އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރާ އެއްގޮތަށް އެރަށު މީހެއްގެ ޕެންޝަން ފައިސާ ޕެންޝަން އޮފީހުން ޖަމާކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓަރު ސްޓޭކް ހޯލްޑާ ރިލޭޝަންސް އިސްމާއީލް ސުޖާއު ވިދާޅުވީ އެ ފައިސާ އިއްޔެގެ ވަގުތެއްގައި ރަސްދޫ ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށް ފަހު ލިޔުމުން އަންގާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ޖަމާކުރުމުގައި ލަސްތަކެއް ވެފައިވާކަން ގަބޫލުކުރައްވާ ކަމަށާއި ކޯޓުން އެންގި މުއްދަތުގައި އެ ފައިސާ ޖަމާކުރެވިފައިނުވަނީ އިދާރީގޮތުން ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ ފައިސާ ޖަމާކުރުން ލަސްވެފައިވާތީ ކަންހިނގައިދިޔަ ގޮތް ކޯޓުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަސްދޫ ކޯޓުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެރަށު ސްކޫލްގެ ކުރީގެ ޓީޗަރެއް ކަމަށްވާ އަލްމަރުހޫމް މުހައްމަދު އިބްރާހީމްގެ ޕެންޝަން ފައިސާ އެވެ. އެ ފައިސާ ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށް ރަސްދޫ ކޯޓުން އަންގާފައި ވަނީ އޭނާގެ ތަރިކައިގެ މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވާތީ އެވެ.