16 Nov 2010, 10:31
ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމާއި އުފާކުރުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަންކަން ކުރަމުން ދާންވާނީ ދީނުގެ ތަރަހައިގެ ތެރެއިން ކަމަށް މިނިސްޓަރު އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް މުހައްމަދު އައްޝައިހު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މަސްޖިދުލް މުހަންމަދު ތަކުރުފާނުލް އައުޒަމްގައި މިއަދު ހެނދުނު އީދު ހުތުބާ އިއްވަވަމުން ޝަހީމް ވިދާޅުވީ އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން ވެވަޑައިގެންފައިވާ މަތިވެރި ގުރުބާނާއި ކުރައްވާފައިވާ މަތިވެރި ޖިހާދުގެ މަތިން ދިވެހިން މިއަދު ހަނދުމަނެތި ކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އިސްލާމީ ސަހްސިއްޔަތާއި ކަރާމާތާއި ދައުލަތުގައި ހިފެހެއްޓިފައިވާ ހެޔޮ ސާބިތު ކަންތައް ދެމެހެއްޓުމަށް ވެސް ޝަމީމް ވަނީ ގޮވާއިލައްވައިފަ އެވެ.
ނަމާދަކީ އިސްލާމް ދީނުގެ ތަބުކަމަށް ވެފައި އަދި ނަމާދު ވަގުތު ފަހަނަޅައިދާއިރު ކުޅިވަރުކުޅޭ ތަންތަނާއި ދަނޑުތަކުގައި މަސްއޫލުވެތިބުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ދީން ތަރުހީބުދީފައިވާ ކަމެއް ނޫން ކަމަށް ވެސް މިއަދުގެ ހުތުވާގައި ޝަހީމް ވިދާޅުވި އެވެ.
އިސްލާމީ ރިވެތި އަހްލާޤާއި ރަނގަޅު ޝަޤާފަތް ދެމެހެއްޓުމުގައި ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކާއި މުއައްސަސާތަކާއި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާން ޖެހޭނެ ކަމަށާއި އަދި މިއީ އެންމެގެ ވެސް މައްސޫލިއްޔަތެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.