އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އެނބުރިގެންދާނީ އިތުބާރުގެ މައްޗަށް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާއި އެޕާޓީގެ ކޯލިޝަން ޕާޓްނަރު މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގުޅިގެން މިރޭ އާޓީފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބުގައި ވާދަކުރައްވަމުންދާ ޕީޕިއެމްގެ ކެންޑިޑޭޓް ޔާމީން ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ މިއަހަރުގެ ރިޔާސީ އިންތިހާބާ ދެމެދު އޮތް ހަމައެކަނި ތަފާތަކީ އަހަރުގެ ތަފާތުކަން ކަމަށެވެ.

"އޭރުގައި (2008) ނުފެނުނު ސިޔާސީ ލީޑަރުންތޯ އަޅުގަނޑުމެންނަށް ފެނިގެން މިއުޅެނީ؟ ހިދުމަތްކުރުމުގެ ފުރުސަތު ނޭރުވޭ ރިޔާސީ ކެންޑިޑޭޓުންތޯ އަޅުގަނޑުމެންނަށް ފެނިގެން މިއުޅެނީ؟ ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު އެބޭފުޅުންނަށް ލިބުނު. އޭރު އެލިބުނު ފުރުސަތުގެ ބޭނުންފުޅު ހިއްޕެވީ ކިހާ ސާބިތުކަމަކާއި އަމާނާތްތެރިކަމާއެކު ތޯ؟ މިއަދު ދިވެހި ރައްޔިތުން އެބަ ސުވާލުކުރަން ޖެހޭ. ހަމައެކަނި ތަފާތަކަށް މިވަނީ އަހަރުގެ ތަފާތު. އަށް ވަނަ (2008) އަހަރާއި ތޭރަ ވަނަ (2013) ވަނަ އަހަރުގެ ތަފާތު" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އޭރުވެސް ސިޔާސީ މަޝްރަހުން ފެނިގެންދިޔަ ބޭފުޅުން މިއަހަރުގެ އިންތިހާބުގައި ވެސް ފެންނަމުންދާއިރު، އިންތިހާބު އެނބުރިގެންދާނީ އިތުބާރުގެ މައްޗަށް ކަމަށެވެ. މިގޮތުން ރައްޔިތުން އިތުބާރު ކުރަންވީ ކާކަށް ކަމާއި ރައްޔިތުން އިތުބާރު ކުރަންވީ ކޮން ކަމަކަށް ތޯ ޔާމީން ސުވާލުކުރެއްވި އެވެ.

"މިރިޔާސީ އިންތިހާބު މިއެނބުރެނީ އިތުބާރުގެ މައްޗަށް. ރައްޔިތުން އިތުބާރު ކުރަންވީ ކޮން ސިޔާސީ ލީޑަރަކަށްތޯ؟ ރައްޔިތުން އިތުބާރު ކުރަންވީ ކޮން ކަމަކަށް ތޯ؟" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިސުވާލު ކުރާއިރު، ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި މިއަދުވެސް ކުރިމަތިލައްވާފަ އެތިއްބެވީ ހަރު އަޑުން ޕޯޑިއަމްތަކުގައި މިވެނި ކަމެއް އެވެނި ކަމެއް ކޮށްދޭން ވައުދުވެ ވަޑައިގަތުމަށް ފަހު ވެރިކަމުގެ ދައުރު ނިންމަވާފަ ތިބި ބޭފުޅުން ކަމަށެވެ.

"އަޅުގަނޑު މިހާރު މިހުރި އެއް އަކަފޫޓުގެ ބިންކޮޅަކީ އަޅުގަނޑު ހުރި ބިންކޮޅު ކަމަށް ވެދާނެ. ދިވެހިރާއްޖޭގައިވާ މިކަހަލަ ކޮންމެ އަކަފޫޓަކީ ކޮންމެ ދިވެހިރައްޔިތަކަށް މެ ހައްގު ބިންކޮޅެއް. އެހެންވީމަ މިބިންކޮޅުގެ މަތީގަ ހުންނަކަމަށް ވަންޏާ އަޅުގަނޑުމެން ވިސްނަން ޖެހޭ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ކަތިލެވެނީ ކީއްވެގެންތޯ؟ އަޅުގަނޑުމެން ވިސްނަން ޖެހޭ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތައް ދަރާފައި މިއޮތީ ކީއްވެގެންތޯ" ޔާމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޔާމީން ވަނީ އެމްޑީއޭއިން ޕީޕީއެމްއާ އެކު ކޯލިޝަން ހަދާފައިވާތީވެ އެކަމާ ގުޅޭ ގޮތުންވެސް ވާހަކަދައްކާފަ އެވެ. ޔާމީން ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަކީ ޔާމީންގެ ވަރަށް ގާތް ބޭފުޅެއް ކަމަށާއި އެމްޑީއޭއިން ޕީޕީއެމްއަށް ގުޅެން ނިންމި ނިންމުމަކީ އިއްތިފާގެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ޕީޕިއެމްއާއި އެމްޑީއޭއިން ގުޅިގެން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި އިރު، މިޖަލްސާގައި ކުޅިވަރުގެ ދާއިރާއިން ބައެއް މަޝްހޫރު ފަންނާނުން ވަނީ ޕީޕީއެމްއާ ގުޅިފަ އެވެ.

މީގެ ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ސްޓްރައިކާ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ސެކެޓްރީ ޖެނެރަލް އަހުމަދު ތޯރިގު (ޓޮމް) އަދި ރާއްޖޭގެ އެންމެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޔެސް-އީ ހިމެނެ އެވެ.