ރައްޔިތުންގެ މަޖިލީހުން ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަންގެ މަގާމަށް އެހެން މީހަކު އައްޔަންކުރުން ހުއްޓުވުމަށް ސުޕްރީން ކޯޓުގެ ހަތަރު ފަނޑިޔާރަކު އަމުރެއް ނެރުނު މައްސަލަ އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިރޭ ސަން އަށް ވިދާޅުވީ އެ މައްސަލަ އެކޮމިޝަނުން ބަލަން ފެށީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ފައިދާއެއް ހޯދައިދިނުމަށާއި އަމިއްލައަށް ފައިދާތަކެއް ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް އެކޮމިޝަންގެ މެމްބަރުންނަަށް ފެނިވަޑައިގެންނަވާތީ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

"ފަހުމީގެ މަގާމަށް މީހަކު އައްޔަން ކުރުން ހުއްޓުވުމުގައި ސްޕްރީމު ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބައިވެރިވެވަޑައިގެންނެވި. އަލީ ހަމީދުގެ މައްސަލައެއް ޖޭއެސްސީން ގެންދަނީ ބަލަމުން. އަނެއްކޮޅުން ފަހުމީ އަކީ ޖެއެސްސީގައި އިންނަވާ ބޭފުޅެއް. އެހެންވެ ފަހުމީ އެތަނުން ގެއްލިއްޖެ ނަމަ އަލީ ހަމީދާ އެއްކޮޅު ވޯޓެއް ގެއްލިގެންދާނެ،" ލުތުފީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެ އަމުރު ނެރެފައި ވަނީ ސީއެސްސީގެ މެންބަރު ކަމުގެ ހުވާ ކުރައްވައި، އެ މަގާމުގެ ފަތްކޮޅު ހަވާލުވެވަޑައިގަތުމަށް ފާތިމަތު ރީނީ އައްބުއްސައްތާރު ރައީސް އޮފީހަށް ވަޑައިގެންނެވި ފަހުންނެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ "ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ މަގާމު ހުސްވުމުގެ ކުރިން އެ ގައިޑްލައިންތަކާ ހިލާފަށް މަގާމަށް މީހަކު އައްޔަން ކުރުމަށްޓަކައި ހުވާލައި ދިނުމާއި އައްޔަން ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް" ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް ސީއެސްސީ އަށް މެންބަރަކު އައްޔަން ކުރައްވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެކަން ކަނޑައަޅައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ނެރުއްވި އެއަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރު އިއްޔެ ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސީއެސްސީގެ މެންބަރު ކަމަށް ރީނީ އައްޔަން ކުރެއްވުން ހުއްޓުވުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކަށް ނޭނގި ކަމަށެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނެވެ.