އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ މައުލޫމާތުތަކަށް ބަދަލު ގެނައުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެހެންވީމާ ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޔާމީނު ވިދާޅުވީ އިލެކްޝަންސްގައިވާ ވޯޓްލާ މީހުންގެ މައުލޫމާތު ހިމެނޭ ޑޭޓާ ބޭސްގެ ޕާސްވޯޑް އެންމެ މީހެއްގެ އަތުގައި އޮތުމުން، މައުލޫމާތައް ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭގެ އިތުރުން ވެސް އިލެކްޝަންސް ކޮމިޝަނާ މެދު ހުރި ކަންބޮޑުވުންތައް ފާހަކުރައްވަމުން ޔާމީނު ވިދާޅުވީ މިއީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިޕާޓީން އެންމެ ފަހުން ގޮސް ވާހަކަ ދެއްކީމާ މި ވިދާޅުވީ، މިހާރު ޑޭޓާ ބޭސްގެ ޕާސްވޯޑް މިއޮތީ ހަމަ އެންމެ ބޭފުޅެއްގެ އަތްޕުޅުމަތީގައޭ. އެކަމަކު އަޅުގަނޑުމެން ބޭނުން ވަނީ މީގައި އިތުރު ސެކިއުރިޓީ ފީޗާއެއް އަންނަން. އެއް ބޭފުޅަކަށް އެކަނި ޑޭޓާބޭސް އަށް އެކްސެސް ވެވުމުގެ ބަދަލުގައި، ދެ ބޭފުޅަކު ނޫނީ ތިން ބޭފުޅަކު އެއްފަހަރާ އެކްސެސް ކުރެއްވިއްޔާ ޑޭޓާ ބޭސް އަށް އެއްވެސް ވަކި މީހަކަށް އެކްސެސް ނުކުރެވޭ ގޮތަށް އޮންނަން. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް ޔަގީންކަމެއް ނެތް ޑޭޓާ ބޭސް ޓެމްޕާ [އޮޅުވާލުން] ނުކުރާނެ ކަމަކަށް. އަދި ވެސް މިދަންނަވަނީ ޔަގީންކަމެއް ނެތޭ،" ޔާމީނު ވިދާޅުވި އެވެ.

ޔާމީނު ވިދާޅުވީ ބައެއް ރިސޯޓްތަކުގައި ވޯޓްފޮށިތައް ބަހައްޓާ އިރު ރިޒޯޓްތަކުގެ މުވައްޒަފުން ވޯޓްލާނެ ގޮތް ރިސޯޓް އޯނަރުންނަށް ފެންނަން އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަން އެހެން އޮއްވައި، މުވައްޒަފުން ވޯޓްލާ ގޮތަކުން ހިތްހަމަނުޖެހުން ފާޅުކުރާނެ ކަމަށް ރިޒޯޓް އޯނަރުން ވިދާޅުވާ ކަމަށާއި އޭގެ ތެރޭގައި މުވައްޒަފުން ވަޒީފާ އިން ވަކިކުރުން ހިމެނޭ ކަމަށެވެ.

"ހަމަ އެގޮތަށް މައްސަލައަކަށް އެބަވޭ، ބައެއް ރިސޯޓްތަކުގައި ވޯޓްފޮށިތައް ހުރެގެން މި ދާއިރު ރިޒޯޓްތަކުގެ އޯނަރުން ރިޒޯޓްތަކުގެ މުވައްޒަފުންނަށް އެބަ އަންގަވާ މުވައްޒަފުން ވަކިގޮތަކަށް ވޯޓް ގޮސްފި ނަމަ އެބޭފުޅުންގެ ހިތްހަމަނުޖެހުން ފާޅުކުރައްވާނެ ކަމަށް. އޭގެ ތެރޭގައި ހަމަ ވަޒީފާ އިން ވަކިކުރުން ވެސް ހިމެނޭ ދެއްތޯ؟ އެހެންވީމާ މިކަމުގެ ވާހަކަ ބައެއް ބޭފުޅުން ވިދާޅުވެފައި، އަދި ތަންފީޒު ކުރުމާ ނުކުރުން އެއީ ފަހުގެ ކަމެއް ދެއްތޯ، އެހެންވީމާ މިނިވަން ވޯޓެއްތޯމީ؟ މީ މިނިވަން ވޯޓެއްތޯ؟ މީ ނުވާނެ މިނިވަން ވޯޓަކަށް ދެއްތޯ؟" ޔާމީނު ވިދާޅުވި އެވެ.

ޔާމީނު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އެމައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ. އެގޮތުން ރިސޯޓާ ކައިރީގައިވާ މީހުން ދިރިއުޅޭ ރަށެއްގައި ރިސޯޓްގެ މުވައްޒަފުން ވޯޓްލާ ގޮތަށް ހަމަޖެއްސިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަދި ވެސް އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެން ބައެއް ރިސޯޓްތަކުގައި ރިސޯޓް އޯނަރުން އެބަ ވިދާޅުވޭ، އެކަހަލަ ސިޔާސީ ހަރަކާތެއް ހިންގައިގެން ތިމަންނަމެން ބަދުނާމު ވެދާނެތީ، ތިމަންނަމެން މިބުނަނިއްޔޭ ތިމަންނަމެންގެ ރަށުގައި ވޯޓްފޮށި ނުބަހައްޓާށޭ، އެންމެ ކައިރީގައި އޮތް މީހުން ދިރިއުޅޭ ރަށެއްގައި ބަހައްޓާށޭ، އެހެން ހަދައިފި ނަމަ ރިސޯޓްތަކުގެ އޯނަރުން ވެސް މިބަދުނާމުން އެބަ ސަލާމަތްވޭ. މިއީ އިލެކްޝަނަށް ކުރެއްވިދާނެ ކަމެއް،" ޔާމީނު ވިދާޅުވި އެވެ.

ޔާމީނު ވިދާޅުވީ އިންތިހާބާ މެދު އިތުބާރު އުފެއްދުމަށް ކުރެވެން ހުރި ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ނުކުރާ ކަމަށެވެ.

ޕީޕީއެމް އިން މިއަދު ބުނީ އިންތިހާބުގެ މިނިވަންކަމާ މެދު ޕީޕީއެމް އަށް ހުރި ކަންބޮޑުވުންތައް މިހަފުތާގައި ކޯޓަށް ވައްދާނެ ކަަމަށެވެ. ދެ ދުވަހެއް ތެރޭގައި އެ މައްސަލަ ޑްރާފްޓްކޮށް ނިމޭނެ ކަމަށް ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ދުންޔާ މައުމޫނު ވިދާޅުވި އެވެ.