14:30


އައްޑޫ އާއި ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމަށް ސަދަން ޔުޓިލިޓީސް ކުންފުނިން ނިންމާފައި ވަނީ އީއައިއޭ ރިޕޯޓް ވެސް ނުހަދައި، ޤާނޫނާ ހިލާފަށް ކަމަށް ބުނެ އެ ކަންތައްތައް ބަލައިދިނުމަށް އަމިއްލަ ފަރާތަކުން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.


ސަންއެފްއެމުން ގެނެސްދޭ ރައްޔިތުންގެ ނޫސް މި ޕްރޮގްރާމްގައި ވާހަކަ ދެއްކި މީހަކު ބުނީ، އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް އިނގިރޭސިވިލާރުގެ ބައިވޯޓަރ ކުންފުންޏާ މި މަހުގެ 29 ވަނަ ދުވަހު ސަދަން ޔުޓިލިޓީޒް ކުންފުނިން ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށް، އެ މަސައްކަތް އެމީހުންނާ ހަވާލުކުރާނެ ކަމަށް ބުނެފައިވާއިރު އެ ކަންތައް ކުރުމަށް ނިންމާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެކަންތައް ސަދަން ޔުޓިލިޓީޒުން އިޢުލާންކުރި ދުވަހުން ފެށިގެން އެކަމާ ބެހޭ ތަފްސީލް ހޯދުމަށް ކަމާ ބެހޭ މިނިސްޓްރީ އަށް ހުށަހަޅައިގެން މިހާތަނަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.


މިކަމާ ގުޅިގެން ސަދަން ޔުޓިލިޓީޒް ކުންފުނީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް އިންގިރޭސިވިލާތުގެ ބައިވޯޓާ ގްރޫޕާއެކު ހަވާލުކުރުމުގެ ގޮތުން މި މަހުގެ 29 ވަނަ ދުވަހު ސޮއިކުރެވޭނެ ކަމަށާއި އެކުންފުންޏާއެކު ސޮއިކުރެވުމާއެކު އެ ކަމުގެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށް ވެސް ދުވަހު ނޫހަކަށް ދެއްވާފައިވާ އިންޓަވިއެއްގައި ޔުޓިލިޓީޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ޝާހިދު ވަނީ ވިދާޅުވެފަ އެވެ.


މި ކަމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ރަސްމީކޮށް މާލޭ ސުވަރޭޖް އެންޑް ވޯޓަރ ކޮންޕެނީއަށް ލައިލަންސް ހަވާލުކޮށްފައިވާ ކަމަށާއި އަދި މިހާތަނަށް އެ ލައިސަންސް ބާތިލްކޮށްފައިނުވާ ކަމަށެވެ. އަދި ބަޔަކަށް ރަސްމީކޮށް ދީފައިވާ ލައިސަންސެއް ބާތިލްނުކޮށް އެހެން ފަރާތްތަކާ އެމަސައްކަތް ހަވާލުނުކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް އަދި ވިދާޅުވީ ޔުޓިލިޓީޒް ކުންފުނިން އެފަދައިން ހާމަކޮށްފައިވާ ސަބަބެއް ވިދާޅުވާން ދަތިފުޅު ކަމަށާއި ނަމަވެސް މިހާރުވެސް އައްޑޫއާއި ފުވައްމުލަކުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމަށް އެމްޑަބްލިއުއެސްއީން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ފައިސާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.