ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަ ރާއްޖޭގައި އޮންނާތީ އިންޑިއާ އިން ކަންބޮޑުވުން ފާޅުކުރި ކަމަށާއި އެއީ ޕީޕީއެމަށް ވެސް އޮތް މައްސަލައެއް ކަމަށް އިންޑިއާގައި ވިދާޅުވެފައި ވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ޔާމީނު ވިދާޅުވީ ހައްދު ފަހަނައަޅައި ދިއުމުގެ މައްސަލަ ރާއްޖޭގައި ކޮންމެވެސް ވަރަކަށް އެބަ އޮތް ކަމަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަރިހުގައި ވިދާޅުވި ކަމަށެވެ.

"... އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ވެސް ހަމަ ކަންބޮޑުވާ ކަމެކޭ [އެއީ[. އެއްވެސް ގައުމެއްގައި ގަބޫލުކުރެވޭ ކަމެއް ނޫނޭ. އެހެން ނަމަވެސް އަޅުގަނޑުމެން ދެންނެވިން، ކޮންމެވެސް ވަރަކަށް ހައްދުފަހަނަ އެޅުމުގެ ކަންތައް އެބައުޅެއޭ، ދެން އަޅުގަނޑުމެންގެ ތެރޭގައި ހައްދު ފަހަނައަޅައިގެން މިދަނީ ކޮންމެހެން ދީނީ މީހުންގެ ނަމަކު ނޫނޭ. ހައްދު ފަހަނަ އަޅައިގެން މިދަނީ ހަގީގަތުގައި މީހުންގެ ހައްގުތަކަށް އަރައިގަތުމުގައޭ،" ޔާމީނު ވިދާޅުވި އެވެ.

ޔާމީނު ވިދާޅުވީ އެފަދަ ކަންތައްތަކުގެ ތެރޭގައި މީހުންނަށް ޖިސްމާނީ ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށާއި ގެދޮރަށާއި މުދަލަށް ގެއްލުންވާ ކަމަށް ވެސް ސިންގް އަރިހުގައި ވިދާޅުވި ކަމަށެވެ.

ޔާމީނު ވިދާޅުވީ ރާއްޖެއާ މެދު ކަންބޮޑުވާ ކަމެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ފާހަގަ ކުރެއްވި އެއްކަމަކީ ހައްދު ފަހަނަ އެޅުމުގެ މައްސަލަ ކަމަށެވެ. ހައްދު ފަހަނައެޅުމާ މެދު ޕީޕީއެމް އިން ދެކޭގޮތް ވިދާޅުވެ ދެއްވީ އިންޑިއާގެ ބޮޑުވަޒީރު އެކަން ފާހަގަ ކުރެއްވުމުން އެކަމަށް ޖަވާބު ދެއްވުމުގެ ގޮތުން ކަމަށް ޔާމީނު ވިދާޅުވި އެވެ.

އިންޑިއާ އިން ކަންބޮޑުވުންފާޅު ކުރި އަނެއް ކަމަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ހަވާލުކުރި އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖޭން ފޮނުވާލި މައްސަލައިގައި ސުވާލެއް އައިތޯ ނޫސްވެރިއަކު ދެންނެވުމުން ޔާމީނު ވިދާޅުވީ އެފަދަ ސުވާލެއް ނާންނަ ކަމަށެވެ.

"ޖީއެމްއާރުގެ ވާހަކައެއް އަޅުގަނޑުމެންނަކާ ނުދެކެވޭ އިނގޭތޯ، ޖީއެމްއާރުގެ ވާހަކައެއް އަޅުގަނޑަކާ ނުދައްކަވާ." އިންޑިއާގެ ބޮޑުވަޒީރު އަރިހު ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ޔާމީނު ވިދާޅުވި އެވެ.