19 Aug 2013, 14:55
ގދ. ކާޑެއްދޫން މާލެއައި ފްލައިޓަކުން މަސްތުވާތަކެތި ގެނައި މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމާއެކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ގދ. ތިނަދޫ ލަކީސްޓާ އަހްމަދު ނަބީލްގެ މައްޗަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު 6:14 އެހައިކަންހާއިރު ކާޑެއްދޫން މާލެއާއި ފްލައިޓަކުން މަސްތުވާތަކެތި ގެނެސްފައިވާތީ އެވެ.
އޭނާ ލައިގެން ހުރި ސައިޑް ޕޮކެޓްލީ ފަޓްލޫނުގެ ވާތްފަރާތު ކުރިމަތީ ޖީބުގައި ޓޭޕްއޮޅާފައި އޮތް ޓިޝޫ ކޮޅެއްގެ ތެރެއިން 5.7646 ގްރާމް ޑައިމޯފިން ހުރިކަން ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އެއީ ބޭނުންކުރުމަށް ގެނައި މަސްތުވާތަކެތި ކަމަށް ނަބީލު ބުނިނަމަވެސް ހަތަރު ގުރާމަށްވުރެ ގިނަ ޑައިމޯފިން މީހެއްގެ އަތުގައި ހުރެއްޖެނަމަ އެއީ ޑައިމޯފިން ޓްރެފިކް ކުރުން ކަމުގައި ބެލެވޭނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުން އޭނާ އަށް ވަނީ އަންގާފަ އެވެ.