އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި ރ. އަނގޮޅިތީމު ފިނިވާގޭ އަހުމަދު ރަޝީދު 10 އަހަރަށް ޖަލަށްލުމަށް ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.

ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގައި އަހްމަދު ރަޝީދު 10 އަހަރަށް ޖަލަށް ލާން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައި ވަނީ އޭނާ އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

ހުޅުދުއްފާރު ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އޭނާއާ އެކު ޒިނޭކުރިކަމަށް އެ އަންހެން ކުއްޖާ އިއުތިރާފުވެފައިވާތީ އެ ކުއްޖާގެ ގައިގައި 100 އެތިފަހަރުން ހައްދު ޖެހުމާ އެކު އަށް މަސް ދުވަހަށް ގޭބަންދު ކުރުމަށް ވެސް ހުޅުދުއްފާރު ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އަހްމަދު ރަޝީދު ބުނެފައި ވަނީ ހުޅުދުއްފާރަށް އޭނާ ދިޔައީ އަންހެންކުއްޖާއާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް އެކުއްޖާ ދިން ދައުވަތަކަށް ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.