ސްޕެނިސް ލީގުގައި ރެއާލް މެޑްރިޑް މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން އުނދަގޫ ގޮތަކަށް 2-1 އިން ރެއާލް ބެޓިސް އަތުން މޮޅުވެއްޖެ އެވެ.

ފްރާންސްގެ ޕީއެސްޖީއަށް މިދިޔަ ސީޒަންގެ ލީގު ކާމިޔާބު ކޮށްދިން ތަޖުރިބާކާރު އިޓަލީ ކޯޗު ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުގެ 14 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ބެޓިސް އިން ވަނީ ރެއާލް ހާސްކަމުގެ ތެރެއަށް ވައްޓަލާފަ އެވެ. ބެޓިސްގެ ލަނޑު ކާމިޔާބުކުރީ ޖޯޖް މޮލީނާ އެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 26 ވަނަ މިނިޓްގައި އެޓީމްގެ ފްރެންޗް ފޯވަޑް ކަރީމް ބެންޒެމާ އެވެ.

ދެވަނަ ހާފްގެ ކުޅުން 1-1ގެ ނަތީޖާއަކުން ފެށި އިރު މުޅި މެޗުގައި ވެސް އެންމެ ބޮޑަށް ނުތަނަވަސްކަން ފެނިގެން ދިޔަ އެއް ކުޅުންތެރިއަކީ ރެއާލްގެ ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެޗުގެ ނަތީޖާ ބަދަލުކުރާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ރޭގެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރިއަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ.

ރެއާލްއަށް މެޗުން މޮޅުވި ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ، އެޓީމަށް މި ސީޒަންގައި އަލަށް ގެނައި މަލާގާގެ ކުރީގެ ފޯވަޑް އިސްކޯ އެވެ. އެއީ އިސްކޯ ރެއާލްއާ ގުޅުނު ފަހުން އެޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑުވެސްމެ އެވެ.

ސްޕެނިސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ބާސެލޯނާ 7-0 އިން ލެވެންޓޭ ބަލިކުރި އިރު، ވަލަޑޮލިޑް އަތުން ބިލްބާއޯ މޮޅުވީ 2-1 އިންނެވެ. މަލާގާ އަތުން ވެލެންސިޔާ 1-0 އިން މޮޅުވި އިރު ސެވިއްޔާ އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވީ 3-1 އިން ނެވެ. އަދި އޮސަސުނާ އަތުން ގްރަނޭޑާ މޮޅުވީ 2-1 އިން ނެވެ.