19 Aug 2013, 15:30
ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށީގައި ފެން ބޮޑުނުވާނެ ގޮތަށް ޑްރެއިިންގް ސިސްޓަމެއް ގާއިމްކޮށް، ފެންބޮޑުވުމުން ހައްލުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއެކު މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެއްބަސްވުމެއްގައި ސޮއި ކޮއްފި އެވެ.
އެމްޑަބްލިއުއެސްސީން އެ ދެ ރަށުގައި ހިންގާ މަޝްރޫއަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ފުރަތަމަ ފިޔަވަހީގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެންހިންދާ ނިޒާމެއް ޑިޒައިންކުރަން ޖެހޭނެ އެވެ. ފެންހިންދާ ނިޒާމު ނުވަތަ ޑްރެއިނިގް ސިސްޓަމްތައް ހަތަރު މަސް ދުވަހުގެ ތެރޭގައި ޑިޒައިންކޮށް ނިންމަންޖެހެ އެވެ. މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފެން ހިންދާ ނިޒާމުގެ ގާއިމް ކުރުމަށް އަމަލީ މަސައްކަތް އަހަރުގެ ފަހުކޮޅު ފަށަން ޖެހޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ދެ ފިޔަވައްސަކަށް ކުރިއަށް ގެންދާ މަޝްރޫގެ ޖުމްލަ އަގު ނުވަ މިލިއަން ރުފިޔާއަށް އަރަ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާއެކު އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ އެ މިނިސްޓްރީ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީނެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އިންޖިނިއަރިން މެނޭޖަރު މުހައްމަދު ރަޝީދެވެ.
އަބްދުލް މަތީން ވިދާޅުވީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ އެހީގައި ހިންގާ މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށްތަކުގެ ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަށާ ފުރަތަމަ މަސައްކަތް ކަމަށާއި އެ ދެ ރަށުގައި އެ ނިޒާމް ގާއިމް ކުރާ ގޮތަށް ބެލުމަށްފަހު ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އެފަދަ ނިޒާމު ގާއިމް ކުރާނެ ކަމަށެވެ.