ތުރުކީން ދިވެހި ފުލުހުންނަށް މަތީ ތައުލީމުގެ ފުރުސަތުތަކާއި ފުލުހުންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 13 އިން 17 އަށް ކޮމިޝަނަރު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ބެހޭ ގޮތުން ޕޮލިސް ލައިފްއަށް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓާކިޝް ނޭޝަނަލް ޕޮލިސް އެކެޑެމީން ފެށުމަށް ތައްޔާރުވަމުން އަންނަ ކޯސްތަކުގެ ތެރެއިން ޑިގްރީ ފެންވަރުގެ ފަސް ސްކޮލަޝިޕަކާއި މާސްޓާސް ފެންވަރުގެ ދެ ސްކޮލާޝިޕެއް ދިވެހި ފުލުހުންނަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި އެ ޕްރޮގްރާމްތަކުގައި ފޮނުވާނެ ފުލުހުން ކަނޑައެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ފުލުހުންގެ ވެބްސައިޓްގައި ވަނީ ކޮމިޝަނަރު ތުރުކީ ވިލާތަށް ކުރެއްވި މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ސަލާމަތީ ދާއިރާއިން ރާއްޖެއާ ތުރުކީ ވިލާތާ ދެމެދު މެމޮރަންޑަމް އޮފް އަންޑެސްޓޭންޑިން އެއް އެކުލަވައިލުން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ތުރުކީއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި މި ދަތުރުފުޅުގައި ތުރުކީއާ އެކު ވެފައިވާ މެމޮރަންޑަމް އޮފް އަންޑެސްޓޭންޑިންގެ ދަށުން ދިވެހި ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފުރުސަތުތައް ފޯރުކޮށްދިނުމުގަ އާއި ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި އެގައުމުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

"ހާއްސަ ގޮތެއްގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކާއި ރާވައިގެން ހިންގާ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތައް ކާމިޔާބުކުރުމަށް ޓަކައި މިދާއިރާއިން ފުލުހުންނަށް އިންސާވިސް ތަމްރީނުތައް ފޯރުކޮށްދިނުމުގެ އިތުރުން ވެސް ތުރުކީގެ ޕޮލިސް އެކަޑަމީން ތަމްރީނު ލިބުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ،" ކޮމިޝަނަރު ވިދާޅުވި އެވެ. "މީގެ އިތުރުން ވެސް ޓްރާންސް ނޭޝަނަލް ކްރައިމްސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެއްގައުމުން އަނެއް ގައުމުން އެހީތެރިކަން ފޯރުކޮށްދީ މައުލޫމާތު ބަދަލުކުރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ."

މިމަހުގެ 17 ވަނަ ދުވަހު ދެގައުމުގެ ދެމެދު ސޮއިކުރި އެމްއޯޔޫ ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު ރިޔާޒް އެވެ. ތުރުކީ ޕޮލިސްގެ ފަރާތުން ސޮއިކުރެއްވީ ތުރުކީގެ ޕޮލިސް ޑައިރެކްޓަރު ޖެނެރަލް އެވެ.

ކޮމިޝަނަރުގެ މިދަތުރުފުޅުގައި ޓާކިޝް ނޭޝަނަލް ޕޮލިސް އެކަޑަމީ އަށާއި ސްވޮޓް ޓީމް ސެންޓަރު، އަދި ޕޮލިސް އޭވިއޭޝަން ސެކްޓަރަށް ވެސް ޒިޔާރަތްކޮށް އެތަންތަނުން ދިވެހި ފުލުހުންނަށް ފޯރުކޮށްދެވެން ހުރި އެހީތެރިކަމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވެ އެވެ.