ހއ. ދިއްދޫ އިންޖީނުގޭގެ ޖަނަރޭޓަރެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފިއެވެ

މިއަދު މެންދުރުފަހު 2:00 ހާކަށް ހާއިރު އިންޖީނުގޭގައި ހިނގި އެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް ރޯވެ އަނދާފައި ވަނީ ރަށަށް ކަރަންޓުދޭ ހަތަރު ޖަނަރޭޓަރުގެ ތެރެއިން 300 ކިލޯވޮޓް ގެ ޖަނަރޭޓަރުގަ އެވެ. އަލިފާން ރޯވުމާއެކު މުޅި ރަށުން ކަރަންޓު ކަނޑާލައި ޖަނަރޭޓަރުގައި ރޯވި އަލިފާން ވަނީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިއްވާލައިފަ އެވެ.

ފެނެކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފާރޫގް މުހައްމަދު ހަސަން ވިދާޅުވީ ދިއްދު އިންޖީނުގޭގެ ޖަނަރޭޓަރުގައި ރޯވި ސަބަބު ބަލަމުންދާ ކަމަށާއި ފަހުން އެއްޗެއް ވިދާޅުވާނެ ކަމަށެވެ.

ހަތަރު ހާހަށް ވުރެ ގިނަ މީހުން ގެ އާބާދީއެއް އޮންނަ ދިއްދޫ އިންޖީނުގޭ ޖަނަރޭޓަރު ހަލާކުވުމުން ރަށުން އިރު އިރު ކޮޅާ ކަރަންޓު ދަނީ ކެނޑެމުންނެވެ. ރަށުން އިރު އިރު ކޮޅާ ކަރަންޓު ކެނޑޭތީ އެ ރަށުގެ ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.