19 Aug 2013, 13:34
ހދ. ހިރިމަރަދޫ އާއި ތ. ވިލިފުށީގައި ބަނދަރެއް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
މިއަދު ހެނދުނު ބޭއްވި ހަފްލާއެއްގައި އެދެ ރަށުގެ ތެރެއިން ހިރިމަރަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހެވީ ފޯސް ކިޔާ ކުންފުންޏަކާ އެވެ. އަދި ވިލުފުށީ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް އެވެ.
ހައުސިން މިނިސްޓްރީ އިން މިއަދު ބުނީ ސަރުކާރުގެ ހަރަދުގައި ހިންގާ އެ ދެ ޕްރޮޖެކްޓްގެ ދަށުން ހިރިލަންދޫގައި 400 އަކަފޫޓާއި 200 އަކަފޫޓްގެ ބަނދަރެއް ހެދުމަށް ނިންމާފައިވާ ކަމަށާއި އެ ބަނދަރަކީ 24 މިލިއަން ރުފިޔާގެ ޕޮރޮޖެކްޓެއް ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރީ 297 ދުވަހުގެ ތެރޭގައި ނިންމަންކަމަށް ބުންޏެވެ.
އެ މިނިސްޓްރީ އިން ބުނީ ވިލިފުށީގައި ނެރުހެދުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 95 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 5.4 މިލިއަން ރުފިޔާ އަށް ކަމަށެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިތުރު ޕްރޮޖެކްޓްތަކެއް މި އަހަރުގެ ތެރޭގައި ކުރިއަށް ނުގެން ދިއުމަށް ފިނޭންސް މިނިސްޓްރީ އިން އަންގާފައިވާ ކަމަށް މީގެ ކުރިން ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ އިރު މިދުވަސްކޮޅު ސަރުކާރުން ހަރަދުކުރާ ގޮތަށް ޕްރޮޖެކްޓްތައް ހިންގަނީ ކީއްވެގެންތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓްތައް މިހާރު ހިންގަމުން ދަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަލިބިގެން ކަމަށެވެ.