19 Aug 2013, 14:20
މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އިން ބައިވެރިވާ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް ވިދާޅުވީ މި މަހު 30ގައި ބާއްވާ ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން މިރޭ ޕީޕީއެމްއާއި އެމްޑީއޭ އިން ބައިވެރިވާ ފުރަތަމަ ޖަލްސާ އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށެވެ.
"30 ވަނަ ދުވަހުގެ ރޭ މާލޭގައި އޮންނާނެ އަޅުގަނޑުމެން ޕީޕީއެމް އާއި އެމްޑީއޭ އިން ބައިވެރިވެގެން ބާއްވާ ވަރަށް ވަރުގަދަ ޖަލްސާއެއް. އެ ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން މިރޭ އެމްޑީއޭ އާއި ޕީޕީއެމް ބައިވެރިވާ ފުރަތަަމަ ޖަލްސާ އޮންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް އިން ބޭއްވުމަށް ތައްޔާރުވަމުން އަންނަ ބޮޑު ޖަލްސާއާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީން ވަނީ ފާޑުކިޔައިފަ އެވެ. އެ ފާޑުކިޔުންތަކާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ބޮޑު ޖަލްސާއެއް ބޭއްވުނީ އަލަށް ކަމަށް ވާތީ ޕީޕީއެމް ބާއްވާ ޖަލްސާތަކާ ގުޅޭ ގޮތުން އެކި ފާޑުގެ ވާހަކަތައް އެ ބޭފުޅުން ދައްކަމުންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އަތޮޅުތަކުން މީހުން ނުގެނެސް ވެސް ބޮޑު ޖަލްސާއެއް މާލެގައި ބޭއްވުމުގެ ގާބިލުކަން ހުރީ ހަމަ އެކަނި ޕީޕީއެމް އަށާއި އެމްޑީޕީ އަަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ޕީޕީއެމް އިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރު ވަނީ ޖުމްހޫރީ ޕާޓީން ޖަލްސާއެއް ބޭއްވުމުން ކަމަށް ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ކުރިން ވެސް ޕީޕީއެމް އިން ބޮޑެތި ޖަލްސާތައް މާލެގައި ބާއްވަމުން އައިސްފައިވާ ކަމަށެވެ.
"އެ ބޭފުޅުނަށް [ޖުމްހޫރީ ޕާޓީ އަށް] އެފަދަ ތަނެއްގައި ޖަލްސާއެއް ބޭއްްވުނީ އަލަށް ކަންނޭނގެ. އެހެންވީމާ އެފަދަ ޖަލްސާތައް ދައްކަން ވަރަށް ބޮޑަށް ބޭނުންވާނެ. އަޅުގަނޑުމެނަކީ ކޮންމެ ވަގުތެއްގައި ވެސް ކޮންމެ ތަނެއްގައި ވެސް ޖަލްސާ ބޭއްވުމުގެ ކުޅަދާނަކަން ލިބިފައިވާ ޕާޓީއެއް. ހަމައެކަނި މާލެގައި، މި ރާއްޖެތެރެ އިން މީހުން ކަހާލައިގެން ނުގެނެސް މާލެގައި އޯޕަންތަނެއްގައި ޖަލްސާއެއް ބޭއްވުމުގެ ގާބިލުކަން މި ވަގުތު ލިބިފައިވާ ހަމަ އެކަނި ޕާޓީއަކީ ޕީޕީއެމް އާއި އެމްޑީޕީ. އެއްގޮތަކަށް ވެސް އެހެން ބަޔަކު ޖަލްސާއެއް ބޭއްވީމާއެއް ނޫން ޕީޕީއެމް ބާއްވަން މި އުޅެނީ. މީގެ ކުރިން ވެސް ވާނީ މާލޭގައި ބޮޑެތި ޖަލްސާތައް ބާއްވާފައި." ޖުމްހޫރީ ޕާޓީން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.