ކެރަމް ލީގުގެ ނަމުގައި އައު މުބާރާތެއް ކެރަމް އެސޯސިއޭޝަނުން ފަށައިފި އެވެ.

ކޮންމެ ހަފްތާ ބަންދެއްގައި ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ލީގުގައި ވާދަކުރާނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ފިރިހެން 20 ކުޅުންތެރިންނާއި އަންހެން 10 ކުޅުންތެރިނެވެ. އެ ކުޅުންތެރިންނަކީ ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނާއި ޤައުމީ ފެންވަރުގެ މުބާރާތްތަކުގެ ގަދަ އަށެއްގައި ހިމެނިފައިވާ ކުޅުންތެރިންނެވެ.

ލީގުގައި ވާދަކުރާ އަންހެން އަދި ފިރިހެން ކުޅުންތެރިން އެންމެން އެންމެންނާއި އެއް ރައުންޑް ކުޅޭ ގޮތަށް ފަރުމާ ކުރެވިފައިވާ މި ލީގުގައި ޖުމްލަ 435 މެޗު ކުޅެވޭނެ އެވެ. ކޮންމެ ހަފްތާއެއްގައި ކޮންމެ ކުޅުންތެރިއަކަށް ދެ މެޗު ކުޅޭގޮތަށް ޝެޑިއުލް ކުރެވިފައިވާ މި ލީގުގައި މޮޅުވާ ކޮންމެ މެޗަކަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ، މިލީގުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ ލީގުގައި ކުޅެވޭ ހުރިހާ މެޗަކުން އެއްވަނަ ހޯދާ ކުޅުންތެރިއާއަށް ދެވޭ ލީގު ޗެމްޕިއަން ކަމާއި، އަދި ލީގުގެ އެންމެ މަތީ ވަނައެއް ހޯދާ އަންހެން ކުޅުންތެރިއާއަށް ދެވޭ ލީގުގެ އެއްވަނަ އަންހެން ކުޅުންތެރިޔާ ކަމާއި، އަދި ލީގުގައި ފިރިހެން ކުޅުންތެރިންގެ މެދުގައި ކުޅެވުނު މެޗުތަކުން އެއްވަނަ ހޯދާ ފިރިހެން ސިންގަލްސް ޗެމްޕިއަން ކަމާއި، އަދި ލީގުގައި އަންހެން ކުޅުންތެރިންގެ މެދުގައި ކުޅެވުނު މެޗުތަކުން އެއްވަނަ ހޯދާ އަންހެން ސިންގަލްސް ޗެމްޕިއަން ކަމެވެ. މިވަނަ ތަކުގެ އިތުރުން ޕްލެއަރ އޮފް ދަ ލީގާއި، އެންމެ ގިނަ ސްލޭމް ހެދި ކުޅުންތެރިޔާ އާއި އަދި އެންމެ ގިނަ ސްކޯ ހޯދި ކުޅުންތެރިއާ ކަމަށެވެ.

އަންނަ ނޮވެމްބަރު މަހުގެ 22 އަށް ކުރިއަށްދާ ލީގުގެ ފުރަތަމަ ހަފްތާގެ ކުޅުން ނިމިފައިވާއިރު ލިގުގެ އެއްވަނައިގައި މިވަގުތު އޮތީ ޝާފީ މުހައްމަދެވެ. ދެވަނައިގައި ހުސެއިން އަލީ އޮތްއިރު ތިންވަނައިގައި އޮތީ އަބްދުﷲ ލަބީދެވެ. އަންހެން ކުޅުންތެރިންގެ ތެރެއިން އެންމެ ކުރީގައި މިވަގުތު އޮތީ ލީގުގެ ނުވަ ވަނައިގައި އޮތް އައިޝަތު ޝަޒްނާއެވެ. ދެވަނައަށް އެންމެ ކުރީގައި އޮތީ ލީގުގެ ބާރަވަނައިގައި އޮތް އައިމިނަތު ވިޝާމާއެވެ. އަދި ތިންވަނަ އަށް އެންމެ ކުރީގައި އޮތީ ލީގުގެ ސާދަ ވަނައިގައި އޮތް އައިޝަތު ފައިނާޒެވެ.

އަލަށް ތައާރަފް ކުރެވުނު މިލީގު ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަނެއް ވެސް ތައާރަފް ކުރުމަށް ހަމަޖެހިފައިވާކަން ކެރަމް އެސޯސިއޭޝަނުން ބުންޏެވެ.