އިންޑިއާގެ ބިހާރުގެ ރޭލުވޭ ސްޓޭޝަނެއްގެ ކައިރީގައި، ރޭލުދަގަނޑު މަތީގައި ތިބި ބަޔަކު، ބާރަށް އައި ރޭލެއްގެ ދަށުވެ، އޭގެ ތެރެއިން 35 މީހުން މަރުވެއްޖެ އެވެ.

އިންޑިއާގެ އައިބީއެން ލައިވް ޓީވީން ބުނީ ބިހާރުގައި "ގިނަބައެއްގެ ގައިމަތިން ރޭލެއް ދިއުމުގެ ސަބަބުން" މަރުވި މީހުންގެ އަދަދު 35 އަކަށް އަރާފައިވާ ކަމަށެވެ.

ބިހާރް ސްޓޭޓްގެ ސަހަރްސާ ނަމަކަށް ކިޔާ ރަށުގެ ދަމާރާ ސްޓޭޝަންގައި ހިނގި އެ ހާދިސާގައި މަރުވި މީހުންގެ އިތުރުން 40 މީހުންނަށް ޒަހަމްވެސްވީ ކަމަށް އެ އެޖެންސީން ބުންޏެވެ.

މީހުންގެ ގައިމަތިން ރޭލް ދިޔަ ހާދިސާ ހިނގި އިރު އެރޭލް ދުއްވަން އިން ޑްރައިވަރަށް އާއްމުން އަނިޔާކުރުމުގެ ސަބަބުން އޭނާ އަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

ރެއިލްވޭ އޮތޯރިޓީން ބުނެފައި ވަނީ ސަހަރްސާގައި މީހުންގެ ގައިމަތިން ދިޔަ ރޭލު ދަތުރުކުރަމުން ދިޔައީ ޝެޑިއުލްއާ އެއްގޮތަށް ކަމަށާއި ދަމާރާ ސްޓޭޝަނަށް މަޑުކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

ހާދިސާއާ ގުޅިގެން ރުޅިއަރައިގެންފައި ތިބި އާއްމުން ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ރާޖްޔާ ރާނީ ރޭލާއި ސްޓޭޝަންގައި އެވަގުތު މަޑުކޮށްފައި އޮތް އެހެން ރޭލެއްގައި ހުޅުޖަހާފަ އެވެ.

އައިބީއެން ލައިވް އިން ބުނީ މީހުންގެ ގައިމަތިން ރޭލު ދިޔަ ހާދިސާގައި މަރުވި މީހުންނަކީ ފައްޅިއަކަށް ދިއުމަށް ރެއިލްވޭ ހުރަސްކޮށް ދިޔަ ބައެއް ކަމަށެވެ.