ދަރަޖައެއް މައްޗަށް ގޮސްފަ އެވެ.

ފަސްވަނަ އަށް ދިވެހިން އެންމެ އިސްކަންދޭ ކަމަކީ ތެދުވެރި އަދި އިޖާބަދޭ ސަރުކާރެއް ގާއިމުކުރުމެވެ. ވައުދުގެ މައްޗަށް ބަހަނާ ނުދައްކައި، ވައުދު ފުއްދާ ސަރުކާރެކެވެ. ނުވިސްނޭ މީހާއަށް މަކަރު ނަހަދައި މާލިއްޔަތަށް ހިޔާނާތްނުވާ ސަރުކާރެކެވެ.