މިއަދު ހަވީރު ފެށި ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި އަވާ ރިކްރިއޭޝަން ކުލަބް 5-0 ލަނޑުން ބަލިކޮށް މުބާރާތުގެ ފެށުން ކުޑަހެންވޭރު ޔުނައިޓެޑުން ރަނގަޅު ކޮށްފި އެވެ.

އެފްއޭއެމްގެ އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު އެމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކުޑަހެންވޭރަށް ކާމިޔާބު ކޮށްދިނީ އަހުމަދު ސުނައިންނެވެ. މެޗުގައި ކުޑަހެންވޭރުން އާވާ ރިކްރިއޭޝަން ކޮޅަށް ޖެހި އަނެއް ހަތަރު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް ސަބީހްއެވެ.

މިއަހަރުގެ ތިންވަނަ ޑިވިޝަންގައި ޖުމުލަ 51 ޓީމް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދަނީ، ޓީމުތައް 17 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ތިން ޓީމެއް ހިމެނޭ ގޮތަށެވެ.

މުބާރަތުގައި މާދަމާ ވަނީ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހަވީރު 4:00 ގައި ޓާފް ދަނޑުގައި ބައްދަލުކުރާނީ ގްރޫޕް ދޭއްގެ ޓެންޓު ސްޕޯޓްސް ކުލަބާއި ޒީލް ސްޕޯޓް ކުލަބެވެ. ހަމަ އެގަޑީގައި އެންވޭރު ދަނޑުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ތިނެއްގެ މާމިގިލި ޔޫތް ރިކްރިއޭޝަން ކުލަބާއި އެލް ކިއު ސްޕޯޓްސް ކުލަބެވެ. އަދި މާދަމާ ރޭ 9:00 ޖަހާއިރު ޓާފް ދަނޑު ގައި ބައްދަލުކުރާނީ ގްރޫޕް ހަތަރެއްގެ ޔޫތް ރެވިލިއުޝަން ކުލަބާއި ތޮއްޑޫ ފުޓްބޯލް ކުލަބެވެ.

ގްރޫޕް ސްޓޭޖްގެ ކުޅުން ނިމުމުން، ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި، އަދި ހުރިހާ ގްރޫޕެއް އެއްކޮށްލައިގެން ދެވަނައަށް އެންމެ މޮޅުޓީމު ނެގުމަށްފަހު، ދެވަނަ ބުރަށް ދާނީ އެ 18 ޓީމެވެ. ދެވަނަ ބުރު ކުރިއަށް ގެންދާނީ ނޮކްއައުޓް އުސޫލުން ބަލިވާ ޓީމް ކާޓާ ގޮތަށެވެ. އަދި އެގޮތުން ހުރިހާ މެޗުތަކެއް ކުޅެނިމޭއިރު އެންމެ ފަހު މެޗުން މޮޅުވާޓީމް މުބާރާތުގެ ޗެމްޕިއަނުންނަށް އަނެއް ޓީމު ރަނަރަޕް ޓީމްގެ ގޮތުގައި ހަމަޖެހޭވެ އެވެ.

މިދިޔަ އަހަރު ތިންވަނަ ޑިވިޝަންގައި 42 ޓީމް ވާދަކޮށްފައިވާ އިރު، އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދި މަހިބަދޫ ސްޕޯޓްސް ވަނީ، މިއަހަރުގެ ދެވަނަ ޑިވިޝަންގެ ރަނަރަޕްކަން ހޯދުމަށްފަހު ދިވެހި ލީގު ކޮލިފިކޭޝަންގައި ވާދަކޮށް އަންނަ ސީޒަންގެ ދިވެހި ލީގަށް ކޮލިފައި ވެފަ އެވެ.