ރާއްޖެ ތަރައްގީކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި މި ރާއްޖޭގެ އިގުތިސާދު އެންމެ ފުރިހަމައަށް ކުރިއަށްގެންދެވޭނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނަށް ކަމަށް އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާއި އެމްޑީއޭގެ ކޯލިޝަނުން މިރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ލީޑަރު ސިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުން ވަނީ ހަގީގީ ތަރައްގީ ކަމަށާއި އެ ތަރައްގީ ގެނައުމަށްޓަކައި ރައްޖޭގެ އިގުތިސާދު އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ އަބްދުﷲ ޔާމިނަށް ކަމަށް ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ބޭނުންވަނީ ހަގީގީ ތަރައްގީ. ރާއްޖޭގެ ރައްޔިތުންނަށް މުއްސަނދިކަން ބޭނުންވޭ. ރާއްޖޭގެ ރައްޔިތުންގެ ނިކަމެތިކަމާއި މާޔޫސްކަމުން ދާއިމީ ގޮތެއްގައި އަޅުގަނޑުމެން ދުރަށްދާން އެބަޖެހޭ. މިކަން ކުރެވޭނީ ތަޖުރިބާ ހުރި ލީޑަޝިޕް ދެއްކޭ، އަދި އެކަމުގެ ތައުލީމު ވެސް ހުރި، ބަޔަކު ގޮވައިގެން އުޅެވޭނެ ލީޑަރަކަށް. އެ ލީޑަރަކީ މިއަދު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ އަޚު އަބްދުﷲ ޔާމިން،" ސިޔާމް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީގެ މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވީ ލީޑަޝިޕް ނަގައިގެން ރައްޔިތުންގެ މަޖިލީހުގައި ވެސް ރައްޔިތުންނަށް އެންމެ ފައިދާ އާއި ލާބަ ހުންނާނެ ގޮތަކަށް މަސައްކަތް ކުރައްވާފައި ވަނީ ވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން ކަމަށެވެ.

އޭގެ އިތުރުން ސިޔާމް ވިދާޅުވީ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ހޯދައިދޭނެ ކަމަށް ބުނެ 2008 ވަނަ އަހަރު ވެރިކަމަށް އައި މީހުން ރައްޔިތުންނަށް ހެދީ "ހުސް ދޮގު" ކަމަށާއި އެމީހުން އަލުން ވެރިކަމަށް ކުރިމަތިލައިގެން އުޅެނީ ރައްޔިތުންނަށް އަނިޔާވެރިވުމަށް ކަން ވިސްނަން ޖެހޭ ކަމަށެވެ. އަދި އެމީހުން ކުރި މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް ވެސް ސިޔާމް ފާހަގަ ކުރެއްވެވި އެވެ.

"އާ މީހަކު ވެރިކަމަށް ގެނެސްގެން، އާގޮތެއް ހަދައިގެން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ފަހުރުވެރި އުފާވެރި ދުވަސްތަކެއް ގެނެސްދޭނަމޭ ބުނި މީހުން ހަގީގަތުގައި ހެދީ ހުސްދޮގު. މީގައި ދިވެހި ރައްޔިތުން ވިސްނަން ޖެހެނީ އަނެއްކާ ވެސް މިއުޅެނީ އެއްކަލަ ބައިމީހުން އަނެއްކާ ވެސް ދިވެހި ރައްޔިތުންނަށް އަނިޔާވެރިވާން ކަން. ދަންނަވަންތޯ ދިވެހި ރައްޔިތުންނަކީ ވަރަށް ވިސްތޫނު ބައެއް. ވަރަށް ވެސް ހުޝިޔާރު ބައެއް. ދިވެހި ރައްޔިތުންގެ ގަޔަށް ދެފަހަރަކު ކަށްޓެއް ނުޖެހޭނެ،"

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ ޕީޕީއެމްއާ އެކު އެމްޑީއޭ އިން ކޯލިޝަން ހެދީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު އެކި ގޮތްގޮތުން ބެލުމަށްފަހުގައި ކަމަށެވެ.

ހަމަ އެންމެ އަބްދުﷲ ޔާމިނަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެމްޑީއޭ އަށް ވެވެން އޮތް ހުރިހާ ގުރުބާނީއެއް ވާނެކަން ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވީ ނ. އަތޮޅުން 80 ޕަސެންޓް މީހުންގެ ތާއިދު ޔާމިނަށް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި އެހެން އަތޮޅުތަކުގައި ވެސް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީން އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން އެމްޑީއޭގެ މެންބަރުން ގިނަ އަތޮޅު ކަމަށްވާ ދ. އަތޮޅާއި ހއ. އާއި ގދ. މަޑަވެލީ ދާއިރާ ފަދަ ދާއިރާ ތަކުން ޕީޕީއެމްގެ ކެންޑިޑޭޓަށް އިރާދަފުޅު ކުރެއްވިއްޔާ ބޮޑު ތާއީދެއް ލިބޭނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.