ތ. ތިމަރަފުށީގައި ހަދާ އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަން މި ހަފުތާގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ތިމަރަފުށީގައި ހަދާ ޑޮމެސްޓިކް އެއާޕޯޓުގެ ޓާމިނަލް އެޅުމާއި ޓަވަރުގެ މަސައްކަތް ހަވާލުކުރުމަށް އެމްޓީސީސީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ފަރާތުން ހުށަހަޅާފައިވާ އަގާމެދު އެއްބަސް ނުވެވިގެން މަސައްކަތް އަދި ހަވާލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހަފުތާގައި ކޮންމެވެސް ބަޔަކާ އެ މަސައްކަތް ހަވާލު ކުރެވޭނެ. އެއީ އެމްޓީސީސީއަށް ވެސް ވެދާނެ،" ސާމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި ހަދާ އެއާޕޯޓުގައި ވަގުތީ ޓާމިނަލެއް މިހާރު ހަދާފައިވާ ކަމަށެވެ.

"އެތަނުގައި ކުރަން ހުރި މަސައްކަތްތައް ވަރަށް އަވަހަށް ނިންމަން ޖެހޭ. އެހެންވެ ސަރުކާރުން ގެންދަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ބަޔަކާ ހަވާލުކުރަން،" ސާމީ ވިދާޅުވި އެވެ.

ތިމަރަފުށީގައި އެއާޕޯޓެއް ތަރައްގީކުރުން ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ އެވެ. އަދި އެތަނުގެ ކޮންޓްރެކްޓް އެ ކުންފުނިން 32 މިލިއަން ރުފިޔާ އަށް ކުރިން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަންވޭއާއި ޓެކްސީވޭ އާއި އޭޕްރަން އަދި ފަޔާ އެންޑް އެކްސެސް ރޯޑްސް އަދި ރަންވޭއާއި ސެކިއުރިޓީ އޭރިއާގެ މަސައްކަތްތައް ވަނީ ނިންމައިފަ އެވެ.

ތިމަރަފުށީގައި ހަދާ އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާލަން 58 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ކުރިން ވިދާޅުވެފައިވެ އެވެ.