އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގެ ވަރްސޯވާ އަވަށުގެ އެމަގުތަކުން ހިނގާ ނަމަ ސަލާން ޖަހާ އެތައް ބައެއް ފެންނާނެ އެވެ. މަގުގެ އެއް ކައިރީގައި އިށީނދެލައިގެން އިންނަ އުމުރުން ދުވަސްވީ އަންހެނެއް އިނދެ އެވެ. އޭނާ ނުދަންނަ މީހަކަށް އެއީ ސަލާން ޖަހާ މީހެއް ނޫންކަމެއް ނޭނގޭނެ އެވެ.

މުޅަވަމުންދާ ކާއެތިކޮޅަކާއި ހަލާކުވެފައިވާ މޯބައިލް ފޯނެއް ހިފައިންގެން، މިލަވެފައިވާ ހެދުމެއްގައި އިންނަ އުމުރުން 65 އަހަރުގެ ސުނީތާ ނައިކް ސަލާމެއް ނުޖަހަ އެވެ.

އޭނާގެ ތައުލީމީ ފެންވަރަށް ބަލާއިރު، ހަމަ އެކަނި ލިޔަން ކިޔަން ދަންނަނީއެއް ނޫނެވެ. ފަސް ބަހަކުން އޭނާ ދޫފަސޭހަކަމާ އެކު ވާހަކަ ދައްކަ އެވެ.

ވަރްސޯވާ އަވަށުގެ ޖޭޕީރޯޑްގެ ކައިރީގައިވާ ސިކުންގެ ފައްޅި "ގުރުޑުވާރާ ސަޗްޚަންދު ދަރުބާރު"ގެ ކުރިމައްޗަކީ ސުނީތާގެ ގެއަށް ވީތާ ދެ މަސް ދުވަސް ވެއްޖެ އެވެ. މުޑުދާރު އެތަނަކީ އޭނާގެ ގެއަށްވީ ކީއްވެ ކަމެއް އޭނާ ދެކޭ މީހުންނަކަށް ނޭނގެ އެވެ. އެތާގައި އޭނާގެ ހަމައެކަނި ބައިވެރިއަކީ އޭނާގެ 12 އަހަރުވީ ކުއްތާ "ޝާސީ"އެވެ.
ފައްޅީގެ ކުރިމަތީގައި ސަލާންޖަހަން ތިބޭ މީހުންގެ ތެރޭގައި އިނަސް، ސުނީތާއަކީ މުޅިން ތަފާތު މީހެއްކަން ދެނެގަތީ އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ އެންޑީޓީވީންނެވެ.

"އަހަރެން ވަރަށް ޅައިރު މައިންބަފައިން ވަނީ މަރުވެފައި. އެކުވެރިން ހިތްވަރުދިނުމުން، ރަނގަޅު ކާމިޔާބީއަކާ އެކު ޕޫނާ ޔުނިވަސިޓީން އަހަރެން ގްރުޖްއޭޓްވިން، މަސައްކަތުގައި ކުރިއަށް ދިޔައިން، މަރާތީ ބަހުން ނެރޭ ގްރިހަލަކްޝްމީ ނަމަކަށް ކިޔާ މަޖައްލާއެއްގެ އެޑިޓަރަކަށް އަހަރެން ވިން. އެ މައްޖައްލާގެ އޮފީސް ހުންނަނީ ގިރްގާއުމް ގައި، އެތަން ބަންދުކުރީ މަދު އަހަރުތަކެއް ކުރިން،" އެންޑީ ޓީވީއާ ވާހަކަ ދައްކަމުން ސުނީތާ ބުންޏެވެ.

ސުނީތާގެ ޒުވާން އުމުރުގައި އޭނާ ވީ ފަގީރުކަމާ ވަރަށް ދުރުގަ އެވެ. އޭނާގެ މިލްކިއްޔާތުގައިވާ ކަމަށް ކިޔައިދިން މުދާތައް އަގުކުރުމުން އޭނާއަކީ އޭރު މިލިއަނަރެއް ކަން އެނގެ އެވެ. އޭނާގެ އެންމެ ރަން ޒަމާނުގައި 1980ގެ އަހަރުތަކުގައި ވޮރްލީގެ ސެންޗަރީ ބާޒާރުގައި އޭނާގެ ދެ އެޕާޓްމެންޓް ހުއްޓެވެ. އޭނާ 2007 ވަނަ އަހަރާ ހަމައަށް ވެސް އެތަންތަނުގައި ދިރިއުޅުނެވެ. ވާރުތައިން ލިބިފައިވާ އޭނާގެ ބަންގަލޯއެއް ޕޫނާގައި ވެސް އޭރު ހުއްޓެވެ.

އެދުވަސްވަރު ސްނީތާ ޕަބްލިކް ޓްރާންސްޕޯޓް ބޭނުމެއް ނުކުރެ އެވެ. އޭނާގެ ދެކާރު ދުއްވަން އުޅުނު، އޭނާގެ އަމިއްލަ ޑްރައިވަރުގެ މަތިން ސެންޗަރީ ބާޒާރުގެ ޖަޔަންތު އެޕާޓްމެންޓް އިމާރާތުގެ އަވަށްޓެރިން ހަނދާން އެބަހުއްޓެވެ.

"ޕޫނާގެ ބަހާދަރު ރޯޑްގައި ހުރި އަހަރެންގެ ބަނގަލޯ 1984 ވަނަ އަހަރު ވިއްކާލީ 600،000 ރުޕީސްއަށް، ވޮރްލީގައި ހުރި އަހަރެންގެ ދެ ފްލެޓާއި ދެކާރު 2007 ވަނަ އަހަރު ވިއްކާލީ 80 ލައްކަ( އަށް މިލިޔަން) ރުޕީސްއަށް، " ފަގީރުވަމުން ދިޔަ ގޮތް ކިޔައިދެމުން ސުނީތާ ބުނެފައި ވެއެވެ.

ގޮތް ނޭނގޭ ގޮތަކަށް ފައިސާ ހުސްވަމުންދާ ކަން އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެނގުނު ކަމަށް އޭނާ ބުނެފައިވެ އެވެ. އަގުހެޔޮ ގެއެއް ހޯދުމަށް އެހިސާބުން އޭނާ އައީ އޭނާ މިހާރު ދިރިއުޅޭ ވަރްސޯވާއަށެވެ. ނަމަވެސް އޭނާ އަށް އެންމެ ފަހުން މިހާރު އުޅެން ޖެހިފައި ވަނީ ގެދޮރުނެތް މީހެއްގެ ގޮތުގައި ފައްޅީގެ އެހީގަ އެވެ.

"އެމީހުން އަހަރެންނަށް ރަނގަޅު، ކާއެތިކޮޅުދޭ،" ސުނީތާ ބުންޏެވެ.

އޭނާ ބުނެފައިވާ ގޮތުގައި ފައިސާ ހުސްވި ގޮތެއް އޭނާއަށް ވެސް ނޭނގެ އެވެ.

"ބާއީމަހާލިންގައި ކުޑަ ކޮޓަރިއެއްގައި އުޅޭ އަހަރެންގެ ކުރީގެ މުވައްޒަފު ކަމަލް ރައިކާރް ކަމަށް ވެދާނެ، އަހަރެންގެ ބޭންކް އެކައުންޓްތައް އޮޕަރޭޓްކުރަނީ ޓަރްޑިއޯ، އޭނާ އަށް އެނގިދާނެ،" ފައިސާ ހުސްވި ގޮތާ ބެހޭ ގޮތުން ސުނީތާގެ އޮތީ ހަމައެކަނި ހީއެކެވެ.

އެއް ދުވަސްވަރެއްގެ މިލިއަނަރް ސުނީތާ މިހާރު ދިރިއުޅެނީ މަގުމަތީގައި ބިކަހާލުގަ އެވެ. އޭނާ އަށް ހިޔާވަހިކަން ދޭން ބައެއް މީހުން ހުށައަޅަ އެވެ. ނަމަވެސް ބަލި ޖެހިފައިވާ އޭނާގެ ކުއްތާ ގެންދަން އެމީހުން އެއްބަހެއް ނުވެ އެވެ. ނަމަވެސް 12 އަހަރު ވަންދެން އެކުގައި އުޅުނު ބައިވެރިއާ ދޫކޮށްލަން އޭނާ ބޭނުމެއް ނުވެ އެވެ.