ހުކުރު މިސްކިތުގައި ހުންނަ ތާރީހީ މުންނާރު އަޅާލާނެ ފަރާތެއް ނެތި "ހަޑި" ވެފައިވާތީ އެ މުންނާރު މަރާމާތުގެ މަސައްކަތް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓުރީގެ އޮފިޝަލަކު މިއަދު ސަންއަށް ވިދާޅުވީ އަމިއްލަ ބަޔަކާއި ހަވާލުކޮށްގެން މުންނާރުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ނިމޭއިރު ކުރިން ހުރިގޮތަށް އެ މުންނާރު ރީތިކޮށް ފެންނަން ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަނީ ކޮން ބައެއް ކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.

މުންނާރު މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ބަޔަކާއި ހަވާލުކުރަން ނިންމާފައިވާ ކަމަށް ސިޓި ކައުންސިލުން މީގެ ކުރިން ބުނެފައިވާއިރު މިއަދު ބުނީ އެ މުންނާރާ ހަވާލުވެފައި ވަނީ ޓޫރިޒަމް މިނިސްޓްރީން ކަމަށެވެ.

މުންނާރު ހަޑިވެފައިވާ މައްސަލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި "ޕްރަވަޓައިޒް" ކުރި އިރު މުންނާރު އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ގެންގޮސްފައިވާ ކަމަށެވެ. އަދި މުންނާރާ ހަލާލުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި މުންނާރު އެގޮތަށް ހަޑިކޮށް ހުންނާތީ ހިތާމަކުރައްވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އިސްލާމީ ތާރީހާ ވެސް ހުޅިފައިވާ އަދި ފަތުރުވެރިންގެ ތެރޭގައި ވެސް މަގުބޫލް ހުކުރު މިސްކިތުގެ މުންނާރު މިހާރު ވަނީ އަޅާލުމެއް ނެތުމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ހަޑިވެފަ އެވެ. އަދި މުންނާރުގެ ކުލަ ހަޑިވެ މިހާރު ވަނީ ކަޅު ކުލަ ހިފައިފަ އެވެ.