ދިވެހިންގެ އަގީދާ ވަރުގަދަކުރުމަށް އެހީތެރިވުމުގެ ގޮތުން ޖަމްޢިއްޔަތުއް ސަލަފުން ޢަޤީދާގެ ނަމުގައި ވޯކްޝޮޕެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


އެ ޖަމިއްޔާ އިން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނީ އެ ވޯކްޝޮޕް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 26-27 އަށް ކަމަށާއި އެފަދަ ވޯކްޝޮޕެއް ބޭއްވުމުގެ މަޤްސަދަކީ ދިވެހިންގެ ދީނީ ޢަޤީދާ އިތުރަށް ހަރުދަނާ ކުރުމާއި ދީނުގެ ޙަޤީޤީ މަންހަޖު ކުރުކޮށް އުގަންނައި ދިނުން ކަމަށެވެ.


ސޯޝަލް ސެންޓާ ސެމިނާ ރޫމްގައި ބޭއްވުމަށް ހަމަޖައްސައިފައިވާ އެ ވޯކްޝޯޕަކީ ދެ ޖިންސުގެ ހުރިހާ ޢުމުރު ފުރައަކަށް ވެސް ހުޅުވާލައިގެން ބާއްވާ ވޯކްޝޮޕެއް ކަމަށާއި އެ ވޯކްޝޮޕްގައި ބައިވެރިވުމަށް 250 ރުފިޔާގެ ފީއެއް ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ސަލަފުން ބުނެ އެވެ. އަދި ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމް އެ ޖަމިއްޔާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.


އަޤީދާ ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް އާއި އައްޝައިޚް ޙަސަން މޫސާ ފިކްރީ އާއި އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް އާއި އައްޝައިޚް ޢަބްދުﷲ ބިން މުޙަމްމަދު އިބްރާހިމް ކަމަށް ސަލަފުން ބުންޏެވެ.