16 Nov 2010, 10:30
ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
އީދު ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ ޢީދު ދުވަހު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި އަހަރު ރާއްޖެ އިން ޙައްޖުގެ މާތް އަޅުކަން އަދާކުރެއްވުމަށް ވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ވެސް ރައީސް ވަނީ އީދު ތަހުނިއްޔާ ވިދާޅުވެފަ އެވެ.
އަޟުޙާ ޢީދު ދުވަހަކީ، ހިތްހެޔޮކަމާއި އުފާވެރިކަމުގެ ޝުޢޫރުތައް ހާމަކުރުމުގެ ދުވަހެއް ކަމަށާއި މިއަދަކީ އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި އެހީއަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެންނަށް ވީ މިންވަރަކުން އެހީތެރިވެދީ އެމީހުންނާ އަޅާލުމުގެ ދުވަސް ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށްވެސް ރައީސްގެ އެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.
އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ފޮނުއްވާފަ އެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.