19 Aug 2013, 15:34
ޖެފް ވިލްކޮކްސް މެމޯރިއަލް ބޮޑީބޯޑިން މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ތިން ބޮޑީބޯޑަރުން މިއަދު އޮސްޓްރޭލިޔާއަށް ފުރައިފި އެވެ.
އޮސްޓްރޭލިޔާގެ ފޮސްޓާ ޓަންކަރީ ބޮޑީބޯޑް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ފޮސްޓާ ޓަންކަރީ ބީޗްގައި މި މަހުގެ 23 އިން 25 އަށް ބާއްވާ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ، ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ޚުސްރުވާން އަހްމަދު (ކުޑައައްޔަ)އާއި އަލީ ޝާމް ރާފިއުއާއި އަދި އަލީ ޖާވީދު އެވެ.
ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑީބޯޑިން މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް މީގެ ކުރިން ވެސް ތަޖުރިބާތަކެއް ލިބިފައިވާ ކުޑައައްޔައާއި ޖާވިދުގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޝާމް އަކީ ރާއްޖެއިން ބޭރުގައި މިފަދަ މުބާރާތެއްގައި މުޅިން އަލަށް ބައިވެރިވާ ޒުވާން ބޮޑީބޯޑަރެކެވެ. އެ ތިން ބޮޑީބޯޑަރުންނާ އެކު ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ދިޔައީ މޯލްޑިސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ވައިސް-ޕްރެޒިޑެންޓް މުހައްމަދު ޚުޝްރުވާން އަހްމަދު އެވެ.
މުބާރާތުގައި ކުޑައައްޔައާއި، ޖާވިދު މެންސް އޯޕަންގައި ވާދަކުރަން ހަމަޖެހިފައިވާއިރު ޝާމް ވާދަ ކުރާނީ 17 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގަ އެވެ.
އޮސްޓްރޭލިޔާއަށް ފުރުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްބީބީއޭގެ ނައިބުރައީސް ވިދާޅުވީ، އެ މުބާރާތަށް އެންމެ ފުރަތަމަ ދައުވަތު ލިބުނީ ކުޑައަށް އެކަނި ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ފައިސާގެ އެހީތެރިންކަން ފޯރުކޮށްދިނީ ކުޅިވަރާބެހޭ ވުޒާރާއާއި، ފަތުރުވެރިކަމަ ބެހޭ ވުޒާރާއާއި އަދި ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން)ގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު ސްޕޯޓްސް މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީއާއި އަދި ޑީންގެ ފަރާތުން،" ޚުޝްރުވާން ބުންޏެވެ.
ހުސްވި އަހަރު އޮސްޓްރޭލިޔާގައި އޮތް "އެމެރާލްޑް އެންއެސްޑަބްލިއު ބޮޑީބޯޑް ސްޓޭޓް ޓައިޓަލްސް ރައުންޑް 2" ގެ ސީނިއާ މެންސް ކެޓަގަރީ އިން އެއްވަނަ ހޯދި ކުޑައައްޔަ ބުނީ އޭނާގެ އުއްމީދަކީ މިފަހަރުވެސް މުބާރާތުން ރަން ވަނައެއް ހޯދައިގެން ރާއްޖެއަށް ރީތި ނަން ހޯދައިދިނުން ކަމަށެވެ.
"އަޅުގަނޑު ކޮންމެ މުބާރާތަކަށް ދާއިރުވެސް އަބަދުވެސް ބޭނުންވަނީ، ރާއްޖެއަށް ރަން ވަނައެއް ހޯދައިދިނުން. އެހެންވީމާ މިފަހަރުގެ މުބާރާތުގައިވެސް އަޅުގަނޑު ބޭނުން ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭން،" ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު ބުންޏެވެ.
މުބާރާތުގެ ސީނިއާ ބައިގައި އައްޔަގެ އިތުރުން ވާދަކުރާ ޖާވިދު ވެސް ރާއްޖެއަށް ރީތި ވަނައެއް ހޯދައިދިނުމުގެ ފޮނި އަޒުމުގައި ހުރިއިރު ރާއްޖެއިން ބޭރުގައި މިފަދަ ތަޖުރިބާއެއެއް މުޅިން އަލަށް ކުރަން ތައްޔާރުވެގެން ހުރި ޝާމް ބުނީ މުބާރާތުން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވި ކަމަށާއި އަދި ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.
"މިކަހަލަ ބޮޑު މުބާރާތަކުން ފުރުސަތު ލިބުނީމަ ވަރަށް ތަފާތު އިހްސާސްތަކެއް ކުރެވެނީ، ބޭރަށް ފުރައިގެން ދާތީ. ދެން އަޅުގަނޑު މަސައްކަތް ކުރާނީ އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭތޯ އަދި ރާއްޖެއަށް ރީތި ވަނައެއް ހޯދައިދެވޭތޯ،" ޝާމް ބުންޏެވެ.