މިޞުރުގެ އިސްލާމީ ވެރިކަމާ ދެކޮޅަށް ބަޣާވާތް ކުރި ބާޣީ ސަރުކާރާއި ބާޣީ ޢަސްކަރިއްޔާގެ ޖައްލާދުން ގެންދަނީ ބަޣާވާތާ ދެކޮޅަށް ހަތިޔާރެއް ނެތި ނުކުތް ރައްޔިތުން ތަޅައި ރޯނާ ގަންނުވަމުންނެވެ. ވެރިރަށް ޤާހިރާގެ އިތުރުން، އިސްކަންދަރިއްޔާ ފަދަ އެހެން ބައެއް ޝަހަރުތަކުގައި ވެސް ސިފައިންނާއި ފުލުހުން ގެންދަނީ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަން ދައްކަމުންނެވެ. ރައްޔިތުންނާ ދެކޮޅަށް މިޞުރުގެ ސިފައިންނާއި ފުލުހުން ނިކުމެފައި ވަނީ މުގުރާއި ބަޑިއާއި މެޝިން ބަޑި އާއި އާދައިގެ ހަނގުރާމަމަތީ އުޅަނދު ފަހަރުން ފެށިގެން ގޮސް، ރޮކެޓާއި ހަނގުރާމަމަތީ ޓޭންކަރާއި، ހަނގުރާމަމަތީ ހެލިކޮޕްޓަރާއި، ހަތިޔާރު އެޅި ބުލްޑޯޒަރު ފަދަ އެންމެ ޒަމާނީ އާލާތްތަކާއިގެންނެވެ. މި ހަތިޔާރުތަކުގެ ބޭނުން ފުރިހަމައަށް ހިފައިގެން، ބާޣީ ސަރުކާރާއި ޢަސްކަރިއްޔާއިން ވަނީ މިޞުރުގައި އިސްލާމީ ވެރިކަމެއް ކުރާން ބޭނުން ވާ ރައްޔިތުންނާ ދެކޮޅަށް މިނިކަތިލުމުގެ ކަޅު ސިލްސިލާއެއް ފަށައިފައެވެ.

ބާޣީންގެ ރުޅިވެރިކަމުގެ އަމާޒަކަށް ވެފައި ވާ މިޞުރުގެ މުސްލިމް އަޚުންނާއި އުޚުތުންގެ ހަމައެކަނި ކުށަކީ "އަހަރެމެން ލާ އިލާހަ އިއްލާ ﷲ، މުޙައްމަދު އައްރަސޫލު ﷲ މި ކަލިމައަށް ތެދުވެރިވާނަމޭ" ބުނާ ބުނުމެވެ. އިސްލާމް ދީނާ އެއްގޮތަށް ކުރާ އިސްލާމީ ވެރިކަމެއް ނޫނީ ބޭނުމެއް ނޫނޭ ބުނާ ބުނުމެވެ. "ތިޔަބައިމީހުން އެ އެއްޗެއްގެ ވާހަކަ ހުއްޓުމެއް ނެތި ދައްކަމުން ގެންދާ ޑިމޮކްރަސީގެ ހަމަތަކުގެ މަތީން، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކުން އަހަރެމެން ހޮވި ރައީސް އަހަރެމެންގެ އަތުން ފޭރިނުގަންނާށޭ" ބުނާ ބުނުމެވެ.

ސިފައިންނާއި ފުލުހުންގެ އަނިޔާވެރި ހަމަލާތަކުގައި ކަތިލެވިފައި ވާ މީހުންގެ ހަށިތައް ވަނީ ޤާހިރާގެ އެތައްމިސްކިތެއްގައި، އަދި އެތައް މަގުތަކެއްގައި އަތުރައިލެވިފައެވެ. ވަޒަންތަކުން ތޮރުފިފައި ވާލެއް ބޮޑުކަމުން، ނުވަތަ އަލިފާނުން އަނދައި ފިހިމާލައިފައި ވާލެއް ބޮޑުކަމުން، މަރު ވެފައިވާ ވަރަށް ގިނަ ބަޔަކު އެއީ ކޮން ބައެއްކަން ވަކި ކުރާން ވެސް އެނގޭ ވަރެއް ނޫނެވެ. މިފަދަ ހާލަތުގައި އެތައް ސަތޭކަ ހަށިތަކެއް ހުރި އިރު، ބާޣީ ސަރުކާރާއި އަސްކަރިއްޔާއިން ގެންދަނީ އެ މީހުންގެ ޢާއިލާތަކަށް ވެސް ޖެއްސުން ކުރަމުންނެވެ. ސިފައިންނާއި ފުލުހުންގެ ހަމަލާތަކުގައި މަރު ވާ މީހުންގެ މަރުގެ ސެޓްފިކެޓުގައި މިޞުރުގެ ޞިއްޙީ ވުޒާރާއިން ލިޔަމުން ގެންދަނީ އެއީ އަމިއްލައަށް މަރު ވި މީހުން ކަމުގައެވެ.

ޝަހީދު ކޮށްލެވިފައި ވާ އެތައް ސަތޭކަ ބައެއްގެ ހަށިތައް ވަޅު ނުލެވި އެތައް ދުވަހެއް ވުމާ ގުޅިގެން އެ ހަށިތައް ކުނި ވެ، ފެތުރިފައި ވާ މިނިކުނިވަހާ ހުރެ ޤާހިރާގެ ބައެއްސަރަހައްދުތަކުގެ ވައި ވަނީ ނޭވާ ލާން ނުކެރޭ ވަރަށް ތަޣައްޔަރު ވެފައެވެ. ޞިއްޙީ އެހީތެރީންގެ ޓީމުތަކުން ގެންދަނީ ކުނި ވެފައި ހުރި ހަށިތައް ހުރި ހިސާބުތަކުގައި މީރުވަސް ދުވާ ތަކެތީން ދުން އަޅައި، އެ ހަށިތަކަށް އެއަރ ފްރެޝްނާރ ފުޅިތައް ހުސް ކުރަމުންނެވެ. "އަލްއަޙްރާމް" ނޫހުން ހުކުރު ދުވަހު ބުނެފައި ވަނީ "ޤާހިރާގެ މަސްޖިދުލް އީމާންގައި އެކަނިވެސް ކުނި ވަމުންދާ 200 ހަށިގަނޑު އެބައޮތް" ކަމަށެވެ. "އަލްއަޙްރާމް" ގައި އިތުރަށް ލިޔެފައި ވަނީ ސިފައިންގެ ހަމަލާތަކުގައި މަރު ވެފައި ވާ މީހުންނާއި ޒަޚަމް ވެފައި ވާ މީހުން ބެއިތިއްބިފައި ވާ ތަންތަން "ވައްތަރީ ދެވަނަ ބޮޑު ހަނގުރާމައިގެ ބިރުވެރި މައުރިކާއެއް ހިނގައިފައި ވާ ސަރަހައްދާ" ކަމަށެވެ.

ސިފައިންގެ ހަމަލާތަކުގައި ޒަޚަމް ވާ މީހުންނަށް ފަރުވާ ދިނުމަށް ޓަކައި ރާބިޢާ އަލްޢަދަވިއްޔާގެ މައިދާނާއި ނަހްދާ މައިދާން ފަދަ ސަރަޙައްދުތަކުގައި ވަގުތީ ގޮތުން ހަދައިފައި ހުރި ހަސްފަތާލުތަކުގައި އެތައް ސަތޭކަ ބަޔަކު މަރާ ހަނގުރާމަ ކުރަމުން ދަނިކޮށް، ސިފައިން ވަނީ އެ ތަންތަނަށް ވެސް ވަދެ ގަދަބަދަވިކަމާއި އަނިޔާވެރިކަން އިސް ކޮށްފައެވެ. މަރުވެފައި ވާ ނުވަތަ ޒަޚަމް ވެފައި ވާ ތިމާގެ މީހުންނާއި ރަހުމަތްތެރީންނަށް ޓަކައި ރޮއި ކަރުނަ އަޅައަޅައި ތިބޭ މީހުންނާ ދެކޮޅަށް ވެސް ސިފައިން ހަތިޔާރުގެ ބޭނުން ކޮށްފައެވެ. އެ ހަސްފަތާލުތަކުގެ ތެރެއަށް ކަރުނަ ގޭސް ޖަހައި، މީހުންގެ ގައިގައި ތަޅައި އަނިޔާ ކޮށް، ބަޑި ޖަހައިފައެވެ.އެވަރުން ނުފުދިގެން، ޒަޚަމް ވެފައި ތިބޭ މީހުންނަށް ފަރުވާ ދޭ ޑޮކްޓަރުންނާއި ނަރުހުންގެ ގައިގައި ވެސް ދަނޑިބުރިތަކުން ތަޅައި، އެމީހުން އެ ހަސްފަތާލުތަކުން ނެރެ ފައްސައިލައިފައެވެ.

ބަޣާވާތާ ދެކޮޅަށް ތެދު ވެގެން ތިބި އިޚްވާނުލް މުސްލިމޫން ޖަމާޢަތުގެ މެންބަރުންނާއި ސަޕޯޓަރުން އެއް ވެފައި ވާ ސަރަޙައްދުތަކުގައި ދޭތެރެދޭތެރެއިން އިވެނީ ބަޑީގެ އަޑެވެ. އެ ސަރަޙައްދުތަކުގެ ޖައްވު ގިނަ ފަހަރު އޮންނަނީ ސިފައިންނާއި ފުލުހުން ބޭނުން ކުރާ ހަތިޔާރުތަކުގެ ބަޑިބޭހުގެ ދުމާއި ކަރުނަގޭހުގެ ވިލާތަކުން ބަނަ ވެފައެވެ. މީހުންގެ ރުއިމާއި ހަޅޭކުގެ އަޑު ވެސް އިރުއިރުކޮޅާ އަރައަރައިގެން ދެއެވެ. މި އަޑުތަކާ އެކު، ދޭތެރެދޭތެރެއިން އިވެމުން ދާ އަނެއް އަޑަކީކައިރި ހިސާބުތަކުގައި ހުންނަ މިސްކިތްތަކުގެ އަޑުގަދަކުރާތަކުން އަރައަރައިގެންދާ "ﷲ އަކްބަރު" ގެ ނަޣަރާގެއަޑެވެ. މިފަދަ އެއް ސަރަޙައްދު ކަމަށް ވާ މަދީނަތު ނަޞްރުގެ މަސްޖިދުލް އިމާމް މިސްކިތުގެ ބޭރު ސަރަޙައްދުގައި ހުންނަވައިގެން، އަލްޖަޒީރާގެ ރިޕޯޓަރ ޖޭން ފާރގުސަން ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވެފައި ވެއެވެ. "މި ފެންނަނީ ބިރުވެރި، އެންމެ ބިރުވެރި މަންޒަރުތަކެއް. މިހާރު ޖަނާޒާތައް ގެންދިޔުމުގެ ކަންތައްތައް ފަށަނީ. މުޅި މިސްކިތުގައި މަރު ވެފައި ވާ މީހުންގެ ހަށިތައް އަތުރައިލެވިފައި ހުރި އިރު، އެ ހަށިތަކުގައި އަޅައިފައި ހުރި ހުދު ފޮތީގެ ޗާދަރުތައް ވެސް އެހެރީ ލެއިން ތަތްތެޅިފައި. އަޅުގަނޑު ހުއްޓައި ސަންދޯއްތަކުގެ ދިގު ސިލްސިލާއެއް މިހާރު ވެސް ގެންގޮސްފި. އަދި އަޅުގަނޑުގެ ފަހަތުގައި ވެސް ސަތޭކަ ހަށިގަނޑު އެބައޮތް."

މުސްލިމުންގެ ލެޔާއި ކަރުނައިން މިޞުރު ތަތްތެޅެނީއެވެ. އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތައްމި ތިބީ ކަހާތަން ހިރުވައި ވެސް ނުލައެވެ. ދެނަހުރި ކަމަށް ވެސް ނަހަދައެވެ. ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ނަން ކުރެވިފައި ވާ ދިވެހިރާއްޖޭގައި ވެސް ރައްޔިތުން ބައިބަޔަށް ބެހިގެން، ހޭބޯނާރައި ކުރަމުން ދާ މަސައްކަތަކީ އެ ބައެއްގެ ލީޑަރަށް ވެރިކަމުގެ ގޮނޑި ކަށަވަރު ކުރެވޭތޯ ކުރަމުން ދާ މަކުރޫހަ މަސައްކަތްތަކެވެ. މިޞުރުގައި އަނިޔާ ލިބެމުންދާ ނިކަމެތި މުސްލިމުންނަށް ޓަކައި އެއްވެސް ކަމެއް ކޮށްލާނޭ ވަގުތެއް އަޅުގަނޑުމެންނަކަށް ނެތެވެ. މި ހާލަތުގައި އިސްލާމީ ދުނިޔެ ކުޅި ބަލާން އޮތް އިރު، މިޞުރުގެ ބާޣީ ސަރުކާރުގެ ފަރާތުން ލަންޑަނުގައި ހުންނަވާ ސަފީރު އަޝްރަފް އަލްޚޫލީގެ އަރިއަހުން މި ދިޔަ ހުކުރު ދުވަހު ނޫސްވެރީން ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ "މިޞުރުގައި މުޒާހަރާ ކުރާ މީހުންނަށް އެ ވަނީ އެ މީހުންނަށް ހަމަ ވާންވީ ގޮތް" ކަމަށެވެ.

ވީ ކިހިނެއް؟
މިޞުރުގެ ހާލަތު މި ދަރަޖައަށް ދިޔައީ ކިހިނެއް ހެއްޔެވެ؟ މިޞުރުގެ މަސްރަހުގައި ވެގެން މި އުޅެނީ ކިހިނެއް ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު ފަށާން ޖެހެނީ "އިޚްވާނުލް މުސްލިމޫން" ޖަމާޢަތާ ހަމައިންނެވެ.

އިޚްވާނުލް މުސްލިމޫން ޖަމާޢަތަކީ މި ޒަމާނުގެ އިސްލާމީ ތާރީޚު ދުށް އެންމެ މަތިވެރި އެއް ލީޑަރު އައްޝަހީދު ޙަސަނުލް ބަންނާގެ ޒަޢާމަތުގެ ދަށުގައި 1928 ވަނަ އަހަރު އުފެދުނު ޖަމާއަތެކެވެ. އިޚްވާނުލް މުސްލިމޫން އުފެދުނީއްސުރެ މިއަދާ ހަމަޔަށް ވެސް އެ ޖަމާއަތް ވަނީ މިޞުރުގެ ލާދީނީ، އަނިޔާވެރި، ހުޅަނގަށް އަޅުވެތި ވެފައި ވާ، އިސްލާމް ދީނަށް ޣައްދާރު ވެގެން ތިބި، ފަސާދަ އާއި ޝައިތާނީ އަމަލުތަކުގެ ތެރެއަށް ގެނބިގެން ތިބެ މިޞުރުގެ ރައްޔިތުންގެ މުއްސަނދިކަން ފެލަމުން ދާ ނުބައި ސަރުކާރުތަކާ ދެކޮޅަށް ސުލްހަވެރި ގޮތުގައި ޖިހާދު ކޮށްފައެވެ.

އިޚްވާނުލް މުސްލިމޫންގެ ދިގު ތާރީޚުގައި، މިޞުރުގެ އަނިޔާވެރި، ލާދީނީ އަދި އަސްކަރީ ސަރުކާރުތަކުން އެ ޖަމާޢަތާ ދެކޮޅަށް ގެންގުޅެފައި ވަނީ ޖައްބާރިއްޔަތާއި ދޮގުވެރި ޕްރޮޕެގެންޑާ އާއި އަނިޔާވެރިކަމުގެ އެންމެ ވިހަ ހަތިޔާރުތަކެވެ. އެ ޖަމާޢަތުގެ ލީޑަރުން ހައްޔަރު ކޮށް ޖަލަށް ލައިގެން ތަޅައި އަނިޔާ ކުރުމާއި، ދުރާލައި ރާވައިގެން ޖަމާޢަތުގެ ލީޑަރުންނާއި އިސް މުޙައްރިކުން އަވަހާރަ ކުރުމާއި، ޖަމާޢަތުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ޢާއްމުންގެ ބަޔަކު މަގުތަކަށް ނިކުމެއްޖެ ކޮންމެ ހިނދެއްގައި އެ ބަޔަކު ތަޅައި ރޯނާ ގެންނެވުމުގެ ސިޔާސަތުތަކެވެ. ފާއިތުވެ ދިޔަ ޤަރުނެއްހައި ދުވަހުގެ ތެރޭގައި އިސްލާމީ އުއްމަތް ދުށް އެންމެ ބޮޑެތި ޢިލްމުވެރީންގެ ތެރޭގައި ހިމެނޭ އެތައް ޢިލްމުވެރީންނެއް މިގޮތުން ޝަހީދު ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި އިޚްވާނުގެ ބާނީ އައްޝަހީދު ޙަސަނުލް ބަންނާގެ އިތުރުން، މަޝްހޫރު މުފައްސިރު އަދި މުޖާހިދު، އައްޝަހީދު ސައްޔިދު ޤުޠުބު ހިމެނިވަޑައިގަންނަވައެވެ.

އިޚްވާނުލް މުސްލިމޫންގެ ފިކުރާއި ޢަމަލުތައް ހުރީ އިތުރު ރަސޫލާގެ ޞަޙާބީންނާ އެއް ދަރަޖައެއްގައި ކަމަކަށެއް ނުބުނެވޭނެއެވެ. ފިކުރުގެ މަގުގައްޔާއި ޢަމަލުގެ މަގުގައި ވެސް އެމީހުންނަށް ގޯސްތަކެއް ހެދިފައެއް ނެތޭ ނުބުނެވޭނެއެވެ. ނަމަވެސް އަނިޔާވެރިކަން ހައްދު ފަހަނައަޅައިފައި ވާ، މާއްދިއްޔަތަށް ގޮސް ހުސް ވެފައި ވާ، އަދި ޢަދުލުވެރިކަމާއި އިންޞާފުގެ ވަސް ވެސް ނެތް މުޖުތަމަޢެއްގައި، ނުހަނު ކެތްތެރިކަމާ އެކު އިޚްވާނުލް މުސްލިމޫން މިއަދާ ހަމައަށް މަސައްކަތް ކޮށްފައި ވާ ގޮތަށް ބަލާއިރު، އެ ޖަމާޢަތަށް ތައުރީފު ކުރުން ޙައްޤެވެ. މިއަދުގެ ދުނިޔޭގައި އިސްލާމް ދީނަށް ލިބިފައި ވާ ނިކަމެތިކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެންމެ ވަރުގަދަ ސާބިތުކަމަކާއި ހިތްވަރެއްދައްކައިފައި ވާ އެއް ޖަމާޢަތަކީ އިޚްވާނެވެ.

މިގޮތުގެ މަތީން އިސްލާމް ދީން ރައްކައުތެރިކޮށް، ޢަލްމާނިއްޔަތުގެ ނުބައި ވިހައިންނާއި، ހުޅަނގަށް އަޅުވެތި ވާ "ޖާހިލިއްޔަ" ނިޒާމުން މިޞުރު ރައްކައުތެރި ކުރާން އިޚްވާނުން މެދުނުކެނޑި ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން، ހުޅަނގުގެ ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ވަނީ އެ ޖަމާޢަތަށް އަމާޒު ވެފައެވެ. ހަމައެފަދައިން، އިސްލާމީ ޤައުމުތަކުގައި ތިބި ކަމާލީ ޣައްދާރުންނާއި ހުޅަނގުގެ އަޅުން ވެސް އިޚްވާނުލް މުސްލިމޫން ދެކެ ގަންނަނީކީ އަމަށަކު ބިރެއް ނޫނެވެ. އެހެންކަމުން އިޚްވާނުލް މުސްލިމޫނަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމުގެ ދޮގު ޕްރޮޕެގެންޑާ ފަތުރައި، އެ ޖަމާޢަތް ނެތި ކޮށްލުމަށް މިޞުރާއި، މިޞުރުން ބޭރުން އެތައް ބަޔަކު ގެންދަނީ މަސައްކަތް ކުރަމުންނެވެ.ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް މިކަން އޮތީ މިގޮތަށެވެ. މިޞުރުގެ ލާދީނީ، ޢަލްމާނީ ލީޑަރުން ކަމަށް ވާ ޖަމާލް ޢަބްދުއްނާޞިރާއި، އަންވަރުއް ސާދާތާއި، ޙުސްނީ މުބާރަކާއި ތިން ބޭފުޅުންގެ ވެސް ސިޔާސަތު އޮތީ މިގޮތަށެވެ. އެ ތިން ބޭފުޅުންގެ ވެސް ފަސްބައިކޮޅުތައް ވަނީ އިޚްވާނުލް މުސްލިމޫންގެ ލެއިން ތަތްތެޅިފައެވެ.

އެމެރިކާގެ "އުނގުކުއްތާއެއް" ގެ ގޮތުގައި ސިފަ ކުރެވޭ ޙުސްނީ މުބާރަކުގެ ރައީސްކަމާ ދެކޮޅަށް މިޞުރުގެ ރައްޔިތުން ތެދު ވެ، އޭނާގެ ޒަމާން ވީ ޚުދުމުޚުތާރު ވެރިކަން ވައްޓައިލީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މުބާރަކު ވެއްޓުމުން، މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއްގައި ވޯޓު ލައިގެން ޤައުމުގެ ވެރިޔާ ހޮވުމުގެ ފުރުޞަތު،މިޞުރުގެ ތާރީޚުގައި އެ ޤައުމުގެ ރައްޔިތުންނަށް ފުރަތަމަ ފަހަރަށް ލިބުނެވެ. މި ފުރުޞަތު ހޯދުނީ އިޚްވާނުލް މުސްލިމޫންގެ ވަރަށް ބޮޑު ބައިވެރިވުމާ އެކު ކުރެވުނު މަސައްކަތުންނެވެ. މިޞުރުގެ ލާދީނީ ފިކުރުގެ އެތައް ބަޔަކު ވެސް އެއިރު އިޚްވާނާ އެކު މުބާރަކުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް ތެދުވިއެވެ.

މުބާރަކުގެ އިސްތިއުފާއަށް ފަހު، މިނިވަން އަދި އިންޞާފުވެރި އިންތިޚާބަކަށް މަގު ފަހިވެގެން ދިޔުމުން، އިޚްވާނުލް މުސްލިމޫން ޖަމާޢަތުގެ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވުނެވެ. "ފްރީޑަމް އެންޑް ޖަސްޓިސް ޕާރޓީ" ގެ ނަމުގައި ވުޖޫދަށް ގެނެވުނު މި ޕާޓީ ރަޖިސްޓްރީ ކުރެވުނީ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މި ޕާޓީއާ އެކު، އިޚްވާނުލް މުސްލިމޫން އިންތިޚާބަށް ވާދަ ކުރާން ނިންމުމުން، މިޞުރުގެ ކްރިސްޓިއަނުންނާއި، ލާދީނީ ފިކުރުގެ ހުރިހާ ޖަމާޢަތްތަކާއި، މުސްލިމުންގެ ތެރެއިން ލާދީނީ މީހުންގެ މަކަރާއި ޙީލަތާއި އޮޅުވައިލުންތަކުގެ މަޅީގައި ޖެހުނުހައި ބަޔަކާއި، އަދި ދީނެއް ރައްބިއެއް ރަސޫލަކަށް ބެލުމެއް ނެތި ދުނިޔަވީ މުއްސަނދިކަމާއި ބާރާއި އިއްޒަތާއި މަގާމަށް ޓަކައި ހުޅަނގަށް އަޅުވެތިވެގެން އުޅޭ ޖަމާއަތްތައް އެކަތިގަނޑަކަށް ވިއެވެ. މުބާރަކު ވައްޓައިލުމަށް ޓަކައި އިޚްވާނާ އެކު މަސައްކަތް ކުރި ލާދީނީ ޖަމާޢަތްތައް ވެސް، މުބާރަކު ވެއްޓުމުން އިޚްވާނާ ދެކޮޅަށް ތެދުވިއެވެ.

ނަމަވެސް މި އެންމެން އެކަތިގަނޑަކަށް ވެގެން ވެސް، އިޚްވާނުލް މުސްލިމޫން ބަލިކޮށެއް ނުލެވުނެވެ. މިޞުރުގެ ފުރަތަމަ މިނިވަން އަދި އިންސާފުވެރި އިންތިޚާބުގައި ރައްޔިތުންގެ ވޯޓުގެ އަޣުލަބިއްޔަތު ހޯދައިގެން ވެރިކަމަށް އައީ "ފްރީޑަމް އެންޑް ޖަސްޓިސް ޕާރޓީ" އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ޙައިޘިއްޔަތުން، ޤައުމުގެ ރައީސްކަމުގެ މަޤާމަށް ވަޑައިގަތީ މުޙައްމަދު މުޙައްމަދު މުރްސީ ޢީސާ އަލްޚައްޔާޠުއެވެ. ޢާއްމު ނަންފުޅުން ނަމަ މުޙައްމަދު މުރްސީއެވެ.

އިސްލާމީ ސަރުކާރެއް
އިޚްވާނުލް މުސްލިމޫންގެ ވެރިކަން މިޞުރުގައި ޤާއިމު ވުމާ އެކު، މިޞުރުގެ އިސްލާމީ ޝަޚްޞިއްޔަތު ދިރޭން ފެށިއެވެ. އޭގެ އެންމެ މުހިއްމު އެއް ރަމްޒަކީ، މިޞުރުގައި އަލަށް ތަޢާރަފު ކުރެވުނު ޤާނޫނުއަސާސީއެވެ. މި ޤާނޫނުއަސާސީ އަކީ މިޞުރުގެ ދުސްތޫރީ ޙަޔާތުގައި އިސްލާމް ދީނުގެ ދައުރު ވަރުގަދަ ކުރުމަށް އަމާޒު ކޮށްގެން އެކުލަވައިލެވުނު ޤާނޫނުއަސާސީއެކެވެ.

ހަމައެހެންމެ، މުރްސީގެ ސަރުކާރުގެ އެހެނިހެން ސިޔާސަތުތައް ވެސް ރޭވިގެން ދިޔައީ އިސްލާމް ދީނުގެ އާލަމީނަޒަރިއްޔަތާ އެއްގޮތަށެވެ. އަނިޔާވެރިކަމުގެ މަންމަ ކަމަށް ވާ ޒަޔަނިސްޓް އިޒްރޭލުން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ކުރަމުން ގެންދިޔަ އަނިޔާތަކާ ދެކޮޅަށް މުރްސީގެ ސަރުކާރުން ނިކަން ސާފު މެސެޖެއް ދިނެވެ. އެ މެސެޖަކީ، ޒަޔަނިސްޓުން ފަލަސްޠީނުގެ މުސްލިމުން ކަތިލައި އެމީހުންގެ ލޭ ބޯ ތަން ބަލާކަށް މިޞުރު ނޯންނާނޭ ކަމުގެ މެސެޖެވެ. މިކަންތައްތަކާ އެކު، މުރްސީގެ އިސްލާމީ ސަރުކާރުން މިޞުރުގެ އިޤްތިޞާދު ކޮޅަށް ޖަހައި، މިޞުރުގެ އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމުގެ ވަރުގަދަ މަޝްރޫޢުތަކެއް ވެސް ރާވައި ތަންފީޛު ކުރާން ފެށިއެވެ. ދީނީ ކަންކަމުގައްޔާއި ސިޔާސީ ފިޔަވަޅުތައް އެޅުމުގައި ބައެއް ކަހަލަ ގޯސްތައް މުރްސީގެ ސަރުކާރަށް ހެދުނު ކަމީ ޙަޤީޤަތެކެވެ. ނަމަވެސް، ޖުމުލަ ގޮތެއްގައި މުރްސީގެ ސަރުކާރުގެ މިޞުރާބު ހުރީ މިޞުރަށް އުޖާލާ މުސްތަޤުބަލެއް ކަށަވަރު ކުރެވޭނޭ ގޮތަށެވެ. އިސްލާމީ އުއްމަތުގެ މަޞްލަޙަތުތައް ޙިމާޔަތް ކުރެވޭނޭ މަގަށެވެ.

އިޚްވާނުލް މުސްލިމޫންގެ ޤިޔާދަތުގެ ދަށުގައި، ކާމިޔާބު އިސްލާމީ ވެރިކަމެއް މިޞުރުގައި ޤާއިމު ވުމުގެ ކޮޅުމަތި ފެންނާން ފެށުމުން، މިޞުރުގެ އެތެރެއާއި ބޭރުގައި ތިބި އިސްލާމް ދީނުގެ އަދުއްވުންގެ ލަގޮނޑިއަށް ކެތެއް ނުކުރެވުނެވެ. ޚާއްސަކޮށް އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ ހުޅަނގުގެ ބާރުތަކަށް އެކަން ވީ އެއްގޮތަކަށް ވެސް ހަޖަމު ނުކުރެވުނު ކަމަކަށެވެ. ހަމައެހެންމެ، އިސްލާމީ ދައުލަތްތަކުގެ ވެރިކަމުގެ ދާންތަކަށް އަރައި ތިބި ބައެއް މީހުންނަށް ވެސް އިޚްވާނުލް މުސްލިމޫންގެ ކާމިޔާބީގެ މަންޒަރު ދެކޭކަށް ކުޅަދާނައެއް ނުވިއެވެ. ނަތީޖާއަކަށް ވީ ހުޅަނގުގެ ބައެއް ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ ވެރިކަމުގައި ތިބި ކަމާލީ ޣައްދާރުންގެ އަޚްލާޤީ ތާއީދާއި، މަދަދާއި އެހީތެރިކަމާ އެކު، މިޞުރުގެ ކޮޕްޓިކް ކްރިސްޓިއަނުންނާއި، ލާދީނީ ޖަމާޢަތްތަކާއި، އިސްލާމް ދީނަށް ވުރެ ދުނިޔަވީ އިއްޒަތާއި ފައިސާއަށް ލޯބި ކުރާ މީހުން ގުޅި އެކަތިގަނޑަކަށް ވެގެން، މުރްސީގެ ސަރުކާރާ ދެކޮޅަށް ތެދުވުމެވެ. ޖެއްސުން ކުރުމާއި، ޕްރޮޕެގެންޑާ ފެތުރުމާއި، ދަތި ކުރުމާއި، ސަރުކާރަށް އިޖުތިމާޢީ ޙާލަތު ރަނގަޅު ނުކުރެވޭކަން ދެއްކުމަށް ޓަކައި ޖަރީމާތައް ޢާއްމު ކުރާން މަސައްކަތް ކުރުން ފަދަ ނުބައި ރޭވުންތައް ރާވައި ތަންފީޒު ކުރާން ފެށުމެވެ. މި ޙަރަކާތްތައް އައީ މަޑުމަޑުން ފުޅާ ވަމުންނެވެ. އެމެރިކާ ފަދަ ޤައުމުތަކުގެ މާލީ އެހީތެރިކަމާ އެކުގައެވެ.

ބަޣާވާތް
މުރްސީގެ އިސްލާމީ ސަރުކާރާ ދެކޮޅަށް ތެދުވި ލާދީނީ ޖަމާޢަތްތަކާއި، އިސްލާމް ދީނުގެ ދުޝްމަނުންނަށް މިޞުރުގެ މިޞުރުގެ ޢަސްކަރިއްޔާ އާއި ފުލުހުންގެ ފުރިހަމަ ތާއީދު ލިބުނެވެ. މީގެ ސަބަބަކަށް ވަނީ، މިޞުރުގެ ޢަސްކަރިއްޔާ އަކީ އެމެރިކާގެ އެހީތެރިކަމާ އެކު، އެމެރިކާގެ ތަޖުރިބާކާރުން، އެމެރިކާގެ ޢަސްކަރީ "ކަރިކިޔުލަމާ" އެއްގޮތަށް ބިނާ ކޮށް ތަރުބިއްޔަތު ކޮށްފައި ވާ ޢަސްކަރިއްޔާއެއް ކަމަށް ވުމެވެ.

ކޮންމެއަކަސް، މުރްސީގެ ސަރުކާރާ ދެކޮޅަށް އެކަތިގަނޑަކަށް ވެގެން ނުކުތް މީހުން ދިގުލައިގެން ދިޔަ މުޒާހަރާތަކެއް ކުރިޔަށް ގެންދިޔުމަށް ފަހު، މިޞުރުގެ ޢަސްކަރިއްޔާއިން މުރްސީގެ ސަރުކާރަށް މުހުލަތެއް ދިނެވެ. އެއީ ޖުލައި މަހުގެ 01 ވަނަ ދުވަހުއެވެ. ސިފައިންގެ އެންމެ އިސް ކޮމާންޑަރު ޖެނެރަލް ޢަބްދުލްފައްތާޙު އައްސީސީ ދެއްވި މުހުލަތަކީ، ސަރުކާރާ ދެކޮޅު މީހުންގެ އިހުތިޖާޖުތަކަށް ދީލައިލުމަށް ދިން ފުރުސަތެކެވެ. އެހެންކަމުން، 02 ޖުލައި ވީ އަންގާރަ ދުވަހު، ރައީސް މުރްސީ ނެރުއްވި ބަޔާނަކުން ސިފައިންގެ އިންޒާރަށް ތަބައަ ވެވަޑައިނުގަންނަވާނޭ ކަން އެންގެވިއެވެ. އަދި ރައްޔިތުން އިންތިޚާބު ކޮށްފައި ވާ ރައީސަކަށް، ޢަސްކަރިއްޔާއިން އެފަދަ ގޮތަކަށް މުހުލަތުތައް ދީ އިންޒާރުތައް ދިނުމަކީ ޤައުމަށް ޚިޔާނާތްތެރިވުން ކަން ފާހަގަ ކުރެއްވިއެވެ. ޖެނެރަލް އައްސީސީގެ ޖަވާބަކީ 03 ޖުލައި ވީ ބުދަ ދުވަހު ކުރެވުނު އަސްކަރީ ބަޣާވާތެވެ. މި ބަޣާވާތުގައި މުރްސީގެ ސަރުކާރު ވައްޓައިލައި، އެކަން އިޢުލާން ކުރެއްވީ ވެސް ޖެނެރަލް އައްސީސީއެވެ.

ޖެނެރަލް އައްސީސީ އާއި، އޭނާގެ ފަހަތުގައި ތިބި ބައެއްގެ ރޭވުންތަކާ އެއްގޮތަށް، ބާޣީ ސަރުކާރުގެ ރައީސްކަމުގެ މަޤާމު ދެވުނީ މިޞުރުގެ ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި ޢަދްލީ މަންޞޫރަށެވެ. 05 ޖުލައި ގައި އޭނާ މަޤާމުގެ ހުވާ ކުރެއްވިއެވެ. ހުވާ ކުރެއްވުމަށް ފަހު ޢަދްލީ މަންޞޫރު އެޅުއްވި އެންމެ ފުރަތަމަ އެއް ފިޔަވަޅަކީ ޤާނޫނުއަސާސީ ސަސްޕެންޑް ކުރެއްވުމެވެ. އެފަދަ އަނެއް ފިޔަވަޅަކީ އިޚްވާނުލް މުސްލިމޫނަށް އަޣްލަބިއްޔަތު އޮތް، ބަރުލަމާނުގެ މަތީގެ އުވައިލެއްވުމެވެ. މި ހުރިހާ ކަމެއް ކުރެވިގެން ދިޔައީ ޢަދްލީ މަންޞޫރުގެ ނަންފުޅުގައި ނަމަވެސް، މި ކަންތައްތަކުގެ އެންމެ އަޑީގައި ތިބީ ޖެނެރަލް އައްސީސީ އާއި، އޭނާގެ ސާހިބުން ކަމަށް ހިމެނޭ ބައެކެވެ. ލަފާ ކުރެވޭ ގޮތުގައި އެ ފަރާތަކީ އެމެރިކާއެވެ.

ބަޣާވާތާ ގުޅިގެން އިޚްވާނުލް މުސްލިމޫންގެ ލީޑަރު މުޙައްމަދު ބަދީޢު ވިދާޅުވީ "ރައީސް މުރްސީ އެމަނިކުފާނުގެ ޝަރްޢީ މަޤާމަށް އަނބުރައި ރުޖޫޢަ ކުރާން ޖެހޭނޭ ކަމަށާއި، އެކަން ކުރެވޭންދެން، އެކަމަށް ގޮވާލައި ޝުޢޫރު ފާޅު ކުރުމަށް ޓަކައި އިޚްވާނުލް މުސްލިމޫންގެ މެންބަރުން މިލިއަނުން މަގުތަކަށް ނުކުންނާނެ" ކަމަށެވެ. އަނެއްކޮޅުން، ޖެނެރަލް އައްސީސީ އާއި ބާޣީ ރައީސް ޢަދްލީ މަންޞޫރުގެ ބައިވެރީން ގެންދިޔައީ ޑިމޮކްރަސީ ގެންނާނަމޭ، ރައްޔިތުން ބާރުވެރި ކުރުވުމުގެ މަގުޗާޓުތައް މިހާރު މި ކުރަހަނީއޭ، ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރާނަމޭ، މިޞުރު އައު އުސްމިނަކަށް ގެންގޮސްދޭނަމޭ، ހެޔޮ އަދި އޯގާވެރި ވެރިކަމެއް ކޮށްދޭނަމޭ، ބުނެ ރައްޔިތުންގެ ވިސްނުން ކޮށި އަރުވައިލުމުގެ ދޮގުވެރި ޕްރޮޕެގެންޑާތައް ފަތުރަމުންނެވެ.

ބާޣީ ސަރުކާރުން އެންމެ ފުރަތަމަ ކުރި އެއް ކަމަކީ އިސްލާމީ ސަރުކާރުގެ ރައީސް މުޙައްމަދު މުރްސީ ހިފައި ހައްޔަރު ކޮށް، ވީނުވީ ތަނެއް، ހުންނެވި ޙާލުކޮޅެއް ނޭނގޭ ގޮތުގައި އޭނާ ބަންދު ކުރުމެވެ.މުރްސީގެ އިތުރުން، ބަޣާވާތް ގެނައި ދުވަހު، "ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީ" ގެ ތިން ސަތޭކަ އަށް ވުރެ ގިނަ ލީޑަރުން ހައްޔަރު ކޮށްގެން، ޢަސްކަރިއްޔާގެ "އަނިޔާގެ ޗޭންބަރުތަކަށް" ގެންދިޔައެވެ. މީގެ ތެރެއިން ގިނަ ބޭފުޅުން ތިއްބެވި ޙާލުކޮޅެއް، ދުނިޔޭގައި ތިއްބެވި ކަމެއް ނުވަތަ ނޫން ކަމެއް އަދިވެސް ވަނީ ނޭނގުމުގެ ތެރޭގައެވެ. އެ ބޭފުޅުންގެ ޢާއިލާތައް ގެންދަނީ ހާސްކަމާއި، ހިތްދަތިކަމާއި، ހިތާމަ އާއި، ބިރުވެރިކަމުގައި، ނިންޖެއްގެ އަރާމެއް ނެތި ދުވަސްތަކާއި ރޭތައް ގުނަމުންނެވެ. ހައްޔަރު ކުރެވުނު ލީޑަރުންގެ ތެރޭގައި އައްސާމް އަލްއަރްޔާނާއި، ޞަފްވަތު ޙިޖާޒީ އާއި، މުޙައްމަދު އަލްބަލްތާޖީ ހިމެނިވަޑައިގަންނަވައެވެ.

މަކަރުވެރި ރޭވުންތައް
ބާޣީންގެ ކުރިމަތީގައި ފިނޑިކަން ދައްކައި، ބާޠިލުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާކަށް އިޚްވާނުލް މުސްލިމޫންގެ މެންބަރުން ބޭނުމެއް ނުވިއެވެ. އެހެންކަމުން، ބަޣާވާތް ގެނެވުނު ދުވަހު، "އެންޓި ކޫ އެލަޔަންސް" ގެ ނަމުގައި އިޚްވާނުގެ ފަރާތުން ޚާއްސަ ޙަރަކާތެއް ފެށިއެވެ. ޤާހިރާގެ މަދީނަތު ނަޞުރުގެ ރާބިޢާ އަލްޢަދަވިއްޔާ މިސްކިތުގެ ކައިރީގައި އޮންނަ މައިދާނުގައްޔާއި، ޤާހިރާގެ އަވަށެއް ކަމަށް ވާ ޖީޒާގެ ނަހްދާ މައިދާނުގައި ކޭމްޕު ޖަހައި، ޝުޢޫރު ފާޅު ކުރުމުގެ ވަރުގަދަ ޙަރަކާތްތަކެއް އިންތިޒާމު ކުރީ "އެންޓި ކޫ އެލަޔަންސް" ގެ ފަރާތުންނެވެ.

އިސްލާމީ ސަރުކާރަށް ތާއީދު ކުރާ މުސްލިމުން މުޒާހަރާގެ މައިދާނަށް ނުކުތުމާ އެކު، ލާދީނީ ބާޣީންގެ ލީޑަރުން ވެސް އެމީހުންގެ ކުޅިގަނޑު އަތުރައިލިއެވެ. އެމީހުން ފުރަތަމަ ކުރި ކަމަކީ އެމީހުންގެ ސަޕޯޓަރުން މަގުތަކަށް ނެރެ، އިޚްވާނުގެ މެންބަރުން ތިބި ސަރަހައްދުތަކަށް ގޮސް، ކުރިމަތިލުންތަކެއް ފެށުމެވެ. ޤާހިރާގެ އިތުރުން އިސްކަންދަރިއްޔާގައި ވެސް ދެބައިމީހުންގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގި އިރު، މި ކުރިމަތިލުންތަކުގައި އިޚްވާނުގެ 36 މީހަކު ޝަހީދު ވިއެވެ. ނަމަވެސް މުޒާހަރާތައް ދިޔައީ ހުއްޓުމެއް ނެތި ކުރިޔަށެވެ. ރާބިޢާ އަލްޢަދަވިއްޔާ އާއި ނަހްދާ މައިދާނުގައި އިޚްވާނުން ޤާއިމު ކޮށްފައި ހުރި މުޒާހަރާ ކޭމްޕްތައް ވެސް އެއިރަކު ރޫޅައެއްނުލެވުނެވެ.

ޖުލައި މަހުގެ 08 ވީ ހޯމަ ދުވަހަކީ ލާދީނީ ބާޣީންގެ ރަހުމު ކުޑަކަމާއި ނުބައިނުލަފާކަން ރީތިކޮށް ފެނިގެން ދިޔަ ދުވަހެކެވެ. އެ ދުވަހު އިޚްވާނުގެ މެންބަރުންގެ އެތައް ސަތޭކަ ބަޔަކު،ޤާހިރާގައި ހުންނަ މިޞުރުގެ ޖުމްހޫރީ ގާޑުންގެ ލަޝްކަރުގެ މައި މަރުކަޒުގެ ކުރިމަތީގައި އިށީދެގެން ތިބީ ސުލްހަވެރި އެއްވުމެއްގައެވެ. އެއްވެސް ކަހަލަ ހަރުކަށި އަމަލެއް ހިންގުމެއް ނެތިއެވެ. ނަމަވެސް ސިފައިން ރައްޔިތުންނާ ކުރިމަތި ލީ އޮޓޮމެޓިކް ރައިފަލްތަކާއިގެންނެވެ. ތަނެއްދޮރެއް ނުބަލައި ސިފައިން ބަޑި ޖެހުމުގެ ސަބަބުން، އެއްވެ ތިބި މީހުންގެ ތެރެއިން 50 މީހުން މަރު ވިއެވެ. އިތުރު އެތައް ބަޔަކު ޒަޚަމް ވިއެވެ.

މި ނުބައި ޤަތުލުއާއްމު ހިންގި ދުވަހުގެ ފަހު ދުވަހު، ޖެނެރަލް އައްސީސީގެ ރުހުމާ އެކު، ބާޣީ ރައީސް ޢަދްލީ މަންޞޫރު އޭނާގެ ނާއިބުކަމުގެ މަޤާމަށް މުޙައްމަދުލް ބަރާދަޢީ ޢައްޔަން ކުރެއްވިއެވެ. އަދި ބޮޑުވަޒީރުކަމުގެ މަޤާމަށް ހާޒިމް އަލްބިބްލާވީ ޢައްޔަން ކުރެއްވިއެވެ. މީގެ ތެރެއިން ބަރާދަޢީ އަކީ ޙުސްނީ މުބާރަކުގެ ދުޝްމަނެއް ނަމަވެސް، އެމެރިކާއަށް ނުހަނު އޮޅު ބޭފުޅެކެވެ. އަލްބިބްލާވީ އަކީ މުބާރަކުގެ ސަރުކާރުގެ އިސް ބޭފުޅެކެވެ.

ނާއިބު ރައީސާއި ބޮޑުވަޒީރު ޢައްޔަން ކުރުމަށް ފަހު، މިޞުރުގައި ވަގުތީ ސަރުކާރެއް އެކުލަވައިލެވުނީ 16 ޖުލައިގައެވެ. އައު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ޢައްޔަން ކުރެވުނީ ލާދީނީ ފިކުރުގެ ބޮޑުންނާއި، ޙުސްނީ މުބާރަކުގެ އަރިސް ބޭފުޅުންނާއި، ދެންވެސް ހުޅަނގުގެ އޭޖެންޑާތަކަށް ވަފާތެރި، އިސްލާމް ދީނަށް ޣައްދާރު ވެފައި ތިބި މީހުންނެވެ. ބަނގުރާބޯ މީހުންނާއި، އިސްލާމީ ޝަރީޢަތް ބަދަލު ކުރާން ގޮވައިލާ މީހުންނާއި، އިސްލާމް ދީން ޤަބޫލު ނުކުރާ މީހުންނާއި، ދަރީންނަށް އިސްލާމް ދީން ކިޔަވައިނުދޭން ގޮވައިލާ މީހުންނާއި، މުސްލިމުންނާ ދިމާޔަށް "ޓެރަރިސްޓުން" ނޭ ކިޔައި ހުތުރު އެއްޗެހި ގޮވާ މީހުންނާއި، ރަސޫލާއަށް ފުރައްސާރަ ކުރާ މީހުންނާއި، ޑެންމާރކު ފަދަ ޤައުމުތަކުގައި ނޫސް ކޮންފަރެންސްތައް ބާއްވައި ކީރިތި ޤުރްއާނާއި ސުންނަތަށް ހަޖޫ ޖަހައި، އެ ދެ މަޞްދަރާ ދުރަށް ދާން ޖެހޭ ކަމަށް ގޮވައިލައި، އެ މަސައްކަތަށް ނަޞާރާ ޖިޒުއިޓުން ފަދަ ޖަމާޢަތްތަކުގެ އެހީއަށްއެދޭ މީހުންނެވެ. 30 މެންބަރުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ މަޖިލިހެއް އެކުލަވައިލެވުނު އިރު، އެ މަޖިލިހުގައި، ބޮޑުވަޒީރުގެ ފުރަތަމަ ނާއިބުގެ ޙައިޘިއްޔަތުން، ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ ވެސް ހިމެނިވަޑައިގަތެވެ. ދާޚިލީ ވަޒީރުގެ ޙައިޘިއްޔަތުން ޤައުމުގެ އެތެރޭގެ ކަންކަމާއި ފުލުހުންގެ ވެރިކަމާ ޙަވާލު ވެވަޑައިގަތީ މުބާރަކަށް ވަފާތެރި ބޭފުޅެއް ކަމަށް ވާ މުޙައްމަދު އިބްރާހީމެވެ.

ބާޣީ ސަރުކާރާއި ޢަސްކަރިއްޔާގެ ވެރީން އުއްމީދު ކުރީ ދުވަސްކޮޅަކު މުޒާހަރާ ކުރުމަށް ފަހު، އިޚްވާނުލް މުސްލިމޫންގެ އުއްމީދުގެ ހުޅުކޮޅުތައް ނިވި، މާޔޫސް ވެގެން ފަހަތަށް ޖެހިދާނޭ ކަމަށެވެ. ބަރަކާތްތެރި ރަމަޟާން މަސް ފެށޭން ހަފުތާއެއްހައި ދުވަހަށް ވުމުން ބަޣާވާތް ގެނައީ ވެސް ރޭވުމުގެ ތެރެއިންނެވެ. ބާޣީ ލީޑަރުން އުއްމީދު ކުރީ، ހަފުތާއެއްހައި ދުވަހު މުޒާހަރާ ކޮށް، ނަތީޖާއެއް ނުނުކުމެ އޮއްވައި ރަމަޟާން މަސް އައިސް، ރޯދަ ހިފާން ޖެހުމުން، ރޯދަ ވަރުބަލިކަން ވެސް މުޒާހަރާ ކުރާ ފަރާތްތަކުގެ ހިތްވަރު ބަލި ކޮށްލާނޭ ކަމަށެވެ. އެއިރުން ނިކަން ފަސޭހައިން އެމީހުން ބަލި ޤަބޫލު ކުރާނޭ ކަމަށެވެ. ނަމަވެސް ރަމަޟާން މަހުގެ ރޯދަ ވެގެން ދިޔައީ އިންތިޚާބު ކުރެވުނު އިސްލާމީ ސަރުކާރު އަނބުރައި ރުޖޫޢަ ކުރާން އެދި ގޮވައިލައި މަގުތަކަށް ނުކުތް އެތައް ހާސް މުސްލިމުންނަށް ލިބުނު ހިތްވަރަކަށެވެ. އެމީހުން އެއްބަޔަކު އަނެއް ބަޔަކަށް ހަނދާން ކޮށްދެމުން ގެންދިޔައީ "އަހަރެމެންގެ ނަބިއްޔާ އާއި އެކަލޭގެފާނުގެ ޞަޙާބީން ބަދުރުގެ ދުވަހު ވެސް ތިއްބެވީ ރޯދަފުޅަށް" ކަމަށާއި "އެ ދުވަހު އެ ބޭކަލުން ދެއްކެވި ހިތްވަރު، އެ ބޭކަލުންގެ ދަރީންގެ ޙައިޘިއްޔަތުން މިއަދު އަހަރެމެން ދައްކާން ޖެހޭނޭ" ކަމަށެވެ.

ކޮންމެއަކަސް، ބާޣީ ސަރުކާރާ ދެކޮޅަށް މުސްލިމުން ފެށި މުޒާހަރާތައް ރަމަޟާން މަސް ފެށުމުން ވެސް ދިޔައީ ދިގުދެމިގެންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ލާދީނީ އަނިޔާވެރީންގެ ސިކުނޑިތަކަށް ހާސްކަން ވެރިވާން ފެށުމެވެ. އެމީހުން މުސްލިމުން ބަލި ކޮށްލާނޭ ގޮތުގެ އިތުރު ރޭވުންތައް ރާވާން ފެށިއެވެ. އެ ރޭވުންތަކާ އެކު، ޖުލައި މަހުގެ 24 ވަނަ ދުވަހު ޖެނެރަލް އައްސީސީގެ ގޮވައިލެއްވުމެއް ޢާއްމު ކުރެވުނެވެ. އެ ގޮވައިލުމަކީ"މިޞުރުގެ ރައްޔިތުން 26 ޖުލައި ވާ ހުކުރު ދުވަހު މަގުތަކަށް ނުކުމެ، ޓެރަރިޒަމާ ދެކޮޅަށް ފުރިހަމަ ބާރާއެކު ހަރަކާތްތެރި ވުމުގެ މޭންޑޭޓެއް ސިފައިންނަށް ދިނުމުގެ" ގޮވައިލުމެކެވެ.

އައްސީސީގެ މި ގޮވައިލެއްވުމުގެ ސަބަބުން، މިޞުރުގެ އިސްލާމީ ފިކުރުގެ ރައްޔިތުންނާއި ލާދީނީ ވިސްނުންތަކުގެ އަހުލުވެރީންނާ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، އަހުލީ ހަނގުރާމައެއް ފެށިދާނޭކަމުގެ ބިރު އުފެދުނެވެ. އެހެންކަމުން، އެކިއެކި ފަރާތްފަރާތުން މި ގޮވައިލުމާ ދެކޮޅަށް ފާޑުކިޔުންތައް އަމާޒު ވިއެވެ. އައްސީސީގެ ޖާހިލިއްޔަ ގޮވައިލުމަށް އެންމެ ހަރުކަށިކޮށް ރައްދު ދެއްވި އެއް ބޭފުޅަކީ އިސްލާމީ އުއްމަތުގައި މި ވަގުތު ހުންނެވި އެންމެ މަތިވެރި ޢިލްމުވެރިޔާ ޝައިޚުއް ދުކްތޫރް ޔޫސުފުލް ޤަރަޟާވީއެވެ. ޤަރަޟާވީ ވަނީ މި ގޮވައިލުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައި، އެ ގޮވައިލުމަށް އިޖާބަ ދިނުމަކީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކުން ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށް އިޖްތިހާދު ކުރައްވައި 25 އޯގަސްޓުގައި ފަތުވާ ދެއްވައިފައެވެ. ނަމަވެސް ހުކުރު ދުވަހު މިޞުރުގެ މަގުތަކަށް އައްސީސީ އާއި، ލާދީނީ ބާޣީންނަށް ތަބާ ވާ އެތައް މިލިއަންބަޔަކު ނުކުތެވެ.

ހަމަ އެ ދުވަހު، ރައީސް މުރްސީއާ ދެކޮޅަށް ޖިނާއީ ދަޢުވާތަކެއް އުފުލާނޭ ކަން، މިޞުރުގެ ޕްރޮސެކިޔުޓަރ ޖެނެރަލް އިޢުލާން ކުރެއްވިއެވެ. އޭގެ ތެރެއިން އެއް ދަޢުވާ އަކީ "ޓެރަރިސްޓް ހަމާސް ޖަމާޢަތުގެ މެންބަރުންނަށް އެހީތެރިވުމުގެ ކުށުގެ" ހިމެނެއެވެ.

މިނިކަތިލުމުގެ ސިލްސިލާ
ޖުލައި މަހުގެ 27 ވަނަ ދުވަހު ސިފައިންނާއި ފުލުހުން ޔުނިފޯމުގައްޔާއިއާދައިގެ ހެދުމުގައި، ހަތިޔާރު ހިފައިގެން، ރާބިޢާ އަލްޢަދަވިއްޔާގެމައިދާނުގައި ތިބި މުސްލިމުންނާ ދިމާ ކުރިއެވެ. ހަތިޔާރެއް ނެތް ނިކަމެތި މުސްލިމް ރައްޔިތުންގެ 80 އަށް ވުރެ ގިނަ މީހުން މަރާލިއެވެ.

އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ބާޣީ ސަރުކާރުން އިންޒާރު ދިން ގޮތުގައި "ރަމަޟާން މަހަށް ޓަކައި ކެތްތެރިކަން އިސް ކުރި ކުރުން ނިމުމަކަށް ގެނެސް، މުރްސީގެ ސަޕޯޓަރުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ވަގުތު ކުޑަތަން ވެއްޖެ" އެވެ. އޯގަސްޓް 11 ވަނަ ދުވަހު ޢަސްކަރިއްޔާއިން އިންޒާރު ދިނީ، ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި، ސިފައިންގެ ފައުޖުތައް ރާބިޢާ އަލްޢަދަވިއްޔާގެ މައިދާނާއި ނަހްދާ މައިދާނުގައި ތިބި އިސްލާމީ ފިކުރުގެ ރައްޔިތުން "ވަށައިލައި އެ މައިދާންތައް ހުސް ކުރާނެ" ކަމަށް ބުނެއެވެ. ސިފައިންގެ މި އިންޒާރާ ގުޅިގެން ވެސް އިޚްވާނުލް މުސްލިމޫން ފަހަތަކަށް ނުޖެހުނެވެ. އެއާ ޚިލާފަށް، އިތުރު އެތައް ހާސް ބަޔަކު އެ މައިދާންތަކަށް ޖަމާ ވިއެވެ. އަދި އެ މައިދާނަށް ވަދެވޭން ހުރި ދިމަދިމާ ބަންދު ކޮށް، ދިފާޢުގައި ކުރެވޭން ހުރި ކަންތައްތައް ކުރިއެވެ.

ޖެނެރަލް އައްސީސީގެ އިންޒާރާ އެއްގޮތަށް، އޯގަސްޓް މަހުގެ 14 ވަނަ ދުވަހުގެ އިރު އަރައިގެން އައި ވަގުތު، ސިފައިންގެ ފައުޖުތައް ބަރު ހަތިޔާރާ އެކު ރާބިޢާ އަލްޢަދަވިއްޔާގެ މައިދާނާއި ނަހްދާ މައިދާނަށް ވަދެގަތެވެ. ޓޭންކަރާއި މެޝިން ބަޑި އާއި ރޮކެޓުން ރައްޔިތުންގެ ބޮލަށް، ފަހަތުންނާއި ކުރިމަތީންނާއި ދެ އަރިމަތީން ހަމަލާތައް ދެމުންނެވެ.އެއްވެސް ރަޙުމެއް، ހަމްދަރުދީއެއް، އިންސާނިއްޔަތުކަމެއް ނެތި ރައްޔިތުން ތަޅައި ސުންނާފަތި ކުރަމުންނެވެ. ލެޔަށް ފެން ބޮވައިގެންފައި ތިބި، ފަޅައިކާ މިނިކާވަގުތަކެއް ފަދައިންނެވެ. ސިފައިން ވަދެގަތްތާ ފުރަތަމަ އެއް ގަޑި އިރުގެ ތެރޭގައި ވެސް ރާބިޢާ އަލްޢަދަވިއްޔާ މައިދާނުން އެކަނި 40 މީހުން ޝަހީދު ކޮށްލިއެވެ. ރާބިޢާ އަލްޢަދަވިއްޔާގެ މައިދާނުގެ މަސްރަހު ބަލާން ތިބި އިނގިރޭސި ވިލާތުގެ ޓެލެގްރާފް ނޫހުގެ ރުތް ޝާރލޮކް އާއި ލުއިޒާ ލަވްލަކް ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ލެއިން ތަތްތެޅިފައި ވާ އަތްތައް ވައިގެ ތެރެއަށް އުފުއްލަމުން ޒުވާނުން ގޮވަމުން ދިޔައީ "އަހަރެމެންގެ ލެޔާއި ފުރާނަ އިސްލާމް ދީނަށް ޓަކައި ޤުރްބާން" މިފަދައިންނެވެ.

އެ ދުވަހުގެ އިރު އޮއްސޭން ވާ އިރަށް ރާބިޢާ އަލްޢަދަވިއްޔާގެ މައިދާން ވެސް، ނަހްދާ މައިދާން ވެސް ހުސް ކޮށްލެވުނެވެ. އެއަށްފަހު ބާޣީ ސަރުކާރުން މުޅި ޤައުމުގައި އެއް މަސް ދުވަހުގެ މުއްދަތަށް ދެމިގެން ދާނޭ ކުއްލި ޙާލަތެއް އިޢުލާން ކުރިއެވެ. އަދި ވެރިރަށް ޤާހިރާ އާއި އިތުރު 10 ސަރަޙައްދެއްގައި ކާފިއު ހިންގައި، ބޭރަށް ނުކުމެ އުޅޭ މީހުންގެ ގަޔަށް ބަޑި ޖަހާނޭ ކަމުގެ އިންޒާރު ޢާއްމު ކުރިއެވެ.މި ދުވަހުގެ އަނިޔާވެރިކަމަށް ފަހު، ބާޣީ ސަރުކާރުގެ ނާއިބު ރައީސް މުޙައްމަދުލް ބަރާދަޢީ އިސްތިއުފާ ދެއްވިއެވެ.

14 އޯގަސްޓުގައި މިޞުރުގެ ފިރްޢައުނީ ލަޝްކަރުތަކުން ދިން ޙަމަލާތަކުގައި އެތައް ހާސް މުސްލިމުންނެއް ކަތިވެގެން ދިޔައެވެ. އޭގެ ތެރޭގައި ދެ ޖިންސުގެ މުސްކުޅީންނާއި، ޒުވާނުންނާއި، ޅަޒުވާނުން ހިމެނެއެވެ. އަނިޔާވެރި ޖައްލާދުންގެ ވަޙުޝީ ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި، އިޚްވާނުގެ ލީޑަރެއް ކަމަށް ވާ މުޙައްމަދު އަލްބަލްތާޖީގެ 17 އަހަރު ވީ ދަރިކަނބަލުން އަސްމާ އަލްބަލްތާޖީ ހިމެނިވަޑައިގަތެވެ. އެ ކަމަނާ އަވަހާރަ ވީ ރާބިޢާ އަލްޢަދަވިއްޔާގެ މައިދާނުގައެވެ. މޭފުޅަށާއި ބުރަކަށިފުޅަށް އެތައް ވަޒަނެއް އަރައިފައި ހުއްޓެވެ. ކުރީންވެސް ދެންނެވި ފަދައިން، އެކަމަނާގެ ބައްޕާފުޅު މުޙައްމަދު އަލްބަލްތާޖީ ވަނީ ބަޣާވާތުގެ ދުވަހު ހައްޔަރު ކުރެވިފައެވެ.

ރާބިޢާ އަލްޢަދަވިއްޔާ ކޭމްޕުގައި ޒަޚަމް ވީ މީހުންގެ ތެރެއިން އެތައް ބަޔަކު ގެންދެވުނީ ކައިރީގައި ހުރި މަސްޖިދު ނޫރީ ޚައްޠާބަށެވެ. އޭގެ ތެރެއިން އެކަކީ ޢުމުރުން 56 އަހަރުގެ ޢާޞިމް ސައްޔިދެވެ. މަރާ ހަނގުރާމަ ކުރަމުން ގެންދިޔަ ޢާޞިމް މިސްކިތަށް ގެންދިޔައީ އުމުރުން 56 އަހަރުގެ ސިވިލް އިންޖިނޭރެއް ކަމަށް ވާ އަޙްމަދު މާދީއެވެ. ޢާޞިމުގެ ޢާއިލާއަށް ގުޅޭނޭ ފޯނު ނަންބަރެއް ފަދަ މައުލޫމާތެއް ލިބޭތޯ، އޭނާގެ ވޮލެޓް ނަގައިގެން ބެލިއެވެ. އޭނާގެ އަތު ޖެހުނީ ފަތް ޖަހާލައިފައި އޮތް ކަރުދާސްކޮޅެކެވެ. ޢާޞިމުގެ ލެއިން ތަތްތެޅިފައި އޮތް އެ ކަރުދާސްކޮޅު އޮތީ އޭނާގެ ދެ އެކުވެރިއަކަށް ލިޔެފައި އޮތް ނޯޓެކެވެ. އެ ނޯޓުގައި އޮތީ "އަހަރެން މަރު ވެއްޖެ ނަމަ، އަހަރެންގެ މައްޗަށް ކަށު ނަމާދު ކޮށްދޭތި" މިހެންނެވެ. މި ހިތްދަތި ވަގުތުގައި އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރުވި، އަޑުން އަޑު ނަގައިފައި މާދީ ރުޔެވެ. އެއިރު އޭނާގެ ހެދުމާއި މުޅި މޫނު ވެސް ވަނީ ޢާޞިމުގެ ލެއިން ފޯ ވެފައެވެ.

އޯގަސްޓް 14 ވަނަ ދުވަހުގެ މިނިކަތިލުމުގެ ސަބަބުން އިޚްވާނުލް މުސްލިމޫން ބިރު ގަންނުވައިލެވިދާނޭ ކަމަށް ބާޣީ ސަރުކާރުން ހީ ކުރިޔަސް، ކަންތައްތައް ވީ އެހެންނެއް ނޫނެވެ. އެ ދުވަހުގެ އަނިޔާވެރިކަމާ ދެކޮޅަށް ރުޅިވެރިކަން ފާޅު ކުރުމަށް ޓަކައި، "ރުޅިވެރިކަމުގެ ދުވަހުގެ" ގޮތުގައި އޯގަސްޓް 16 ވީ ހުކުރު ދުވަސް ފާހަގަ ކުރާން އިސްލާމީ ފިކުރުގެ ރައްޔިތުން ނިންމިއެވެ. އެ ނިންމުމާ އެއްގޮތަށް، ހުކުރު ދުވަހު ހުކުރު ނަމާދުން ފައިބައިގެން އެތައް ހާސް ބަޔަކު ޤާހިރާ އާއި އިސްކަންދަރިއްޔާ އާއި ދިމްޔާޠާއި އިސްމާޢީލިއްޔާ އާއި ފައްޔޫމް ފަދަ ޝަހަރުތަކުގެ މަގުތަކަށް ނުކުތެވެ. ނަމަވެސް އަނެއްކާވެސް އެމީހުންނަށް ކުރިމަތިލާން ޖެހުނީ ލާދީނީ ޢަސްކަރިއްޔާގެ ވަޒަންތަކާއި އަލިފާނާއެވެ. އެ ދުވަހު ވެސް އެތައް ސަތޭކަ ބަޔަކު ކަތިލެވުނެވެ. ނަމަވެސް ޖެހިގެން އައި ހޮނިހިރު ދުވަހު ވެސް މުސްލިމުން ލާދީނީ ބާޣީންނާ ދެކޮޅަށް މުޒާހަރާއަށް ނުކުތެވެ. އަނިޔާވެރިކަމާއި ޒުލްމާ ދެކޮޅަށް އަޑު އުފުލިއެވެ. ހިތްވަރުގަދަކަމާއި ބުތޫލަތްތެރިކަމުގެ ލާމަސީލު ނަމޫނާއެއް ދައްކަމުންނެވެ.

ޝަހީދުންގެ ޢަދަދު
ޖެނެރަލް އައްސީސީގެ ބެލުމުގެ ދަށުން މިޞުރުގެ އަނިޔާވެރި ބާޣީ ސަރުކާރުން ހިންގަމުން ގެންދާ ޤަތުލުޢާއްމުގައި މަރު ވާ މުސްލިމުންގެ އަދަދާ މެދު ވެސް އެވެރީން ހަދަނީ ދޮގެވެ. 17 އޯގަސްޓް ވީ ހޮނިހިރު ދުވަހުގެ ނިޔަލަށް މަރު ވި ކަމަށް ބާޣީ ސަރުކާރުން ބުނާ ޢަދަދަކީ ގާތްގަނޑަކަށް 640 އެވެ. ޒަޚަމް ވީ މީހުންގެ އަދަދު ކަމަށް ބުނަނީ ގާތްގަނޑަކަށް 2000 އެވެ. ނަމަވެސް އަލްޖަޒީރާ ފަދަ ބައިނަލްއަޤްވާމީ ނޫސް އިދާރާތަކުގެ މުޙައްލިލުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުގެ މުޙައްރިކުން،މުޒާހަރާގެ ސަރަހައްދުތަކުގައި ކަންހިނގާ ގޮތް ލޮލުން ދެކެ އަތުން ހިފުމަށް ފަހު، ދޭ މަޢުލޫމާތުތަކަށް ބެލުމުން، ބާޣީ ސަރުކާރުން ހަދަނީ ބުހުތާން ދޮގުކަން އެނގެއެވެ.

މި ދެންނެވި މުޙައްލިލުންނާއި މުހައްރިކުން ވިދާޅުވާ ގޮތުގައި ސިފައިންނާއި ފުލުހުންގެ ޙަމަލާތަކުގައި މަރުވާ އަދި ޒަޚަމް ވާ މީހުންގެ ޢަދަދުތައް ކަމަށް ބުނެ މިޞުރުގެ ސަރުކާރުން ދޭ މަޢުލޫމާތަކީ ހަމައެކަނި ސަރުކާރު ހަސްފަތާލުތަކަށް ގެންދެވުމަށް ފަހު މަރު ވާ މީހުންނާއި، ހަސްފަތާލުތަކުން ފަރުވާ ދެވޭ މީހުން ގުނައިގެން ކިޔާ އަދަދުތަކެކެވެ. ޒަޚަމް ވެގެންނާއި މަރުވެގެން ޤާހިރާގެ އެކި ސަރަހައްދުތަކުގެ މިސްކިތްތަކާއި މަގުތަކަށް އުކިފައި ތިބި އެތައް ހާސް ބައެއްގެ ވާހަކައެއް ބާޣީ ސަރުކާރަކުން ނުދައްކައެވެ. "މިގޮތަށް މިސްކިތްތަކުގައި ތިބި މީހުންނާ ބެހޭގޮތުން އެއްވެސް މުޢާމަލާތެއް ކުރުމަށް ސަރުކާރުން ވެސް، އަދި ފުލުހުން ވެސް ދަނީ ދެކޮޅު ހަދަމުން. ސަރުކާރުގެ ގުނުމުގައި އެ މީހުންނެއް ނުހިމެނޭ." އަލްއަޒްހަރު ޔުނިވަރުސިޓީގައި އިނގިރޭސި އަދަބިއްޔާތު ކިޔަވައިދެއްވާ ޕްރޮފެސަރެއް ކަމަށް ވާ ވަފާ ޙަފްނީ، ކްރެސެންޓް އޮންލައިނަށް ދެއްވި ބަސްދީގަތުމެއްގައި 15 އޯގަސްޓުގައި ވިދާޅުވިއެވެ. އެކަމަނާ މިހާރު ހުންނެވީ ޒަޚަމް ވާ މީހުންނަށް އެހީތެރި ވެވަޑައިގަތުމުގެ މަސައްކަތަށް ހުސް ވެވަޑައިގެންނެވެ. ހަމަ އެފަދައިން، ހިޔުމަން ރައިޓްސް ވޮޗް ޖަމްޢިއްޔާގެ މިޞުރު ގޮފީގެ ޑައިރެކްޓަރ ހިބާ މުރާޔިފް ވިދާޅުވާ ގޮތުގައި، އެކަމަނާ އަމިއްލަފުޅަށް ދެކެވަޑައިގެން ގުނުއްވައިފައި ވާ ހަށިތަކުގެ ޢަދަދު 235 އަށް އަރައެވެ. "މީގެ މާނައަކީ މަރާލެވުނު މީހުންގެ ޙަޤީޤީ އަދަދު އުޅޭނީ ރަސްމީ އަދަދުތަކަށް ވުރެ އެތައް ގުނައެއް މަތީގައޭ"، ހިބާ ވިދާޅުވިއެވެ.

ކަން މިހެން އޮތް އިރު، އިޚްވާނުލް މުސްލިމޫންގެ މަޞްދަރުތަކުން މަޢުލޫމާތު ދޭ ގޮތުގައި މިހާތަނަށް މަރައިލެވުނު މީހުންގެ ޢަދަދަކީ އެންމެ މަދުވެގެން ވެސް 2600 އެވެ. ޒަޚަމްވީ މީހުންގެ ޢަދަދު އުޅެނީ މަދުވެގެން 10000 ގައެވެ. މީގެ ތެރެއިން އެތައް ސަތޭކަ މީހުންނަކީ ފުރާނަ ސަލާމަތް ކުރެވޭނޭ ކަމުގެ އުއްމީދެއް ނެތް މިންވަރަށް ޒަޚަމް ވެފައި ތިބި މީހުންނެވެ.

ޤާހިރާގެ ކައިރީގައި އޮންނަ ޖީޒާ އަވަށާއި ޙިލްވާން އަވަށް ފަދަ ސަރަޙައްދުތަކާއި އިސްކަންދަރިއްޔާ ފަދަ ބައެއް ޝަހަރުތަކުގައި އަދިވެސް މުޒާހަރާތައް ދަނީ ކުރިއަށެވެ. ކޮންމެ ދުވަހަކު ވެސް ފިރްޢައުނީ ސިފައިން މުސްލިމުންގެ ޖަމާޢަތްތަކުގެ ތެރެއަށް ބަޑި ޖަހައި، ސައްތައިން މީހުން މަރަމުން ދިޔަ ނަމަވެސް، އިޚްވާނުލް މުސްލިމޫންގެ ހިތްވަރު އެލޭ ތަނެއް ނުފެނެއެވެ. އެއާ ޚިލާފަށް، ކޮންމެ ދުވަހަކު މެ އިތުރަށް ސާބިތު ވަމުން ދަނީ އިޚްވާނުގެ ހިތްވަރުގަދަ ކަމެވެ. ބާޣީ ސަރުކާރުގެ އަނިޔާވެރިކަން ވަލުސޫފީގެ ދަރަޖައަށް ވެއްޓިފައި ވާ އިރު، އެ މީހުންގެ ޢަމަލުތަކުންސާބިތު ވާޙަޤީޤަތަކީ ޙަސަދަ އާއި ނަފްރަތާއި ހާސްކަމާއި ގޮތް ހުސްވުމުގެ ސަބަބުން އެމީހުންގެ ހަމަ ބުއްދިތައް ފަސް ވެފައި ވާ ކަމެވެ.